ފުރަތަމަ ސަފްޙާ / ޚަބަރު / ރެކޯޑު ހާއްސައެއް ނޫން، ބޭނުމީ ތަށި: ކްލޮޕް

ރެކޯޑު ހާއްސައެއް ނޫން، ބޭނުމީ ތަށި: ކްލޮޕް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 12 ޖެނުއަރީ 2020

ކްލަބަށް ލިބޭ ރެކޯޑުން ހާއްސަކަމެއް އިހުސާސް ނުކުރެވޭ ކަމަށާއި، އަމާޒަކީ ތަށި ލިބެންދެން މަސައްކަތް ކުރުން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ. ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން ހޯދި މުހިއްމު މޮޅާއެކު ލިވަޕޫލް ވެފައިވަނީ ޔޫރަޕްގެ ފަސް ލީގުގެ ތާރީހުގައި ކްލަބަކުން އެންމެ ރަނގަޅަށް ފެށި ޓީމުގެ ރެކޯޑް ހަދައިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ރެކޯޑް ކިތަންމެ ފުރިހަމަ ވިޔަސް ތަށި ލިބެންދެން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. މި ސީޒަނުގެ ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗު ކާމިޔާބުކޮށް ކްލޮޕްގެ ލިވަޕޫލް ވަނީ 61 ޕޮއިންޓް ހޯދައިފަ އެވެ. މިއީ މީގެ ކުރިން ޔޫރަޕްގެ އެއްވެސް ލީގެއްގައި މި އަދަދަށް މެޗު ކުޅެގެން ޓީމަކަށް ޕޮއިންޓް ހަމަކުރެވިފައިވާ އަދަދެއް ނޫނެވެ. ލިވަޕޫލްގެ ފަހަތުން މި ލިސްޓުގެ ދެ ވަނައިގައި އުޅެނީ 14-2013 ސީޒަނުގައި 19 މެޗުން 59 ޕޮއިންޓް ހޯދި ބަޔާން މިއުނިކާއި 18-2017 ސީޒަނުގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދި މެންޗެސްޓަރ ސިޓީ އެވެ.

“އަހަރެމެންނަށް އެނގޭ ރެކޯޑު ވަރަށް ހާއްސަކަން އެކަމަކު އެކަން އިހުސާސެއް ނުކުރެވޭ. ތަށި ލިބެންދެން މަސައްކަތް ކުރަން ޖެހޭނެ. އެއީ ފެށުމަކީ. އަހަރެމެން އެބަޖެހޭ މި ނަތީޖާތައް ކުރިއަށްގެންދަން އެއީ ވާދަވެރިން ތިބީ ވަރަށް ވަރުގަދަކޮށް. ގާޑިއޯލާގެ ސިޓީން ދުލެއް ނުދޭނެ” މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ލިވަޕޫލާ ދެކޮޅަށް ނުކުތް ޓޮޓެންހަމްގެ ފުރަތަމަ އެގާރައިގައި ކޯޗު ހޯސޭ މޮރީނިއޯ ވަނީ 20 އަހަރުގެ އިންގްލެންޑް ޑިފެންޑަރު ޔަފެޓް ޓަންގަންގާ ހިމަނައިފަ އެވެ. މިއީ ޓަންގަންގާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ލިވަޕޫލުން ރޭގެ މެޗު ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ރޮބާޓޯ ފިރްމީނޯ ޖެހި ގޯލުންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެޓީމުގެ ސޮން ހެއުން މިން އާއި ޖިއޮވާނީ ލޮ ސެލްސޯ އަށް ލިބުނު ހުސް ފުރުސަތުތަކުގައި ފޮނުވާލި ބޯޅަތައް ގޯލާ އަމާޒެއް ނުވި އެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް އުނދަގޫ ހާލަތެއްގައި އޮވެ ޓޮޓެންހަމުން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށާއި މެޗުން އެޓީމު ބަލިވާން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ލީގުގައި އިއްޔެ އާސެނަލުން ރަށުން ބޭރުގައި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު މެންޗެސްޓަރ ޔުނައިޓެޑާ ޗެލްސީ ވަނީ ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ. އާސެނަލަށް އިއްޔެގެ މެޗުގައި ހަމައެކަނި ގޯލު ޕިއޭ އެމެރިކް އޮބާމިޔަން ޖެހިއިރު ދެ ވަނަ ހާފުގައި ޕެލޭސްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޮބާމިޔަން އަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ. މެޗުގައި ޕެލޭސް އަށް އެއްވަރުކުރި ގޯލު ޖަހައިދިނީ ޖޯޑަން އަޔޫ އެވެ.

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި 4-0 އިން ނޯވިޗް ސިޓީ ބަލިކުރިއިރު މާކަސް ރަޝްފާޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑަށް ކުޅެދިން 200 ވަނަ މެޗުގައި ރޭ ޖެހި ދެ ގޯލާއެކު ރަޝްފާޑް ވަނީ މި ސީޒަނުގައި އެ ކްލަބަށް 19 ގޯލު ކާމިޔާބުކޮށްދީފަ އެވެ. ލީގުގައި ރަޝްފާޑް ވަނީ 14 ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑްގެ އަނެއް ގޯލުތައް ރޭ ޖަހައިދިނީ އެންތަނީ މާޝިއަލް އާއި ޒުވާން ފޯވާޑް މޭސަން ގްރީންވުޑެވެ. ގްރީންވުޑް ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ނުވަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ބާންލީ 3-0 އިން ބަލިކުރިއިރު ގޯލުތައް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އާއި ޓަމީ އަބްރަހަމް އަދި ކަލުމް ހަޑްސަން-އޮޑޯއީ އެވެ.

ރޭ ލެސްޓަ ސިޓި ވަނީ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 2-1 އިން ބަލިވެފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ސައުތެމްޓަން ދަނޑުގައި 9-0 އިން މޮޅުވެ ލެސްޓާ އިން ރެކޯޑް ހެދި ނަމަވެސް ރޭ އެޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެވެ.

ލެސްޓާ ރޭގެ މެޗުން ބަލިވުމުން ލިވަޕޫލަށް ވަނީ އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލިވަޕޫލަށް 61 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ލެސްޓާ އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. 44 ޕޮއިންޓާއެކު ތިން ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ މިރޭ ރަށުން ބޭރުގައި އެސްޓަން ވިލާ ބަލިކޮށްފި ނަމަ ތާވަލުގެ ދެ ވަނަ ލިބޭނެ އެވެ. 39 ޕޮއިންޓާ އެކު ޗެލްސީ ހަތަރު ވަނައިގައި އޮތްއިރު ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ޓޮޓެންހަމް 30 ޕޮއިންޓާއެކު އަށް ވަނައިގައި އޮތްއިރު އާސެނަލް އޮތީ 28 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!