ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ނިމެން ގާތްވެފައިވާއިރު ތިން ވަނަ ބުރުގައި ކުޅޭނެ ޓީމުތަކުގެ އަދަދު އަދިވެސް ކަށަވަރު ނުވާތީ ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ކަންބޮޑުވުން ފާޅުކޮށްފި އެވެ. ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ބަލިވި މެޗަށް ފަހު ސުޒޭން ބުނީ ގަވާއިދެއް ހަދާފަ އޮންނައިރު އެގޮތަށް މެޗުތައް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ލީގުގެ ދެ ވަނަ ބުރުގައި ބާކީ އޮތީ އަންނަ އާދީއްތަ ދުވަހު ކްލަބް އީގަލްސްއާ ޓީސީ ވާދަކުރާ މެޗެވެ. އެ މެޗަށް ފަހު ތިން ވަނަ ބުރުގެ ކުޅުން ފަށާނެ ތާރީހެއް އަދި ކުޅޭނެ ކްލަބްތަކުގެ އަދަދު އަދި ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގޮތް ނިންމާނީ ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު އެވެ. އެއީ ބައެއް ކްލަބްތައް ތިން ވަނަ ބުރުގައި ވާދަކުރުމަށް ވުރެ މާލީ ގޮތުން އަޑިއަޅާލާފައިވުމެވެ.
“ޕްރިމިއާ ލީގު އެއްޗެހީގަ އޮވޭތަ ތިން ވަނަ ބުރު ކުޅޭނެތޯ ހަތަރު ވަނަ މެޗަށް ދާނެތޯ. ނުވަދިހަ މިނެޓުތޯ ކުޅޭނީ. އެކަހަލަ ކަންތައްތައް އޮވޭބާ އަނެއްކާ؟. ކުއްލިއަކަށް އިނގިރޭސި ޕްރިމިއާ ލީގު އާ އަހަރުގެ ފަހުން ފަށާއިރުގަ ގެންގޮސް ބުނެފާނެ ދޯ 80 މިނެޓުހޭ ކުޅޭނީ 70 އޭ. އެހެން ވޭތަ؟. ގަވާއިދެއް ނެރެފަ އެ ގަވާއިދަށް މުބާރާތެއް ކުޅޭކަމަށް ވަންޏާ އޭގަ ގަވާއިދުގަ އޮތް އެއްޗެއް ފޮލޯ ކޮށްލުން ރަނގަޅުވާނެ ކަންނޭނގެ” މެޗަށް ފަހު ސުޒޭން ބުންޏެވެ.

ރޭގެ މެޗުގައި ދަގަނޑޭ ބޯޅަ ހިފައިގެން ދަނީ. ތިން ވަނަ ބުރާ މެދު ވަނީ ސުވާލު އުފެދިފައި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މި ސީޒަނުގެ ލީގު ފެށީ ނުވަ ޓީމާއެކު އެވެ. އެކަމަކު ދެ ވަނަ ބުރުގެ ވަކި ހިސާބަކުން މާލީ މައްސަލަތަކާ ހެދި މެޗުތަކަށް ހާޒިރުނުވި ވިކްޓްރީ ސްޕޯޓްސް ކްލަބް ސަސްޕެންޑް ކުރުމުން ވާދަކުރާ ޓީމުތަކުގެ އަދަދު އަށަކަށް މަދުވި އެވެ. ތިން ވަނަ ބުރަށް ދާއިރު ބައެއް ޓީމުތަކުން ހަ ޓީމަށް ލީގު ފޯމެޓް ބަދަލުކުރަން ބޭނުންވެ އެވެ. ސުޒޭން ވަނީ ލީގުގެ ގަވާއިދެއް އޮންނައިރު މިގޮތަށް މިކަން ކުރެވޭނެތޯ ސުވާލު އުފައްދައިފަ އެވެ.
“އެހެންވީމަ ޕްރިމިއާ ލީގު ކިޔާފަ އެގޮތަށް ހަދައިފިއްޔާ. އަދި ގަބޫލެއް ނުކުރަން އަށް ޓީމަށް ވުރެ ކުޑަ ވެދާނެ ކަމަކަށް. އެގޮތަށް ހަދައިފިއްޔާ އޭގެ މާނައަކީ ކީއްހޭ މި ކުރަނީ އަސްލު. އެއީ ގަވާއިދު ނެރުނު އިރުގަ މިސާލަކަށް އަށް ޓީމު ޖަހާފަ އޮތީ. އަށް ޓީމު ކުޅެން ވާނެ. އަދި އަނެއް ޓީމު ކުޑަކޮށް މާލީގޮތުން ދަތިވެގެން ނޫނީ ދިމާވާ ކަމަކާ ހެދި ހަ ޓީމަކަށް ހަދާކަށް ނުޖެހޭނު. އެހެންވީމަ ޕްރިމިއާ ލީގު ކިޔާފަ އޭގެ ކޮލިޓީ މެއިންޓެއިން ކުރަން އުޅެންވާނެ. ހަމަ އެކަނި ނަން ކިޔާލިޔަކަސް ކަމަކު ނުދާނެ” ސުޒޭން ބުންޏެވެ.
ލީގުގެ ތިން ވަނަ ބުރަށް ދާއިރު ކުޅުންތެރިންގެ ގޮތުންނާއި މާލީ ގޮތުން ގިނަ ކްލަބްތައް އޮތީ ކުރިއަށް ދެވޭ ހާލަތުގައެއް ނޫނެވެ. ސުޒޭން ބުނީ އެއީ ހަމައެކަނި އެފްއޭއެމްގެ މައްސަލައެއް ނޫން ކަމަށާއި ކުޅެން ބޭނުންނުވާ ކްލަބްތައް ލީގަށް ތައްޔާރު ނޫން ކަމަށެވެ.
“ގްރީންގެ މައްސަލައަކީ އަށް ޓީމު ނުކުޅުމެއް ނޫން. ފުޓްބޯޅައިގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން މި ބުނަނީ. ފަހަރެއްގަ ގްރީން ސްޓްރީޓްސް ބޭނުންވެދާނެ މާދަމާ (މިއަދު) އެތަނަށް ގޮސްފަ ހަ ޓީމު ވެސް ކުޅެން އެއީ ގްރީން ސްޓްރީޓްސްއަކު ވެސް ނެތް އެހާ މާލީ ތަނަވަސްކަމެއް އިތުރު ބުރުތަކެއް ބައިވަރު ޓީމުތަކެއް ލައިގެން ކުޅޭކަށް. އެކަމަކު ފުޓްބޯޅައިގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިޔާލު މިއީ. ހަމަ އެގޮތަށް ކުއްލި ކުއްލިއަށް ބަދަލު ކުރެވޭ ބާއޭ ނޫނީ ކުރާ ގޮތަށް އޮންނަ އެއްޗެއް ބާއޭ” ފޯމެޓަށް ގެންނަ ބަދަލާ ގުޅޭގޮތުން ތަކުރާރުކޮށް ފާޑުކިޔައިފައިވާ ތަޖުރިބާކާރު ކޯޗު ބުންޏެވެ.
“މީޓިންއެއް ނިންމާލާފަ، ދެ ވަނަ ބުރު ނިންމާފަ ޕްރިމިއާ ލީގު ޗެމްޕިއަން އަކީ ކޮން ބައެއްތޯ ބަލަން މީޓިން އެއް. އެހެނެއް ހިއެއް ނުވޭ ބާއްވާނެހެނެއް. އަދިވެސް ގަބޫލެއް ނުކުރަން އެފްއޭއެމުން އަށް ޓީމަށް ވުރެ ކުޑަ ކޮށްފާނެ ކަމަކަށް” ސުޒޭން ބުންޏެވެ.

ފޯކައިދޫ އަށް ކުޅުމަށް ފަހު ދާދިފަހުން ޓީސީ އަށް ބަދަލުވި ތޮއްޕޭ ރޭގެ މެޗުގައި. ފޯކައިދޫން ޓީސީ އަށް ބަދަލުވި ތިން ކުޅުންތެރިން ރޭ ގްރީންއާ ދެކޮޅަށް ކުޅުނު. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ރޭގެ މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ގްރީން ސްޓްރީޓްސް އަށް 16 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު ޓީސީ ވަނީ 15 މެޗުން 28 ޕޮއިންޓް ހަމަކޮށް ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މެޗަށް ނުކުތްއިރު ޓީސީ އޮތީ އަލަށް ގެނައި ތިން ކުޅުންތެރިންނާއެކު ވަރުގަދަކޮށްފަ އެވެ. ސުޒޭން ބުނީ ފޯކައިދޫ ޓީމުން ޓީސީއާ ގުޅުނު ތިން ކުޅުންތެރިން މި ސީޒަނުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ތިން މެޗު ކުޅެފައިވާ ކަމަށެވެ. މި މަހުގެ ފަސް ވަނަ ދުވަހު ހުޅުވުނު ޓްރާންސްފާ ބާޒާރުގައި ފޯކައިދޫއަށް ކުޅުނު ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބް އާއި އަލީ ޝާމިސް (ތޮއްޕޭ) އާއި މަހުމޫދު ސައީދު (ރާމޯސް) ޓީސީއަށް ބަދަލުވެ ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ތިން ކުޅުންތެރިން ވަނީ ދެ ވަނަ ފުރަތަމަ ބުރާއި ދެ ވަނަ ބުރުގައި ވެސް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެފަ އެވެ.
“މި މެޗަކީ ގްރީން މީގެ ދެ މަސް ކުރިން ނޫނީ ތިން މަސް ކުރިން ކުޅެން ޖެހޭ މެޗެއް. ދެން ކޮންމެސް ސަބަބަކާ ހެދި ލަސްކޮށްފަ އެހެން ޓީމުތަކަށް ކުޅެފަ ތިބި ކުޅުންތެރިން ލައިގެން. ބަދަލުވި ކުޅުންތެރިން އެ ކުޅުނީ ގްރީންއާ ތިން ވަނަ ފަހަރަށް މި ސީޒަނުގަ. އެހެންވީމަ އެގޮތަށް ބަލާއިރު އެއީ ހަމަ އެކަން އޮންނަން ވާނެ ގޮތްބާއޭ ވެސް ހިތަށް އަރާ. ދެން ހަމަ ގްރީންގަ ވެސް ހުރި ބަދަލު ގެނެސްފަ ހުރި ކީޕަރެއް. އޭނަ އެއްވެސް ޓީމަކާ އެއްކޮށް ނުކުޅޭ. އެހެންވީމަ މިއީ އެންމެ ރަނގަޅު ގޮތްބާއޭ؟” ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ކްލަބް ބަދަލުކުރުމުގެ އުސޫލަށް އިޝާރަތްކޮށް ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ބަދަލުތަކަކާއެކު ޓީސީ ކުޅުމަކީ ގްރީން ސްޓްރީޓްސް އަށް ލިބުނު ގެއްލުމެއް ކަމަށާއި، އެކަމަކު މެޗުން ބަލިވީ ޓީސީ އަށް އައި ބަދަލުތަކުގެ ސަބަބުން ނޫން ކަމަށެވެ.
“މެޗުން ބަލިވާން ދިމާވީކީ އެމީހުން ތިބެގެނެއް ނޫން. ގްރީން އަށް ލިބުނު ފުރުސަތުތައް ނުޖެހިގެން ދިޔައީ” ސުޒޭން ބުންޏެވެ.