ދަގަނޑޭ ހުއްޓުވައި ފޯކައިދޫން ޕޮއިންޓެއް ހޯދިއިރު ނިލަންދޫން ތަފާތު ކުޑަކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗްގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް ށ. ކޯކައިދޫ ޓިމުން އެއްވަރުކުރިއިރު ދެވަނަ މެޗްގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ފ. ނިލަންދޫ ފުޓްބޯޅަ ޓީމް ކުޑަ ތަފާތަކުން ބަލިވެއްޖެއެވެ.

އިއްޔެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ފޯކައިދޫ ބައްދަލުކުރި މެޗް އެއްވަރުވެފައިވަނީ އެއެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ގްރީން ސްޓްރީޓްސްއަށް ލަނޑެއް ކާމިޔާބުކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މެޗްގެ 19 ވަނަ މިނެޓްގައި ލިބުނު ފުރަތަމަ ފުރުސަތަކީ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބުނު ފުރުސަތެކެވެ. ގްރީންގެ މަހިބަދޫއަށް އުފަން ޑިފެންޑަރު ގާސިމް ސައްމާމް (ސައްމޭ) އޭރިޔާ ތެރޭގައި ހުރި ދަގަނޑޭއަށް ހުރަސްކޮށްލި ބޯޅަ ދަގަނޑޭ ފޮނުވާލުމުން ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗްގެ 23 ވަނަ މިނެޓްގައި ގްރީންއަށް ކުޅެމުން އަންނަ ތަޖްރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރު އަށް ލިބުނު ބޯޅަ ގޯލާ އަމާޒުކޮށް ފޮނުވާލުމުން ފޯކައިދޫގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ސާފުކޮށްލައިފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ގްރީންގެ އުއްމީދީ ފޯވާޑް އަބްދުﷲ ޔާމީން (ޔާން) އަށްވެސް ފޯކައިދޫގެ ގޯލް ހުޅުވާލަން ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ޔާން ފޯކައިދޯގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ މިސްރާބް ބަދަލުވެގެން ބޭރަށް ދިޔައީ ފޯކައިދޫގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައެވެ.

ގްރީން ސްޓްރީޓްސް އަށް މި މެޗުން މޮޅުވަން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ މެޗްގެ ފަހު ހާފްގައެވެ. ފަހު ހާފްގައި ގްރީން ސްޓްރީޓްސް އިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ޢަބްދުﷲ މިސްބާހް (މިއްސެ) އަށް ފޯކައިދޭގެ އަލީޝާމިސް (ތޮއްޕެ) ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއް ޔާމީން ފޮނުވާލުމުން ބޭރަށް ދިޔައީ ފޯކައިދޫގެ ގޯލް ކީޕަރުގެ އިރުރުން ގޯލް ދަނޑީގައިވެސް ޖެހިފައެވެ. މި މެޗްގައި ފޯކައިދޫއިން ވެސް ކައުންޓާ އެޓޭކްގައި ލަނޑެއް ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސް ކުރަން މަސައްކަތް ކުރި ނަމަވެސް ލިބުނު ބޯޅަ ތަކުގެ ބޭނުން އެޓީމްގެ ފޯވާޑުންނަށް އެންމެ ރަގަޅަށް ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

ލީގުގައި ރޭ ކުޅުނު މެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަތުން ނިލަންދޫ ބަލިވީ 0-2 އިންނެވެ. މި މެޗްގައި ޓީސީ އިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 12 ވަނަ މިނެޓްގައި އެޓީމަށް ކުޅެމުން އަންނަ ނޭޕާލްގެ ފޯވާޑް ބިމަލް މަގަރް އެވެ. ބިމަލް މި ގޯލް ކާމިޔާބުކުރުމުގެ ކުރިން ޓީސީގެ އިސްމާއިލް އީސާ (މެސީ) އަށްވެސް ލަނޑެއް ކާމިޔާބުކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ބިމަލް ނަގައިދިން ހުރަހަކުން މެސީ އަށް ލިބުނު ބޯޅައެއް ބޮލުން ގޯލާ އާމާޒުކޮށް ފޮނުވާލުމުން ދިޔައީ ގޯލްގެ މަތީ ކަނާ ދިމާލުން ބޭރަށެވެ. މި މެޗްގައި ޓީސީއަށް ލީޑް ފުޅާކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ އޭދަފުށްޓަށް އުފަން ފޯވާޑް އިޝާން އިބްރާހީމް (ސައްޓު) އެވެ. ޓީސީ އަށް ލިބުނު ކޯނަރެއްގައި މާޒިޔާ އިން މިއަހަރު ޓީސީ އަށް ބަދަލުވި އީސަ ހުރަސްކޮށްލި ބޯޅަ ސައްޓު ގޯލްގެ ތިރީ ކަނަށް ވައްދާލީ އޭރިޔާ ބޭރުން ޖަހައެވެ. މެޗްގެ ދެވަނަ ހާފްގައިވެސް ޓީސީގެ ނޭޕާލް ފޯވާޑަށް ލީޑް ފުޅާކުރަން ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ.

ރޭގެ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންއަށް ރާއްޖޭގެ ގައުމީ ޓީމް ތައްޔާރުކުރުމަށްޓަކައި ލީގް މެދު ކަނޑާލުމުގެ ކުރިން ކުޅުނު އެންމެ ފަހު މެޗެވެ. ރެއާއި ހަމައަށް ލީގުގައި ކުޅުނު މެޗްތަކުގެ ނަތީޖާއަށް ބަލާލާއިރު ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި 17 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ. ދެވަނައިގައި 13 ޕޮއިންޓާއެކު ދިވެހި ޕްރިމިއާ ލީގަށް މުޅިން އަލަށް ޕްރޮމޯޓްވި ދަ ގްރާންޑޭ އޮތްއިރު ތިން ވަނައިގައި 12 ޕޮއިންޓާއެކު އޮތީ ކްލަބް އީގަލްސް އެވެ. އީގަލްސްއާ އެއްވަރަށް ޓީސީ އަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް އެޓީމް ހަތަރު ވަނައިގައި އޮތީ އީގަލްސްއަށްވުރެ ފައިދާ ގޯލް މަދުވުމުންނެވެ. ރަގަޅު ސްކޮޑަކާއެކު މިފަހަރުގެ ސީޒަނަށް ތައްޔާރުވި ގްރީން ސްޓްރީޓްސް އަދީ އޮތީ ނުވަ ޕޮއިންޓާ އެކު ޓޭބަލްގެ ފަސްވަނައިގައެވެ. ހަތް ޕޮއިންޓާއެކު ފޯކައިދޫ ޓޭބަލްގެ ހަ ވަނައިގައި އޮތްއިރު ހަތް ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓްރީ އެވެ.  މިހާތަނަށް ލީގުގައި ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ދެޓީމަކީ ނިލަންދޫ އާއި ވިކްޓްރީ އެވެ. ގޯލްގެ ތަފާތުން އެންމެ ފުލުގައި އޮތީ މި ދެޓީމްގެ ތެރެއިން ވިކްޓްރީ އެވެ.       

ކޮމެންޓް