ފީބާ ތުރީ އޮން ތުރީ ބާސްކެޓްބޯލް ކޮލިފިކޭޝަން ނިންމާލައިފި

މުބާރާތުގައި ކުޅުނު މެޗެއްގެ ތެރެއިން. ކޮލިފިކޭޝަން މުބާރާތް އިއްޔެ ވަނީ ނިންމާލާފައި. - ފޮޓޯ: ހާފްކޯޓް މޯލްޑިވްސް

އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން މާލޭގައި ބޭއްވި ފީބާ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ކޮލިފިކޭޝަން އިއްޔެ ނިންމާލައިފި އެވެ. މިދިޔަ ހުކުރު ދުވަހު ފެށި މި މުބާރާތުގައި އޭޝިއާ ސަރަހައްދުގެ 15 ގައުމަކުން 28 ޓީމު ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ މޮންގޯލިއާގެ އަރުކަންގާއި އެވެ. ފިރިހެން ބައިގެ ދެ ވަނަ ތުރުކެމެނިސްތާނުގެ އަޝްގަބަޓް ހޯދި އިރު ތިން ވަނަ ލިބުނީ މެލޭޝިއާގެ ކުއާލަލަންޕޫރު ޓައިގާސް އަށެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ޗައިނީސް ޓައިޕޭގެ ޓައިޕޭ ބިއާސް ހޯދި އިރު ދެ ވަނަ ހޯދީ މޮންގޯލިއާގެ އުލާންބާޓާރު އެމޭޒަންސް އެވެ. އަންހެން ބައިގެ ތިން ވަނަ ލިބުނީ ކުއާލަލަމްޕޫރް ޓައިގާސް އަށެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި މޮންގޯލިއާ އާއި ޗައިނީސް ޓައިޕޭގެ ޓީމު ދެން ވާދަކުރާނީ ފީބާ ވޯލްޑް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގަ އެވެ.

FIBA 3X3 ASIA QUEST FINAL 2019, Male' City – Maldives 🇲🇻MEN OPEN 1ST PLACE WINNERS : ARKHANGAI – MONGOLIA🇲🇳Youth Department, Ministry of Youth and Sports FIBA FIBA3x3

Posted by Maldives Basketball Association – MBA on Sunday, 8 September 2019

މި މުބާރާތުގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ބައިން ހަތަރު ޓީމު ބައިވެރިވެފަ އެވެ. އެކަމަކު ދިވެހި ޓީމުތައް ވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ ފުރަތަމަ ބުރުން ކަޓައިފަ އެވެ. މުބާރާތުގައި ރާއްޖޭން ވާދަކުރި ޓީމުތަކަށް ނަން ދީފައިވަނީ މާލޭގެ އަވަށް ތަކަށް ނިސްބަތްކޮށެވެ. އަންހެން ދެ ޓީމަށް މާފަންނު އަދި ހެންވޭރުގެ ނަމުން ނަންދިން އިރު ފިރިހެން ޓީމުތަކަށް ނަންދީފައިވަނީ މައްޗަންގޯޅި އާއި ގަލޮޅުގެ ނަމުންނެވެ.

FIBA 3X3 ASIA QUEST FINAL 2019, Male' City – Maldives 🇲🇻WOMEN OPEN 1ST PLACE WINNERS: TAIPEI BEARS – CHINESE TAIPEI Youth Department, Ministry of Youth and Sports FIBA FIBA3x3

Posted by Maldives Basketball Association – MBA on Sunday, 8 September 2019

މުބާރާތުގައި ވާދަކުރި މައްޗަންގޯޅި ޓީމުގައި ހިމެނުނީ އަހުމަދު އަފްސަން ރަޝާދު އާއި އަހުމަދު ނަޖީލް، އަހުމަދު ހުޝާމްގެ އިތުރުން އަހުމަދު އަލީ މުސްތަފާ އެވެ. ފިރިހެން އަނެއް ޓީމުގައި ހިމެނުނީ އަލީ އަޝްހަމް، އަފްލާހު ޝަރީފް، ހުސައިން ހަލީމް އަދި ހައިޝަމް ދާއުދު އެވެ. މާފަންނު އަންހެން ޓީމުގައި އައިމިނަތު ޝިއުރާ، ފާތިމަތު ރިޝްމާ، އައިމިނަތު އިޝްރާއު އަދި ޝައިލާން އަފްޒަލް ވާދަކުރި އިރު ހެންވޭރު ޓީމުގައި ހިމެނުނީ މަރިޔަމް ޒައިނާ، ހައުމާ އުބައިދުﷲ، ރާއިފާ އިބްރާހީމް އަދި އައިޝަތު ޖިނާހު އެވެ.

ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތް ރާއްޖޭގައި ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖޭގައި ބޭއްވީ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތެވެ. ފުރަތަމަ ފަހަރަށް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވި އިރު މިއީ ރާއްޖޭގެ ކުޅިވަރަށާއި ހާއްސަކޮށް ތުރީ އިން ތުރީ ބާސްކެޓްބޯޅަ ކުޅުންތެރިންނަށް ލިބިގެންދިޔަ ރަނގަޅު ތަޖުރިބާއެކެވެ. މި މުބާރާތުގެ މެޗުތައް ކުޅުނީ މި މުބާރާތަށް ހާއްސަކޮށް ޒުވާނުންގެ މަރުކަޒުގައި އެޅި ކޯޓުގަ އެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ޓީމުގެ މެޗެއްގެ ތެރެއިން. – ފޮޓޯ: ހާފްކޯޓް މޯލްޑިވްސް

ރާއްޖޭގައި އެންމެ ފަހުން ބޭއްވި އޭޝިއާގެ އެންމެ ބޮޑު މުބާރާތަކީ 2014 ވަނަ އަހަރުގެ މާލެ އާއި އައްޑޫގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕެވެ. ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތްތަކުގެ އަދަދު އިތުރުވާއިރު މި އަހަރު މާލެ އާއި އައްޑޫގައި ބެޑްމިންޓަންގެ ބައިނަލްއަގްވާމީ ދެ މުބާރާތެއް ބާއްވާނެ އެވެ. މި މުބާރާތުގެ އިތުރުން އައްޑޫގައި މި އަހަރު ވަނީ ޔޫއެފާ އެސިސްޓް އިންޓަނޭޝަނަލް އަންޑަ 15 ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ރާއްޖޭން ވަނީ އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ނިންމައިފަ އެވެ. މިނިސްޓަރ އަހުމަދު މަހުލޫފް މީގެ ކުރިން ވިދާޅުވެފައި ވަނީ 400 އެތުލީޓުންނާ އެކު ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ބާއްވަން މަސައްކަތް ކުރާނީ މާލޭން ބޭރުގައި ކަމަށެވެ. ރާއްޖޭގައި މިހާތަނަށް ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތަކަށް ވަނީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) އެވެ. އައިއޯއައިޖީ ބާއްވާން ރާއްޖޭން ބިޑު ކާމިޔާބުކުރީ މޮރިޝަސްގައި މިދިޔަ ޖުލައި މަހު ނިމުނު ގޭމްސްގަ އެވެ.

ކޮމެންޓް