ރިސޯޓް ޗެމްޕިއަންސް ލީގު ބަނޑޮސް ކާމިޔާބުކޮށްފި

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަނޑޮސް ޓީމް ތައްޓާއެކު. ފޮޓޯ: ނިޝާން އަލީ / މިހާރު

އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ރިސޯޓް ޗެމްޕިއަންސް ލީގުގެ ތަށި ބަނޑޮސް މޯލްޑިވްސް އިން ހޯދައިފި އެވެ. އިއްޔެ ބަނޑޮހުގައި ކުޅުނު ފައިނަލް މެޗުން އެޓީމު މޮޅުވީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓާއި ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ވެސް ހޯދީ ބަނޑޮހުންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ބަނޑޮސް ވަނީ ސީދާ ތިން ސެޓުން ގްރޭންޑްޕާކް ކޮށްދިއްޕަރު ބަލިކޮށްފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު ބަނޑޮހުން ގެންދިޔައީ 25-19 އިންނެވެ. މި ސެޓުން ބަލިވި ނަމަވެސް ޖެހިގެން އައި ސެޓުގައި ހިތްވަރު ނެރެ ރީތި ރަށުން ވަނީ 28-30 އިން ސެޓު ގެންގޮސްފަ އެވެ. މި ސެޓު ނިންމާލަށް ދެޓީމަށް ވެސް ފުރުސަތު ލިބުނުއިރު ފަހު ވަގުތު ކުރި ހޯދީ ރީތި ރަށުންނެވެ. ދެ ވަނަ ސެޓު ރީތި ރަށުން ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓުގައި އެޓީމަށް އަސްލު ކުޅުން ތަކުރާރު ކުރެވޭގޮތެއްނުވި އެވެ. ނަތީޖާއަކަށްވީ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް ބަނޑޮހުން ތަށި ޔަގީންކުރުމެވެ. ބަނޑޮހުން މެޗުގެ ތިން ވަނަ ސެޓު 25-20 އިން ގެންދިޔައިރު ޗެމްޕިއަންކަން ކަށަވަރުކުރި ސެޓު ގެންދިޔައީ 25-19 އިންނެވެ.

އިއްޔެގެ މެޗާއެކު ބަނޑޮހުން ވަނީ މި އަހަރުގެ މުބާރާތުގައި ތިން ފަހަރު ރީތި ރަށް ބަލިކޮށްފަ އެވެ. ފައިނަލުގެ ކުރިން ކުޅުނު ޒޯން އެކެއްގެ ފުރަތަމަ މެޗާއި އެ ޒޯނުގެ ފައިނަލް މެޗުން ވެސް ބަނޑޮސް ވަނީ ތިން ސެޓު އެއް ސެޓުން ރީތި ރަށް ބަލިކޮށްފަ އެވެ.

އިއްޔެގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް ޔޫތު އެންޑް ސްޕޯޓް މިނިސްޓަރު އަހުމަދު މަހްލޫފް އާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) ވަނީ ވަޑައިގެންފަ އެވެ.

ރިސޯޓް ޗެމްޕިއަންސް ލީގުގެ ޑްރީމް ޓީމުގައި ހިމެނުނީ ޗެމްޕިއަން ބަނޑޮސް ޓީމުގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ)، އިޝާން މުހައްމަދު (ބަޓިސް)، އަހުސަން، ހުސައިން ރަޒާން އަދި ރީތި ރަށުގެ ތިން ކުޅުންތެރިން ކަމަށްވާ އަހުމަދު ނަބީލް އާއި ހަސަން އިބްރާހީމް އަދި އާދަން ނަސީމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ބަނޑޮހަށް އިރުޝާދުދިން ގައުމީ ވޮލީ ޓީމުގެ ކުރީގެ ކޯޗް މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ކޮމެންޓް