ފުރަތަމަ ސަފްޙާ / ޚަބަރު / ދެ ވަނަ ބުރުގެ ފަހު މެޗުގައި އީގަލްސް އިން ޓީސީ ބަލިކޮށްފި

ދެ ވަނަ ބުރުގެ ފަހު މެޗުގައި އީގަލްސް އިން ޓީސީ ބަލިކޮށްފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 12 ޖެނުއަރީ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށްފި އެވެ. މި ނަތީޖާއާ އެކު އީގަލްސް ދެ ވަނަ ބުރު ނިންމާލީ ދެ ވަނައިގައި ލީޑު ފުޅާކޮށްގެންނެވެ.

ލީގުގެ އެއް ވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. އީގަލްސް އަށް ދެ ވަނަ ލިބެނީ 16 މެޗުން 33 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ތިން ވަނައިގައި އޮތް ޓީސީ އަށް 28 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 21 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތްއިރު ހަ ވަނައިގައި އޮތީ 20 ޕޮއިންޓް ލިބިފައިވާ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. ލީގުގެ ތިން ވަނަ ބުރަށް އެފްއޭއެމުން ގެނައި ބަދަލާއެކު ވާދަކުރާނީ ގަދަ 6 ޓީމެވެ. ދެ ވަނަ ބުރު ނިމުނުއިރު 16 ޕޮއިންޓާއެކު ހަތް ވަނަ ލިބުނު ޔުނައިޓެޑް ވިކްޓްރީ އާއި 14 ޕޮއިންޓާއެކު އަށް ވަނަ ލިބުނު ފ. ނިލަންދޫ ސްޕޯޓްސް ކްލަބަށް މިހާރު ވަނީ ލީގު ނިމިފަ އެވެ. ޕޮއިންޓެއް ނުލިބި ލީގުގެ ފުލަށް ދިޔަ ވިކްޓްރީ ސްޕޯޓްސް ކްލަބް ވަނީ ލީގުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން މާލީ އަދި އެހެނިހެން މައްސަލަތަކާ ހެދި ސަސްޕެންޑްކޮށްފަ އެވެ.

އީގަލްސް އިން ވަނީ މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ފ. ނިލަންދޫ ސްޕޯޓްސް ކްލަބުން އެޓީމާ ގުޅުނު ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ޓޮޝީކީއާ އެކު ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުން އީގަލްސް އަށް ބަދަލުވި ހަސަން ނަޒީމް (ޗޯޓު) އިނީ ބެންޗުގަ އެވެ. ޓީސީގެ ފުރަތަމަ އެގާރައިގައި ވަނީ އެޓީމާ އަލުން ގުޅުނު އަލީ އަޝްފާގް (ދަގަނޑޭ) ހިމަނައިފަ އެވެ. ދަގަނޑޭ އަކީ 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ޓީސީން ކާމިޔާބުކުރިއިރު 22 ގޯލު ޖަހައިދިން ކުޅުންތެރިއެކެވެ. ފޯކައިދޫން ޓީސީއާ ގުޅުނު ހަލީލް ގަމާލް ބެންޗުގައި އިންއިރު، އަލީ ޝާމިސް (ތޮއްޕޭ) ހުރީ ސަސްޕެންޝަނުގަ އެވެ.

މިއަދުގެ މެޗުގައި ޓީސީގެ ޒުވާން މިޑްފީލްޑަރު ޔަޒްދާން ބޯޅަ ފޮނުވާލަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިއަދުގެ މެޗުގައި އީގަލްސް އިން ލީޑު ނެގީ 16 ވަނަ މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ޖަހައިދިން ގޯލުންނެވެ. އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ރިޒޭ އަށް ދިން ބޯޅަ ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލީ ފަސޭހަކަމާއެކު އެވެ. ޓީސީއަށް މައްސަލަތައް ކުރިމަތިވީ އޭގެ ތިން މިނެޓު ފަހުން ސާދު ނިޒާރު އަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ސާދު އަށް ރަތެއް ދެއްކީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ގޯލު ޖަހަން ހުސްކޮށް ލިބުނު ފުރުސަތެއްގައި ފައުލް ކުރުމުންނެވެ. ސާދު އަށް ރަތެއް ދެއްކިތާ އިރުކޮޅެއް ފަހުން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ކެޕްޓަން އަހުމަދު ފައްރާހްގެ ބަދަލުގައި ހަލީލް ކުޅެން އަރުވައިފަ އެވެ. މި ހާފުގެ ބާކީ ބައިގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އީގަލްސް އިންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ސެންޓޭގެ ގޯލުން ލީޑު ފުޅާކޮށްފަ އެވެ. ރިޒޭ ދިން ބޯޅަ ސެންޓޭ ފޮނުވާލުމުން ގޯލަށް ވަނީ ޓީސީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ. އީގަލްސް ދެ ގޯލު ޖެހުމުން ޓީސީން ވަނީ ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. މި ހާފުގައި ދަގަނޑޭ ދިން ބޯޅައެއް އިޝާން އިބްރާހީމް (ސައްޓު) ފޮނުވާލުމުން އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުގައި ޓީސީ ކުޅުންތެރިއަކު ބޮލުން ޖެހި ބޯޅަ ވެސް ސުޖަން ވަނީ މަތަކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން އީގަލްސް އިން ކައުންޓަ އެޓޭކުގައި އުފެއްދި ހަމަލާއެއްގައި ރިޒޭ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލަށް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. މެޗުގެ 76 ވަނަ މިނެޓުގައި ރެފްރީ ވަނީ އީގަލްސްގެ ޓޮޝީކީ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފަ އެވެ. އަދި 82 ވަނަ މިނެޓުގައި އީގަލްސްގެ އޮފިޝަލް އަހުމަދު ނިމާދް އަށް ރެފްރީ ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. އީގަލްސްގެ ތިން ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ރިޒޭ ދިން ބޯޅައަކުން ޖެހީ ޗޯޓު އެވެ. އަރިމަތިން ރިޒޭ ތިރިތިރިން ނަގައިދިން ބޯޅަ ޗޯޓު ގޯލަށް ފޮނުވާލީ ހަމަޖެހިލާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރިޒޭ އެވެ.

ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ފޯކައިދޫ އެވެ. އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާނެ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ މިއަދުގެ މެޗުގައި ވާދަކުރި އީގަލްސް އާއި ޓީސީ އެވެ. ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ނިމޭނީ މާޗް ދެ ވަނަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!