ފުރަތަމަ ސަފްޙާ / ޚަބަރު / ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑް ސުޕަރ ކަޕްގެ ފައިނަލަށް

ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑް ސުޕަރ ކަޕްގެ ފައިނަލަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 9 ޖެނުއަރީ 2020

ސްޕެނިޝް ސުޕަރ ކަޕްގައި ރޭ ވެލެންސިއާ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ރެއާލް މެޑްރިޑުން ކަށަވަރުކޮށްފި އެވެ. ސައޫދީ އަރަބިއާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ގައި ކުޅުނު މި މެޗްގައި ވެލެންސިއާ އަތުން ރެއާލް މެޑްރިޑް މޮޅުވީ 1-3 އިންނެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމް ވާދަކުރާ ގޮތަށް ކުރިން ކުޅެމުން އައި ސްޕެނިޝް ސުޕަރ ކަޕްގެ ފޯމެޓަށް ބަދަލުގެނައިފަހުން މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ފޯމެޓަށް ގެނައި ބަދަލާއެކު މުބާރާތުގައި މިހާރު ވާދަކުރަނީ ޖުމްލަ ހަތަރު ޓީމެވެ. އެއީ ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމްގެ އިތުރުން ކޮޕަ ޑެލް ރޭގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ. މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް ލީގުގެ ތިން ވަނަ ލިބުނު ނަމަވެސް މި މުބާރާތުން އެޓީމަށް ޖާގަ ލިބުނީ މުބާރާތުގައި ވާދަކުރާ ބާސެލޯނާ އަށް މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަން ކަމުގެ އިތުރުން ކޮޕަ ޑެލްރޭގެ ފައިނަލްގައިވެސް ވާދަކޮށްފައިވުމުންނެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗްގެ ފުރަތަތަ ތިން ލަނޑުވެސް ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ. ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގެ ތެރޭގައި ރެއާލް މެޑްރިޑަށް ލިބުނު ކޯނަރަކުން އެޓީމްގެ މިޑްފީލްޑަރ ޓޯނީ ކްރޫސް ކާމިޔާބުކޮށްދިންއިރު ދެ ވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ހަ މިނެޓަށް ވެފައި ހުއްޓާ ރެއާލަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު އިސްކޯ އެވެ. ރެއާލުން މެޗްގެ ނަތީޖާ 0-3 އަށް ބަދަލުކުރީ ލޫކާ ޔޮވިޗް ދިން ބޯޅައެއް އެޓީމަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ވެލެންސިއާގެ ގޯލަށް ވައްދާލައިގެންނެވެ. ރޭގެ މެޗްގައި ވެލެންސިއާ އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ޕަރޭހޯ އެވެ. މި ޕެނަލްޓީ އަކީ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުއްޓައި ރެއާލް މެޑްރިޑްގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްގެ އަތުގައި ބޯޅައިން ޖެހުމުގެ ސަބަބުން ދިން ޕެނަލްޓީ އެކެވެ.

އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު ދެ ފޯވާޑުން ކަމަށްވާ ކަރިމް ބެންޒެމާ އާއި ގަރެތު ބޭލް ނުލައި ރެއާލް އިން ރޭ ކުޅުނު މެޗްގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެ އެވެ. ރޭގެ މެޗްގައި ވެލެންސިއާގެ ގޯލަށް ރެއާލް މެޑްރިޑުން 17 ހަމަލާއެއް ވަނީ ފޮނުވާލައިފަ އެވެ. މުބާރާތުގެ ފައިނަލްގައި ރެއާލް މެޑްރިޑް ވާދަކުރަންޖެހޭނީ މިރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު ކުޅެންފަށާ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑްގެ މެޗުން މޮޅުވާ ޓީމަކާ އެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!