ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުގެ ހަސަން ނަޒީމް (ޗޯޓު) އާއި މި ސީޒަނުގައި ފ. ނިލަންދޫ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ ކްލަބް އީގަލްސްއާ ގުޅިއްޖެ އެވެ. މި ދެކުޅުންތެރިން އީގަލްސްއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހަމަވާ ޓްރާންސްފާ ބާޒާރުގައި ޗޯޓު އާއި ޓޮޝީކީގެ ސޮއި އީގަލްސް އިން ހޯދިއިރު އެޓީމުގެ ޒުވާން ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް ވަނީ ސީޒަން ނިމެންދެން ލޯނު އުސޫލުން ކްލަބް ގްރީން ސްޓްރީޓްސް އަށް ބަދަލުވެފަ އެވެ.
2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުން ވިދާލި ޗޯޓުއަކީ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ. ޗޯޓު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މިދިޔަ އަހަރު އެވެ. ޒުވާން ގައުމީ ޓީމުތަކުގައި ހިމެނިގެން ގިނަ މުބާރާތްތަކެއްގައި މިދިޔަ އަހަރު ކުޅުނުއިރު ނޭޕާލުގައި އޮތް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖޭގެ ޓީމު ލޯ މެޑަލް ހޯދިއިރު ކެޕްޓަނަކީ ޗޯޓު އެވެ. އޭގެ ފަހުން ޗޯޓު ވަނީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ޓީމުގައި ވެސް ހިމެނިފަ އެވެ.
ޗޯޓުއަށް ސީނިއާ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރަށުން ބޭރުގައި ގުއާމާ ދެކޮޅަށް ސެޕްޓެމްބަރު މަހު ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން ކޮލިފައިންގައި ރާއްޖެ ކުޅުނު ހުރިހާ މެޗެއްގައި ވެސް ޗޯޓު ވަނީ ޓީމުގައި ހިމެނިފަ އެވެ. ގުއާމާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޗޯޓު ވަނީ ކުޅެން އަރައިފަ އެވެ.

ޓޮޝީކީ އީގަލްސްއާ ދެކޮޅަށް ކުޅެނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ނިލަންދޫ ޓީމުގައި ޓޮޝީކީ ވިދާލީ މި ސީޒަނުގެ ލީގުގަ އެވެ. އެޓީމަށް ބަދަލުވުމަށް ފަހު މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައި ޓޮޝީކީ ވަނީ މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ. ޓޮޝީކީ އީގަލްސްއަށް ބަދަލުވިއިރު ލީގުގެ ތިން ވަނަ ބުރުން ނިލަންދޫ އަށް ވަނީ ފުރުސަތު ގެއްލިފަ އެވެ.
އާ ކުޅުންތެރިންނާއެކު އީގަލްސް ފުރަތަމަ ނުކުންނާނީ މާދަމާ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗަކީ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗެވެ. ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.
ރާއްޖޭގެ ޓްރާންސްފާ ބާޒާރު ބަންދުވާނީ އަންނަ ބުދަ ދުވަހު އެވެ. މި މަހުގެ ފަސް ވަނަ ދުވަހު ހުޅުނު ޓްރާންސްފާ ބާޒާރުގައި ގިނަ ކުޅުންތެރިންތަކެއް އަންނަނީ ކްލަބް ބަދަލުކުރަމުންނެވެ. އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު އަލީ އަޝްފާގް (ދަގަނޑޭ) އަލުން ޓީސީއާ ގުޅުމެވެ.