ފުރަތަމަ ސަފްޙާ / ޚަބަރު / އީސަ އާއި ސައްޓުގެ ގޯލުތަކުން ގްރީން ބަލިކޮށް ޓީސީ ތިން ވަނަ އަށް

އީސަ އާއި ސައްޓުގެ ގޯލުތަކުން ގްރީން ބަލިކޮށް ޓީސީ ތިން ވަނަ އަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 8 ޖެނުއަރީ 2020

ރަނގަޅު ފޯމެއްގައި ތިބި އިސްމާއީލް އީސަ (މެސީ) އާއި އިޝާން އިބްރާހީމް (ސައްޓު) ކާމިޔާބުކޮށްދިން ގޯލުތަކުން ކްލަބް ގްރީން ސްޓްރީޓްސް 2-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމަށް ކުރިއަށް ޖެހިލައިފި އެވެ. އީސަ އާއި ސައްޓު އަކީ ލީގުގެ ދެ ވަނަ ބުރުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެކުޅުންތެރިންނެވެ.

މިރޭގެ މެޗަށް ޓީސީން ނުކުތީ ބޮޑު ބަދަލަކާއެކު އެވެ. އަލަށް ހުޅުވުނު ޓްރާންސްފާ ބާޒާރުގައި ށ. ފޯކައިދޫ ފުޓްބޯލް ކްލަބުން ޓީސީއާ ގުޅުނު ތިން ކުޅުންތެރިން ވެސް މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ވަނީ ހިމަނައިފަ އެވެ. އެއީ ގޯލު ބެލެހެއްޓި ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އާއި ޑިފެންޑަރު މަހުމޫދު ސައީދު އާއި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) އެވެ. އެކަމަކު ފޯވާޑް އިބްރާހީމް އަތީގް ހަސަން އާއި މިޑްފީލްޑަރު އަހުމަދު ރިލްވާން (ބެން) ހުރީ ސަސްޕެންޝަނުގަ އެވެ. މެޗަށް ނުކުތް ގްރީން ސްޓްރީޓްސް ޓީމުގައި އެންމެ ފާހަގަކޮށްލެވުނު ބަދަލަކީ ޓްރާންސްފާ ބާޒާރުގައި ކްލަބް އީގަލްސް އިން ލޯނު އުސޫލުން ބަދަލުވި ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް ފުރަތަމަ އެގާރައިގައި ހިމަނާފައިވުމެވެ. އަލީފް އަކީ މިދިޔަ އަހަރު ނޭޕާލުގައި އޮތް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ލޯ މެޑަލް ހޯދިއިރު ގޯލުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ.

Dhiraagu Dhivehi Premier League: Ismail Easa & Ishan Ibrahim continues their good form as TC Football Club climbs to third, after defeating Club Green Streets!
(Photo: FAM / Ibrahim Faid) pic.twitter.com/EfsRU9nZ8a

— Fahuminet (@fahuminet) January 8, 2020

މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. ޓީސީން މެޗުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން 53 ވަނަ މިނެޓުގައި އީސަ ޖަހައިދިން ގޯލުންނެވެ. މިއީ ސައްޓު އަށް އޭރިޔާ ތެރެއިން ގްރީން ސްޓްރީޓްސްގެ ގާސިމް ސައްމާމް (ސައްމެ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އިބްރާހީމް ރިޒުހާން (ރިޒްކޯ) އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ޓީސީގެ ފަހު ގޯލު ސައްޓު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. އަރިމަތިން އީސަ ނަގައިދިން ބޯޅަ ސައްޓު އަށް ލިބުމުން ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލީ މަޑުމަޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފުރަތަމަ ގޯލު ޖަހައިދިން އީސަ އެވެ.

މި މޮޅާއެކު ޓީސީ ލީގުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލީ 15 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން ބަލިވި ގްރީން ސްޓްރީޓްސް މިހާރު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެޓީމަށް 16 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ލީގުގެ ދެ ވަނައިގައި އޮތީ 15 މެޗުން 30 ޕޮއިންޓް ހޯދާފައިވާ އީގަލްސް އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ވަނީ 16 މެޗުން 41 ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ބާކީ އޮތީ ޓީސީ އާއި އީގަލްސް ވާދަކުރާ މެޗެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ މި މެޗުން ޓީސީ މޮޅުވެއްޖެ ނަމަ މި ބުރު ނިމޭއިރު ލީގުގެ ދެ ވަނަ އެޓީމަށް ލިބޭނެ އެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް އީގަލްސް އަށް ދެ ވަނަ މަގާމް ދެމެހެއްޓޭނެ އެވެ. ލީގުގެ ތިން ވަނަ ބުރު ފަށާނެ ތާރީހާއި ޓީމުތައް ކުޅޭނެ އަދަދު އަދި އެނގިފައެއްނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ވަނަ ބުރުގައި ވާދަކުރާނީ ލީގުގެ ގަދަ 6 ޓީމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!