ފުރަތަމަ ސަފްޙާ / ޚަބަރު / މުނޯޒް އާއެކު އިތުރު 6 ކުޅުންތެރިން ފޯކައިދޫއަށް

މުނޯޒް އާއެކު އިތުރު 6 ކުޅުންތެރިން ފޯކައިދޫއަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 14 ޖެނުއަރީ 2020

ރާއްޖޭގެ ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ސްޕެއިންގެ ފޯވަޑް އެންހެލް ކަރެސްކޮސާ މުނޯޒް އާއެކު އިތުރު ހަ ކުޅުންތެރިން ށ. ފޯކައިފޫ ފުޓުބޯޅަ ޓީމާ ގުޅިއްޖެއެވެ.

އުމުރުން 29 އަހަރުގެ މުނޯޒް ފޯކައިދޫއާ ގުޅުނުކަން އެ ކްލަބުން ވަނީ “ފަހުމިނެޓް” އަށް ޔަގީން ކޮށްދީފައެވެ. މިސީޒަނުގެ ކުރީކޮޅު ޓީސީ ސްޕޯޓްސް ކްލަބުން ފެނުނު މުނޯޒަކީ ރާއްޖޭގެ ގިނަ ކްލަބް ތަކަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

2014 ވަނައަހަރު ކްލަބް އީގަލްސް އަށް ގެނައި ފޯވަޑް އެއަށްފަހު ވަނީ ފުރަތަމަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އާއި އއ. މާޅޮސް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ. ކްލަބް ވެލެންސިއާ އާއެކު 2016 ވަނަ އަހަރުގެ އެފް އޭކަޕް ވެސް އުފުލާލި މުނޯޒަކީ ސްޕެއިންގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ދަ ގްރާންޑޭ ސްޕޯޓްސް އަށް ވެސް ކުޅެފައެވެ.

މުނޯޒްގެ އިތުރުން ފޯކައިދޫ ޓީމުން ވަނީ ގިނަ ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އާއި ފ. ނިލަންދޫ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މިސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ގާނާ ޑިފެންޑަރު ސެމިޔުލް ލަމްޕްޓީގެ އިތުރުން ޓީސީއަށް ކުޅެމުން އައި އާދަމް އިޝާމް (ސަން) ސީޒަންގެ ބާކީބައިގައި ފެންނާނީ ފޯކައިދޫ ޓީމުންނެވެ. މީގެ އިތުރުން ވެސް މާޒިޔާގެ ޒުވާން ކުޅުންތެރިޔާ އިބްރާހިމް އިމްރާހް އާއި ޑިފެންޑަރު އިބްރާހިމް އަނޫފް އަދި ގްރީން ސްޓްރީޓްސްގެ ޒުވާން ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ރާއިފް އަބްދުﷲ (ސިޑް) ވެސް ވަނީ ފޯކައިދޫ އަށް ބަދަލުވެފައެވެ.

ފޯކައިދޫގެ ކޯޗް އަލީ ނިސްތާރު މުހައްމަދު ބުނީ، ޓީމު އޮތީ ރަގަޅު ހާލުގައި ކަމަށާއި، ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަކީވެސް މެޗުން މޮޅުވާން ބޭނުންވާ، ގޮތް ދޫނުކުރާ ކުޅުންތެރިން ކަމަށެވެ. “ޓީމް އޮތީ ހެޔޮ ހާލުގައި، އަދި އަޅުގަނޑުމެންގެ ޓާގެޓް ކަމަށްވާ ޓޮޕް 6 އަށް ވެސް ރީޗް ވެއްޖެ. އަދި ގިނަ މަސައްކަތްތައް ކުރައްވަނީ ކްލަބްގެ ރައީސް އާސިފް އާއި ސިމްބެ އެކަނި މާއެކަނި. މި ޓީމުގަ މިތިބަ ޕްލޭޔާސް އަކީ ވަރަށް ގޮތް ދޫނުކުރާ، މޮޅު ބޭނުންވާ ކުދިންކޮޅެއް. އޭންހަލް (މުނޯޒް) އަކީވެސް ހަމަ އޭގެ މީހެއް. ވަރަށް މެޗްގަ ގޮތްދޫނުކުރާނެ. އެހެންވީމާ އަޅުގަނޑު ވަރަށް އުފާވެއްޖެ އާސިފް މިކަން ކޮށްދެއްވީމަ”، ނިސްތާރު ބުންޏެވެ.

ޓްރާންސްފާ ބާޒާރު ހުޅުވިފައި އޮތުމާއެކު ފޯކައިދޫގެ ބައެއް މުހިންމު ކުޅުންތެރިން ވަނީ ސީޒަނުގެ ބާކީބަޔަށް އެހެން ޓީމްތަކަށް ބަދަލުވެފައެވެ. ފޯކައިދޫއަށް ކުޅޭ ޕާކިސްތާނުގެ ގައުމީ ޓީމުގެ ގޯލް ކީޕަރު ސާގިބް ހަނީފާއި، އަލީ ޝާމިސް (ތޮއްޕޭ) އަދި މިސްރުގެ ޑިފެންޑަރު މަހުމޫދް ސައީދު (ރާމޯސް) ލޯން އުސޫލުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފައި ވާއިރު، ހަސަން ނަޒީމް (ޗޯޓު) ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ކްލަބް އީގަލްސްއާ ގުޅިފައެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރު މިއަދު ފަށާއިރު، ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ތާވަލުގެ ހަވަނައިގައި އޮތް ފޯކައިދޫ އާއި އެއްވަނާގައި އޮތް މާޒިޔާއެވެ. ލީގު ފުރަތަމަ ބުރުގައި މިދެޓީމް ވާދަކުރި މެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެވަނަ ބުރުގެ މެޗް މާޒިޔާ ކާމިޔާބުކުރީ 3-2 ގެ ހަނި ތަފާތަކުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!