އިނގިރޭސި ލީގު ކަޕްގެ ފުރަތަމަ ލެގްގައި ރޭ މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި 3-1 އިން އެޓީމު ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓި މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ސެމީ ފައިނަލުގެ ދެ ވަނަ ލެގް ސިޓީގެ ދަނޑުގައި ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. ޔުނައިޓެޑަށް ކިރިޔާވެސް އުއްމީދެއް އޮތީ އެ މެޗުގައި ދެ ގޯލުގެ ތަފާތުން ސިޓީ ބަލިކޮށްގެންނެވެ. ޑޮމެސްޓިކް މުބާރާތަކަށް ވާތީ ލީގު ކަޕްފައި ރަށުން ބޭރުގައި ޖަހާ ގޯލަކަށް ނުބަލާނެ އެވެ. ޔުނައިޓެޑުން ވަނީ އިނގިރޭސި ލީގުގައި މި ސީޒަނުގައި ސިޓީގެ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ.
ރޭގެ މެޗުގައި ސިޓީގެ ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މި ހާފުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ޔުނައިޓެޑް ޓީމު އޮތީ ރޫޅިފަ އެވެ. ސިޓީގެ ފުރަތަމަ ގޯލު ބެނާޑާ ސިލްވާ ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ރިޔާދް މާރޭޒް އެވެ. ތިން ވަނަ ގޯލަކީ އަންދްރައެސް ޕެރޭރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޔުނައިޓެޑުން ވަނީ މެޗުގެ ދެ ވަނަ ހާފުގައި ޖެސީ ލިންގާޑްގެ ބަދަލުގައި ނިމެންޔާ މަޓިޗް ކުޅެން އަރުވައި ކުޅުން ރަނގަޅުކޮށްފަ އެވެ. މި ހާފުގެ ފަހުކޮޅު ޔުނައިޓެޑްގެ ހަމައެކަނި ގޯލު މޭސަން ގްރީންވުޑް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ މާކަސް ރަޝްފާޑް އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޑިސެމްބަރު މަހު ޔުނައިޓެޑް އަތުން ބަލިވި މެޗުގައި ހެދުނު ގޯސްތައް ރޭ ރަނގަޅުކުރެވުނު ކަމަށެވެ. އެކަމަކު ފައިނަލުގެ ޔަގީންކަން އެޓީމަށް އަދި ނުލިބޭކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
“ޔުނައިޓެޑަށް މި ނަތީޖާ އަނބުރާލެވިދާނެ. މިދިޔަ އަހަރު މި ދަނޑުގައި އެމީހުން ޕީއެސްޖީ އަތުން ޗެމްޕިއަންސް ލީގުގައި ބަލިވެފަ އެކަމު ދެ ވަނަ ލެގުން މޮޅުވެ ކޮލިފައިވި” ގާޑިއޯލާ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ސިޓީން ފުރަތަމަ ހާފުގައި ކުޅުނު ގޭމް ޕްލޭން ހުއްޓުވަން ޔުނައިޓެޑަށް އުނދަގޫވި ކަމަށެވެ.
“އަހަރެމެނަށް އެމީހުން ކުޅުނު ސިސްޓަމަށް ރަނގަޅަށް މަސައްކަތެއް ނުކުރެވުނު. އެމީހުން އެހެން ކުޅޭނެކަން ވެސް އެނގުނު. މިދިޔަ ސީޒަނުގައި ޗެލްސީ 5-0 އިން ބަލިކުރީ ވެސް އެގޮތަށް ކުޅެގެން” ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައިވާ ސޯލްޝެއާ ބުންޏެވެ.
ލީގު ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ވާދަކުރާނީ ލެސްޓަ ސިޓީ އާއި އެސްޓަން ވިލާ އެވެ. މި ދެޓީމު ވާދަކުރާ ފުރަތަމަ ލެގްގެ މެޗު އޮންނާނީ މިރެ އެވެ. މިދިޔަ ސީޒަނުގެ ލީގު ކަޕް ޗެމްޕިއަންކަން ސިޓީ ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށްގެންނެވެ.