ފުރަތަމަ ސަފްޙާ / ޚަބަރު / ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 13 ޖެނުއަރީ 2020

ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލްގައި ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ސައޫދީ އަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ރޭ ކުޅުނު ފައިނަލް މެޗް ރެއާލް މެޑްރިޑުން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 1-4 އިންނެވެ.

ރޭގެ މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓްގެ ދެ ހާފް ކުޅެ ނިމުނު އިރުވެސް ނަތީޖާ އޮތީ 0-0 ގައެވެ. މެޗްގެ ފުރަތަމަ ހާފްގައި ވަނދު ކުޅުމެއް ދެ ޓީމްގެ ފަރާތުންވެސް ފެނުނުއިރު ގޯލެއް ޖަހަން އެ ހާފްގައި ހަމައެކަނި ފުރުސަތެއް ލިބުނުތަން ފެނުނީ އެތުލެޓިކޯ މެޑްރިޑަށެވެ. އެކަމަކު ރެއާލް މެޑްރިޑްގެ ތަޖްރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ހެދުނު ގޯހަކުން ޕެނަލްޓީ އޭރިއާގެ ރޮނގުމަތީގައި ކަހަލަގޮތަކަށް ހުރި އެތުލެޓިކޯ މެޑްރިޑްގެ ޒުވާން ފޯވާޑް ޔާއޯ ފިލިކްސް އަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލުމުން ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

މެޗްގެ ދެވަނަ ހާފް ވަރަށް ރަނގަޅަށް ރެއާލް މެޑްރިޑުން ފެށިއިރު އެ ހާފްގައި އެޓީމަށް ކުޅެމުން އަންނަ ސާބިއާގެ ލޫކާ ޔޮވިކް އަށް ލިބުނު ބޯޅައެއް އެތުލެޓިކޯގެ ދެ ޑިފެންޑަރުން ގާތުން ކަޓުވާލުމަށްފަހު ގޯލާ އަމާޒުކޮށް ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރަށެވެ. އެތުލެޓިކޯ މެޑްރިޑަށް މި ހާފްގައި ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާލެވޭ ވަރުވީ ހާފް ނިމެން 11 މިނެޓަށް ވެފައި ވަނިކޮށެވެ. އެތުލެޓިކޯ މެޑްރިޑްގެ ކިއެރަން ޓްރިޕިއާ ރެއާލް މެޑްރިޑްގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތީގައި ކަހަލަ ގޮތަކަށް ހުރި އަލްވާރޯ މޮރާޓާ އަށް ދިން ބޯޅަ މޮރާޓާ ފޮނުވާލުމުން އެ ބޯޅަ ސަލާމަތްކޮށްފައިވަނީ ރެއާލް މެޑްރިޑްގެ ގޯލް ކީޕަރު ތިބާއު ކޯޓުއާ އެވެ.

ޖެމްލަގޮތެއްގައި ދެޓީމުގެ ފަރާތުން މުޅި މެޗްގައިވެސް ވަރަށް އާދައިގެ ކުޅުމެއް ފެނުނުއިރު މެޗްގެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 30 މިނެޓްގެ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް މެޗް ވަރަށް ބޮޑަށް ހޫނުވިތަން ފެނުނެވެ. އެކަން އެގޮތަށް ދިމާވީ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް މޮރާޓާއަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތުގައި ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަންނަން ދަނިކޮށް ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ޕެނަލްޓީ އޭރިޔާގެ ބޭރުން މޮރާޓާއަށް ފައުލްކުރުމާއި ގުޅިގެންނެވެ. މި ފައުލާ ގުޅިގެން ވަލްވާޑޭ އަށް ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލިއިރު ދެޓީމްގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގިތަންވެސް ފެނުނެވެ.

ރޭގެ މެޗްގެ ވަގުތު ހަމަވެގެން ކުރިއަށްގެންދިއަ ޕެނަލްޓީ ޝޫޓްއައުޓްގައި ރެއާލް މެޑްރިޑުން ޖެހި ހަތަރު ޕެނަލްޓީވެސް ގޯލަށް ވައްދާލި އިރު އެތުލެޓިކޯ މެޑްރިޑުންޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީވީ ބޭކާރެވެ. އޭގެ ތެރެއިން އެއް ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތްއިރު އަނެއް ޕެނަލްޓީ ވަނީ ރެއާލްގެ ކީޕަރު ކޯޓުއާ ދިފާއުކޮށްފައެވެ. ރެއާލް މެޑްރިޑަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްދިން ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ އެޓީމްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

މިއީ ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރި 11 ވަނަ ފަހަރެވެ. އަދި، މިއީ ހަތަރު ޓީމް ވާދަކުރާ ގޮތަށް މުބާރާތުގެ ފޯމެޓަށް ބަދަލު ގެނައިފަހުން ކުޅުނު ފުރަތަމަ މުބާރާތެވެ. ކުރިން ސްޕެނިޝް ސުޕަރ ކަޕް ވެފައި އޮންނަނީ ސީޒަން ހުޅުވުމުގެ ގޮތުން ލީގް ޗެމްޕިއަން ޓީމާއި، އެފްއޭކަޕް ޗެމްޕިއަން ޓީމާއި ދެމެދު ކުޅޭ ދެ ލެގްގެ މެޗަށެވެ. މިފަހަރުގެ މުބާރާތުގައި ރެއާލް އާއި އެތުލެޓިކޯގެ އިތުރުން ދެން ވާދަކޮށްފައިވަނީ ބާސެލޯނާ އާއި ވެލެންސިއާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!