އެފްއޭއެމްގެ އާ އިމާރާތާއި ޓާފް ދަނޑުގެ މަސައްކަތް އިފްތިތާހުކޮށްފި

ފީފާ ފޯވާޑް ޕްރޮގްރާމްގެ ދަށުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އަޅާ އެފްއޭއެމްގެ އާ އިމާރާތާއި ޓާފް ދަނޑުގެ މަސައްކަތް އިއްޔެ ހަވީރު އިފްތިތާހުކޮށްފި އެވެ. ތިން ފަންގިފިލާ ހިމެނޭ ގޮތަށް ގިނަ ވަސީލަތްތަކެއް ގާއިމްކޮށްގެން އިމާރާތްކުރަން ހަމަ ޖެހިފައިވާ އެފްއޭއެމްގެ އާ އިމާރާތާއި ޓާފް ދަނޑުގެ މަސައްކަތް އިފްތިތާހްކޮށްދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އަލަށް ހަދާ އެފްއޭއެމްގެ އާ އިމާރާތުގައި އެފްއޭއެމްގެ އޮފީހާއި ރިހެބިލިޓޭޝަން ސެންޓަރަކާއި ޖިމާއި ކެފޭ އަކާއި ސްޕޯޓްސް ފިހާރައެއްގެ އިތުރުން ދެ ޗޭންޖިން ރޫމުގެ އިތުރުން ރެފްރީންގެ ރޫމެއް ހިމެނެ އެވެ. އެފްއޭއެމްގެ އާ އިމާރާތާއި ޓާފް ދަނޑުގެ މަސައްކަތް ހަވާލުކުރީ ޓިބަރޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެފްއޭއެމްގެ އާ އިމާރާތް ނިމޭއިރު ސަޕޯޓަރުންނަށް މެޗު ބަލަން ތިބެވޭނެ ގޮތަށް ސްޓޭންޑެއް ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެފްއޭއެމްގެ އާ އިމާރާތާއި އަލަށް ހަދާ ޓާފް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން މިހާރު އަޅައިފައިވާ ދެ ޓާފް ދަނޑު އޮންނަ ސަރަހައްދުގެ ދެކުނުން ކަޅުތުއްކަލާ ކޮށީގެ އިރުމައްޗަށް ވާ ގޮތަށް އޮންނަ ހުސް ބިމުގައެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމުން މިހާރު ބޭނުންކުރަމުން އަންނަ އެފްއޭއެމް ހައުސް އަކީ މި ވަގުތު އެފްއޭއެމުން ފުޓްބޯޅައިގައި ކުރާ ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދަން ބޭނުންވާ ވަސީލަތްތައް ގާއިމްވެފައިވާ ތަނަކަށް ނުވާތީ އާ އިމާރާތެއްގެ މުހިއްމުކަން އެ އެސޯސިއޭޝަނަށް ވަރަށް ބޮޑު ކަމަށާއި، މި އިމާރާތުގެ ސަބަބުން ފުޓްބޯޅަ ކުޅުންތެރިންނަށް މުސްތަގްބަލުގައި ގިނަ ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.

“ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުގެ ސަބަބުން މިހާރު ރިކަވާ ވެގެން އަލުން ކުޅެން ނުކުތުމަށް ގިނަ ދުވަސްތަކެއް ހޭދަވެގެންދޭ. އެހެންވީމަ ފީފާ ސްޓޭންޑަޑް ރިހެބިލިޓޭޝަން ސެންޓަރެއް މިތަނުގައި އެޅިގެން ދިއުމަކީ މިތަނުގައި މުސްތަގްބަލުގައި އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އަވަހަށް ރިކަވާ ވެގެން ކުޅެން ނުކުތުމަށް މަގުފަހިވެގެންދާނެ ކަމެއް.” ބައްސާމް ވިދާޅުވިއެވެ.  

“އާ އޮފީސް އިމާރާތުގެ ތެރޭގައި ރަނގަޅު ނިއުޓްރިޝަން ފުޑް ލިބޭނެ ކެފެޓޭރިއާއެއް ހުންނާނެ. މިއީ ޒުވާން ކުޅުންތެރިން އައިސް އެކި އިރުގައި ކެއުމުގެ ކަންތައްތައް ހަމަޖެހިގެންދާނެ ކަމެއް. ގައުމީ ޓީމުތަކަށް އަންނަ ބިދޭސީ ކޯޗުން ބަހައްޓަން އެޕާޓްމަންޓްތަކާއި އެފްއޭއެމްގެ ބައެއް އެހެން އޮފީސްތައް ވެސް ބަދަލުވެގެންދާނެ. އެއާ އެކު ފުޓްބޯޅައިގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ،” އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބައްސާމް އިތުރަށް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އިތުރު ޓާފް ދަނޑެއް އެޅުމާއެކު ފުރަތަމަ ޑިވިޝަންގެ ޓީމްތައް މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ބާއްވާއިރު މިހާރު ދިމާވާ ދަތިތަކެއް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

“މިއީ އެންމެ ރަނގަޅަށް ފަރިތަކުރެވޭނެ ފެސިލިޓީސް އެއް ނޫން. މިއާ އިމާރާތާ އެކީ ބޮޑު ޓާފް ދަނޑެއް އެޅޭނެ. މީގެ ބޭނުމަކީ ޒުވާން ޓީމުތައް ޑިވެލޮޕްކުރުމާ (ކްލަބްތައް ފަރިތަކުރުމަށް. މި ދަނޑު އަޅުގަނޑުމެން ބޭނުންކުރާނީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަންގެ މެޗުތަކަށް ވެސް،” ބައްސާމް ވިދާޅުވި އެވެ..

އިއްޔެގެ ރަސްމިއްޔާތުގެ ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ އާ އިމާރާތާއި ޓާފް ދަނޑުގެ މަސައްކަތް ފެށިގެންދިއުމަކީ މުޅި ފުޓްބޯޅަ އާއިލާއަށްވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެކި ފަރާތްތަކުން އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީ އަށް ފާޑުކިޔަމުން އަންނަކަމަށާއި އޭގެން ކަންތައްތައް ފާހަގަވާ ކަމަށް ވިދާޅުވި އެވެ.

“ހާފް ދަނޑުގައި ކްލަބްތަކުން ޕްރެކްޓިސްކުރާތާ ވީ ދުވަހެއް ނޭނގެ. އެހެންވީމަ އެތައް ކަމެއް މީގެން ހަމަޖެހިގެން އެބަދޭ. ފާޑުކިޔުން އަމާޒުވަމުން އަންނައިރު އޭގެ ހަމަ ވަރަށް ރަނގަޅު ކަންތަައްތަކާ ރަނގަޅުކުރަން ހުރި ކަންތައް އެބަފެނޭ،” މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ރާއްޖޭގައި މި ފަސް އަހަރުތެރޭ 100 ދަނޑު އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި އޭގެ ތެރެއިން 30 ދަނޑުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.

ކޮމެންޓް