ފުރަތަމަ ސަފްޙާ / ޚަބަރު / ވަލްވާޑޭ މަގާމުން ވަކިކޮށް ބާސެލޯނާއިން އާ ކޯޗަކު ހަމަޖައްސައިފި

ވަލްވާޑޭ މަގާމުން ވަކިކޮށް ބާސެލޯނާއިން އާ ކޯޗަކު ހަމަޖައްސައިފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 14 ޖެނުއަރީ 2020

ބާސެލޯނާގެ ކޯޗްކަމުގެ މަގާމުން އާނެސްޓޯ ވަލްވާޑޭ ވަކިކޮށް އެ މަގާމަށް ރެއާލް ބެޓިސްގެ ކުރީގެ ކޯޗް ކްއިކޭ ސެޓިއެން ހަމަޖައްސައިފިއެވެ. ވަލްވާޑޭ މަގާމުން ދުރުކުރިކަން ބާސެލޯނާއިން އިއުލާންކޮށްފައިވަނީ މިރޭ އެ ކްލަބުން ނެރެފައިވާ ބަޔާނެއްގައެވެ.

ބާސެލޯނާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަލްވާޑޭ އާއިއެކު ކްލަބުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ވަލްވާޑޭގެ ފަރާތުން ފެނުނު ޕްރޮފެޝަނަލްކަމާއި ކޮމިޓްމަންޓަށް ޝުކުރުއަދާކުރާ ކަމަށެވެ.

ވަލްވާޑޭ ބާސެލޯނާގެ ކޯޗްކަމާ ހަވާލުވީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އުމުރުން 55 އަހަރުގެ ވަލްވާޑޭ ވަނީ އޭގެ ފަހުން ބާސެލޯނާއަށް ޖެހިޖެހިގެން ދެ އަހަރު ލީގު ޗެމްޕިއަންކަން ހޯދައިދީފައެވެ. މިސީޒަންގައި ގޯލްގެ ތަފާތުން ލީގުގެ އެއްވަނައިގައި މިވަގުތު އޮތީވެސް ބާސެލޯނާއެވެ. އެކަމަކު ވަލްވާޑޭ އަށް މަގާމު ގެއްލުމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ބެލެވިފައިވަނީ އޭނާގެ އިރުޝާދުގެ ދަށުން ގިނަ މެޗްތަކެއްގައި ބާސެލޯނާގެ ފަރާތުން ދަށް ކުޅުމެއް ފެނުމާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރެވިފައި ނުވުމެވެ. ވަލްވާޑޭ އަކީ މީގެ 17 އަހަރު ކުރިން ބާސެލޯނާގެ ކޯޗްކަމުގެ މަގާމުން ނެދަލޭންޑްސްގެ ލުއި ވެން ހާލް ވަކިކުރިފަހުން ސީޒަންގެ މެދުތެރެއިން ބާސެލޯނާގެ ކޯޗްކަމުގެ މަގާމުން ވަކިކުރި ފުރަތަމަ މީހާއެވެ. ވަލްވާޑޭގެ މަގާމް ގެއްލުނުއިރު އޭނާ އާއި ބާސެލޯނާ އާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ ހަމަސްދުވަހެވެ..

ބާސެލޯނާގެ ކޯޗްކަމުގެ މަގާމަށް އަލަށް ހަމަޖެއްސި އުމުރުން 61 އަހަރުގެ ސެޓިއެން ވަނީ މިދިޔަ ސީޒަންގެ ކޮޕަ ޑެލް ރޭ ސެމީ ފައިނަލަށް ރެއާލް ބެޓިސް ގެންގޮސްދިނުމުގެ އިތުރުން 2005 ވަނަ އަހަރުގެ ފަހުން ލީގުގައި އެމީހުންނަށް މިހާތަނަށް ދަތުރުކުރެވުނު އެންމެ އުހަށް ދަތުރުކުރުމަށް އެހީތެރިވެދީފައެވެ. މިދިޔަ ސީޒަނަށްފަހު ރެއާލް ބެޓިސްގެ ކޯޗްކަމުން އަމިކއްލައަށް އިސްތިއުފާދިން ސެޓިއެން ވަނީ ބެޓިސްއާއެކު ހޭދަކުރި ދެ އަހަރުދުވަހުގެ ތެރޭގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން އެތުލެޓިކޯ މެޑްރިޑް އާ ދެކޮޅަށް ކުޅުނު ބައެއް މެޗްތަކުން ކުރި ހޯދައިފައެވެ. ބާސެލޯނާގެ ކޯޗްކަމުގެ މަގާމަށް ސެޓިއެން ހަމަޖައްސައިފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!