އޭދަފުށި ބަލިކުރާކަށް ޔަގީނުންވެސް ފަސޭހައެއް ނުވާނެ: މޯހަން

އޭދަފުށީ ޓީމަށް މޯހަން އިރުޝާދު ދެނީ. - ފަހުމިނެޓް ފޮޓޯ: އަހުމަދު މިސްކީން

ބ. އޭދަފުށީގައި ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން މާދަމާ ހަވީރު އެރަށުގައި  ކުޅޭ މެޗުގައި އެފްއޭއެމްގެ ޓީމަށް އެރަށު ޓީމު ބަލިކުރަން ފަސޭހަ ނުވާނެކަމަށް އޭދަފުށީ ޓީމު މެޗަށް ތައްޔާރު ކުރަމުން އަންނަ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އެފްއޭއެމް ޓީމާ ދެކޮޅަށް ނުކުތުމުގެ ކުރިން “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި މޯހަން ބުނީ މެޗަށް ނުކުންނަ އޭދަފުށީ ޓީމުގައިވެސް ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭތީ މާދަމާ ފެންނާނީ ވަރަށް ފޯރިގަދަ އަދި ވާދަވެރި މެޗެއް ކަމަށެވެ. 

އޭދަފުއްޓަށް އުފަން މަހުޖަނު އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި އެރަށުގައި އަޅާފައިވާ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން މާދަމާ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހަރަކާތްތަކުގެ ތެރެއިން މާދަމާ އެންމެ ހާއްސަވާނީ އެފްއޭއެމް އިން އެކުލަވާލި ޓީމާ އޭދަފުށީ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗެވެ.

“ހަމަ ޔަގީނުންވެސް ވާދަކުރެވޭވަރުގެ ވަރުގަދަ ޓީމެއް އޮންނާނެ. ފަސޭހައިން މެޗު ދޫކޮށްލާފަ ނޫނީ މެޗުން ބަލިވެގެން ފައިބާވަރުގެ ޓީމެއް ނޫން. މޮޅުވެސް ވެވޭވަރުގެ ޓީމެއް މިތާ މިއޮތީ. އެއީ މީގެ ތެރޭގަވެސް ގައުމީ ޓީމަށް ކުޅޭ ނޫނީ ކުޅެފަ ތިބި ހަތަރު ފަސް ވަރަކަށް ކުޅުންތެރިއެއް  އޭދަފުށީ އެގާރައިގަ ކުޅެމުންދާނެ. އަނެއްކޮޅުން އަންނަ އެފްއޭއެމް ޓީމަކީ ވަރަށް ގަދައަށް ނެގިގެން އަންނަ ޓީމެއް. އެހެންވީމަ ވަރަށް ބަލާހިތްވާ ކަހަލަ ވަރަށް ރަނގަޅު ފޯރިގަދަ މެޗެއް ފެނިގެންދާނެ ކަމަށް އުއްމީދު މި ކުރަނީ” މެޗާ ގުޅޭގޮތުން “ފަހުމިނެޓް” އާ ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. 

އޭދަފުށީގައި އަޅާފައިވާ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި ކުޑަކުދިންތަކެއް ކުޅެނީ. – ފޮޓޯ: އޭދަފުށި ޓައިމްސް

މެޗަށް ތައްޔާރުވާ އޭދަފުށީ ޓީމުގައި އެރަށަށް އުފަން އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހީމް (ސައްޓު) ހިމެނެއެވެ. ސެންޓޭ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާއިރު ހަމްޕު އަކީ މިހާރު ގަލޮޅު ދަނޑުގައި ކުޅޭ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. މި ކުޅުންތެރިންގެ އިތުރުން ކުރިން ގައުމީ ޓީމަށް ކުޅުނު އެރަށުގެ ކުޅުންތެރިންނާއި މިހާރު އެއް ވަނަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިން އަދި ޒުވާން ގިނަ ކުޅުންތެރިންތަކެއް އޭދަފުށީ ޓީމުގައި ހިމެނެއެވެ.  

އެފްއޭއެމް ޓީމު މާދަމާގެ މެޗަށް ނުކުންނާނީ ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާ އެކުއެވެ. އެ ޓީމުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ސާފް މުބާރާތް ކާމިޔާބުކުރި ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނައިފައެވެ. 

މޯހަން ބުނީ މެޗަށް ތައްޔާރުވާން އޭނާއަށް ލިބުނީ ހަފްތާއެއް ކަމަށާއި އެހެންވެ ޓީމުގެ ހާލަތު އެންމެ ރަނގަޅު ނޫންކަމަށެވެ. އެކަމަކު އޭދަފުށީގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބުމުން ޓީމު އެކުލަވާލަން އޭނާއަށް އުނދަގޫ ނުވިކަމަށް ބުނެފައިވެއެވެ. 

“އަޅުގަނޑު ގަބޫލުކުރާހިތްއޮތީ ވަރަށް ރަނގަޅު ވަރަށް ފޯރިގަދަ ވަރަށް ކޮމްޕެޓިޓިވް މެޗެއް ފެނިގެންދާނޭ” 1997 އިން 2008 ވަނަ އަހަރާއި ހަމައަށް ގައުމީ ޓީމުގެ އެސިސްޓެން ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މޯހަން ބުންޏެވެ. 

މޯހަން ބުނީ  ފެންވަރު ރަނގަޅު ދަނޑެއްގެ އެންމެ މުހިއްމު ކަމަކީ ބެލެހެއްޓުން ކަމަށާއި، މާލޭގައި އެ މައްސަލަ ބައެއް ފަހަރު ދިމާވާކަމަށެވެ. އަދި، އޭދަފުށީ ދަނޑުގައި ބާކީ ކުރަން ހުރި މަސައްކަތް ވީހާވެސް އަވަަހަށް ނިންމާލުމަކީ ޓާފް ބަލަހައްޓަން ފަސޭހަ ކަމަކަށް ވާނެކަމަށް މޯހަން ބުންޏެވެ. އޭދަފުށީ ގައި އެޅި ޓާފް ދަނޑަކީ މޯހަން ގަބޫލުކުރާ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފައިދާކުރާނެ ދަނޑެކެވެ. 

“މުސްތަގްބަލަށް މިއީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. ހަމަގައިމުވެސް ކުރިން ބޯޅަ ކުޅެމުންދިޔަ ދަނޑަކީ ވަރަށް ކުރިންސުރެ އަޅުގަނޑު ހަމަ ދެކެ ފަރިތަ ދަނޑެއް. ވަރަށް ގިނައިން އާދެވިފަ ހުރި އެއް ރަށް އޭދަފުށްޓަކީ. އެހެންވީމަ އެ ދަނޑުގެ ހާލަތަކީ އަނެންހެން ބުނަންޏާ މި ދަނޑާ އަޅާ ބަލާފަ ހަމަ ވަރަށް ބޮޑު ތަފާތެކޭ ދަންނަވަން ޖެހެނީ. އެއީ ކޮންޓްރޯލް ކުރަންވެސް ތިން ހަތަރު ފަހަރު ޖައްސައިގެން ނޫނީޔާ އެތާނގަ ބޯޅައެއް ކޮންޓްރޯލެއް ނުވާނެ. އެއާ ހިލާފަށް މި ދަނޑުގަ ކޮންޓްރޯލް ނުކޮށް ވަން ޓަޗުން ކުޅެލެވޭވަރު ވާނެ. އެހެންވީމަ ޕްރެކްޓިސް ކުރަން ފެށީމަ އަންނަ ޖެނެރޭޝަން އަށް ވަރަށް ބޮޑު ފަސޭހަކަށް އަދި ވަރަށް ބޮޑު ކުރި އެރުމަކަށް ވެގެންދާނެ” އޭދަފުށީގައި ހުރެގެން “ފަހުމިނެޓް” އާ ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. 

އެފްއޭއެމް ޓީމާ ދެކޮޅަށް ނުކުންނަ އޭދަފުށީ ޓީމަށް މޯހަން އިރުޝާދު ދެނީ. – ފަހުމިނެޓް ފޮޓޯ: އަހުމަދު މިސްކީން

އޭދަފުށްޓަކީ އެއް ވަނަ ޑިވިޝަނުގައި ކުރިން ވާދަކޮށް އަބަދުވެސް ގައުމީ ފެންވަރުގެ ކުޅުންތެރިން އުފައްދަމުން އަންނަ ރަށެކެވެ. މޯހަން ބުނީ ރަނގަޅު ފެންވަރެއް ދަނޑެއް ނެތްއިރުވެސް އޭދަފުށިން ދިޔައީ ކުޅުންތެރިން އުފައްދަމުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހޯމް އެންޑް އަވޭ އުސޫލަށް ފުޓްބޯޅަ ބަދަލުވެގެންދާއިރު އޭދަފުށި ވެގެންދާނީ މެޗުތައް ކުޅޭނެ ރަށަކަށް ކަމަށެވެ. 

“އޭދަފުށިން އަޅުގަނޑުމެންނަށް މި ފެންނަނީ މި ހާލަތުގައިވެސް ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ނުކުމެގެން އަންނަތަން. އަބަދުވެސް. ހަމަ އެކަނި ދުވަސްކޮޅެއްގައެއް ނޫން. ގަވާއިދުން ހަމަ އެންމެ ކުރިން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަތަން މި ފެންނަނީ. ދުވަހަކުވެސް އަޅުގަނޑުގެ ހަނދާނަކަށް ނާދޭ އޭދަފުށި ކުޅުންތެރިއަކު ގައުމީ ޓީމުގައި ނެތް އިރެއް. އެހެންވީމަ އޭގެ މާނައަކީ ހުނަރު އެބަހުއްޓޭ ހުނަރަށް އެންމެ މުހިއްމު ކަމަކީ ރަނގަޅަށް ކުޅޭނެ އިންތިޒާމުތައް ހަމަޖެހުން. އެގޮތުން އެއް ކަންތައް މިއޮތީވެފަ އަނެއް ކަމަކީ ކޯޗުންނާ އެކީގަ ރަނގަޅަށް ޕްރެކްޓިސް ކުރެވޭނެ ނިޒާމެއް މިތާ ގާއިމްކުރުން” ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އުފައްދަމުން އަންނަ އޭދަފުށްޓާ ގުޅޭގޮތުން މިދިޔަ ސީޒަނުގައި ކްލަބް އީގަލްސްގެ ކޯޗަކަށް ހުރި މޯހަން ބުންޏެވެ. 

“އަޅުގަނޑުގެ އަބަދުވެސް އެއް ހުވަފެނެއް އެއީ ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅަ ކުޅޭތަން ދެކުން. އެހެންވެއްޖެނަމަ މިއީ އެއް ތަން ނޫނީ އެއް ރަށް ކަމަށް އަޅުގަނޑު ހަމަ ގަބޫލުކުރާނީ. އެ އުސޫލަށް ދާއިރުގަ އޭދަފުށްޓަކީ ދުރު މުސްތަގްބަލަށް ވިސްނާނަމަ ތައްޓަށް ވާދަކުރާނެ ނޫނިއްޔާމު ހަމަ ގަވައިދުން ކުޅެމުންދާނެ ރަށެއް” ނިއު ރޭޑިއަންޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު އަދި ފަހުން އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މޯހަންގެ ވާހަކައިގައި ފާހަަގަކުރި އެވެ.  

އޭދަފުށީގައި އެޅި ޓާފަކީ ފީފާއިން ގަބޫލުކުރާ ފެންވަރަށް ދުނިޔޭގައި ޓާފް އުފައްދާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ އިން އުފައްދާފައިވާ އެސްޕީމެކްސް 45 ގެ ޓާފެކެވެ. ދަނޑު އެޅުމަށް ބިން ފުނަށް ކޮނުމަށްފަހު އޭގެ މައްޗަށް 3000 ޓަނުގެ ފުނޑުކުރި ހިލަވެލިއަޅައި ބިން ވަނީ ވަނީ އެއްވަރުކޮށްފައެވެ. އަދި، އޭގެފަހުން މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ވޯޓާ ޕްރޫފް މެމްބްރޭން އެއް އަޅައި އޭގެ މަތީގައި ޝޮކްޑްރެއިން ނިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ. މި ނިޒާމަކީ އާއްމުކޮށް ބިމުގެ ފަސް ހަރުކޮށްގެން އަޅާ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށްދޭ ނިޒާމެކެވެ. މި ދަނޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު އެންމެ ރަނގަޅު ފެންވަރުގެ ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

އޭދަފުށްޓާއި އެފްއޭއެމްގެ ޓީމު މާދަމާ ހަވީރު އެރަށު ދަނޑުގައި ވާދަކުރާ މެޗު ޓީވީއެމް އަދި ވީޓީވީ އިން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. 

އޭދަފުށްޓާ ދެކޮޅަށް ނުކުންނަ އެފްއޭއެމް ޓީމު: 

އަލީ އަޝްފާގް (ދަގަނޑޭ)، މުހައްމަދު އާރިފް (ބަކާ)، އިސްމާއީލް އީސާ (މެސީ)، އަހުމަދު ފައްރާހް (ފައްރަ)، އަކްރަމް އަބްދުލްގަނީ (އަކޫ)، އަހުމަދު އަބްދުﷲ (ލިލީ)،ހުސައިން ނިހާން (ނިހާޓް)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، މުހައްމަދު އައްޒާމް، މުހައްމަދު އުމެއިރު، ޔަސްފާދު ހަބީބު (މުލަކޭ)، އިމްރާން ނަޝީދު، މުހައްމަދު ސާމިރު، ހުސައިން ސިފާއު ޔޫސުފް (ކުރޯ)، މުުހައްމަދު ރަޝީދު (ހޮކޭ)، މުހައްމަދު އިމްރާން (ގކ)، އައްސަދު އަލީ (އަޑުބަރޭ)، އަހުމަދު އިމާޒް (އާއްކޮ)

ކޮމެންޓް