ގައުމީ ޓީމުން ފުރުސަތު ނުދިނުމުން ދަގަނޑޭ އޭދަފުއްޓަށް!

އޭދަފުށީގައި މިއަދު ހެނދުނު ފެށި ޔޫތު ކަޕްގައި ސައިނޯސާ ޓީމަށް ދަގަނޑޭ ކުޅެނީ. - ފޮޓޯ: ރާއިފް ޔުސުފް

އަންނަ މަހު ފަށާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް އެކުލަވާލި 30 ކުޅުންތެރިންގެ ގައުމީ ސްކޮޑުން ފުރުސަތު ނުލިބު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އޭދަފުށީގައި އޮންނަ ޔޫތު ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެން އެރަށް ހިނގައްޖެ އެވެ. ކޮންމެ އަޟްހާ އީދަކާ ގުޅުވައިގެން ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކޮންމެ އަހަރަކު ވެސް ކުޅޭ އެ މުބާރާތުގައި ދަގަނޑޭ ކުޅެނީ ސައިނޯސާ އެފްސީ އަށެވެ.

މިހާރު އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި މިދިޔަ އަހަރު 42 ގޯލާ އެކު ސީޒަނުގެ ރަން ބޫޓު ކަށަވަރު ކުރި ދަގަނޑޭ އަށް ގައުމީ ސްކޮޑުން ފުރުސަތު ނުލިބުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެވޯޑަށް ފަހު ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ދަގަނޑޭ ވަނީ ގައުމީ ޓީމުން ފުރުސަތު ލިބިއްޖެ ނަމަ ބޭނުންހިފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

އޭދަފުށީ ޔޫތު ކަޕްގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ދަގަނޑޭ ބޯޅަ ހިފައިގެން ދަނީ. – ފޮޓޯ: ރާއިފް ޔުސުފް

ދަގަނޑޭ ވަނީ 2012 ވަނަ އަހަރު ވެސް އެރަށުގައި އޮތް އެޓޯލް ފުޓްބޯލް ޗެލެންޖުގައި އޭދަފުށީ ޓީމަށް ކުޅެފަ އެވެ. އޭދަފުށީގައި މިއަދު ހެނދުނު ފެށި ޔޫތު ކަޕް ފުޓްބޯޅަ މުބާރާތުގައި ދަގަނޑޭ ހިމެނޭ ސައިނޯސާ އެފްސީ ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ޔުނައިޓެޑް ވީ އާއި ވާދަކޮށް ސައިނޯސާ އިން މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. މި މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ދަގަނޑޭއާ އެކު މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިޝާން އިބްރާހީމް (ސައްޓު) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އުމެއިރު އެވެ.

އޭދަފުށީ ޔޫތު ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަހަރު ހަ ޓީމަކުން ވާދަކުރެ އެވެ. ގްރޫޕް އޭ ގައި ހިމެނެނީ ޔުނައިޓެޑް ވީ އާއި ސައިނޯސާ އަދި އެންޖޯއީ ފްރެންޑްސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ އެމްއޭ ޔުނައިޓެޑް، ވެސްޓް ވިންގްސް ފުޓްބޯޅަ ޓީމް އަދި ވެލާ ފުޓްބޯލް ކްލަބެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭއިރު ސެމީގެ ދެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު އެވެ. މި މުބާރާތް މިދިޔަ އަހަރު ޕެނަލްޓީ ޖަހައިގެން ސައިނޯސާ ބަލިކޮށް ހޯދީ ވެލާ ސްޕޯޓްސް ކްލަބުންނެވެ. މިފަހަރުގެ މުބާރާތް އިންތިޒާމު ކުރަނީ އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.

މިއަހަރުގެ މުބާރާތުގައި ވެސް އެއް ވަނަ ޑިވިޝަނުގައި ވާދަކުރާ އެރަށަށް ނިސްބަތްވާ ކުޅުންތެރިންނާއި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅޭނެ އެވެ. މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ 2017 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެސްޓް ވިންގްސް އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެމްއޭ ޔުނައިޓެޑް އެވެ.  

ކޮމެންޓް