ލިވަޕޫލްގެ ކޯޗް ޔާގެން ކްކޮޕް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް ހޯސޭ މޮރީނިއޯ އާ ދެމީހުންގެ ތެރެއިން ކުޅުންތެރިއެއްގެ ގޮތުގައި މޮޅުވާނީ ކާކުތޯ ނޫސްވެރިއަކު ކްލޮޕް ގާތު އެހުމުން މޮރީނިއޯއާ ގުޅޭގޮތުން ގޫގުލް ސާޗްކުރަން ނޫސްވެރިންނަށް ކްލޮޕް ޖައްސައިފި އެވެ.
މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާ ލިވަޕޫލް ވާދަކުރަން ހަމަޖެހިފައި އޮތް މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅުންތެރިއެއްގެ ގޮތުގައި މޮރީނިއޯ އާއި ކްލޮޕް އަޅާ ކިޔުމަށް ނޫސްވެރިޔާ ކުރި ސުވާލަށް ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ކްލޮޕް ކުރީ ސުވާލެކެވެ.
“އެއްވެސް މީހަކަށް އެނގޭތަ މޮރީނިއޯ ކުޅުނީ ކޮން މަގާމަކަށް ކަން؟ އެ ސުވާލުގެ ޖަވާބު ނޭނގުނަސް އަހަރެން ކުށްވެރި ނުކުރާތި. އެއްވެސް މީހަކަށް އެނގޭތަ؟ އަހަރެންނަށް ހީވަނީ އޭނަ ކުޅުނީ ގޯލްކީޕަރަކަށްހެން.” ކުރިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ކޯޗްކޮށްދިން ކްލޮޕް ބުންޏެވެ.
އެކަމަކު އެހިސާބުން ކޮލްޕް ބޭނުންވީ އެކަން ޔަގީންކުރާށެވެ.
“އަހަރެން ބޭނުން އެކަން އެނގެން. އެކަމާ އުޅެބަލަ. އަހަރެމެންނަށް ވަގުތު އެބައޮތް.” މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ލިވަޕޫލަށް ހޯދައިދިން ކްލޮޕް ވަރަށް ހަމަޖެހިގެން އިނދެ ބުންޏެވެ. އެކަމަކު އެއާއެކު ނޫސްވެރިން އެކަމަށް ވަގުތު ނެތްކަމަށް ބުނުމުން ކްލަޕް އެކަމާ ދެކޮޅު ހެދި އެވެ.
“އަހަރެންނަށް ވަގުތު އެބައޮތް” ކްލޮޕް ބުންޏެވެ.
ކްލޮޕްގެ އެ ޖަވާބާއެކު އެވަގުތު ގޫގުލް ސާޗްކޮށްގެން ބެލިބެލުމުން އެނގުނީ މޮރީނިއޯ ކުޅުނީ މިޑްފީލްޑް ކުޅުންތެރިއެއްގެ ގޮތުގައި ކަމެވެ.
“މާފުކުރާތި ހޯސޭ. އެހެންވިއަސް އެ ޗެރިޓީ މެޗްގައި އޭނަ ކުޅުނީ ގޯލްކީޕަރަކަށް.” ގޫގުލްއިން ލިބުނު މައުލޫމާތާ ގުޅުވައިގެން ކްލޮޕް ބުންޏެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ކުޅުނު ދުވަސްވަރު މިޑްފީލްޑަރެއްގެ ގޮތުގައި މޮރީނިއޯ ފެނުނުއިރު ކްލޮޕް ވަނީ ތަފާތު މަގާމްތަކަށް ކުޅެފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރު ކްލޮޕް ފެށި ދުވަސްވަރު ކުރިއަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ނަމަވެސް ފަހުން ފެނިފައިވަނީ ކަނާތް ފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ޕޯޗްގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަ މިލާނަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މޮރީނިއޯއާ ގުޅުވައިގެން ނޫސްވެރިޔާ ކްލޮޕްއާ ކުރި ސުވާލު އޭނާއަށް އަމާޒުކުރުމުގެ އެއް ސަބަބެއް ކަމަށް ބެލެވެނީ މި ދެ ކޯޗުންނަކީ ކްލަބް ފެންވަރުގެ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ދެ މީހުންނަށް ވީނަމަވެސް ކުޅުންތެރިންގެ ގޮތުގައި މަތީ ފެންވަރުގައި މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނެތް ދެ މީހުންނަށް ވުމެވެ. ކުޅުންތެރިއެއްގެ ގޮތުގައި 1980 ގެ އަހަރުތަކުގެ ތެރޭގައި ހަމައެކަނި ޕޯޗްގީޒް ޓީމްތަކަށް މޮރީނިއޯ ކުޅެފައިވާއިރު ކުޅުންތެރިއެއްގެ ގޮތުގައި ކްލޮޕް 11 ވަރަކަށް އަހަރުވެސް ހޭދަކޮށްފައިވަނީ ބުންޑަސް ލީގާގަ އެވެ.