ގޯލްޑެން ފުޓްސަލް ޗެލެންޖް: ދެ ވަނަ ބުރުގެ ކުޅުން މިރޭ ފަށަނީ!

ޒޯން ބުރުގައި ލ. ގަން އަދި ގއ. ކޮނޑޭ ބައްދަލުކުރި މެޗުގައި ގަން ޓީމުގެ މަޝްހޫރު ފުޓްސަލް ތަރި ހުސައިން ޝަރީފް (އޮންލީ) ބޯޅަ ފޮނުވާލަނީ. - ފޮޓޯ: ވަގުތު ނިއުސް

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ދެ ވަނަ ބުރުގެ ކުޅުން މިރޭ ފަށާނެ އެވެ. ފައިނަލް ބުރުގައި 15 ޓީމަކުން ވާދަކުރާއިރު މިރޭ ދެ ވަނަ ބުރުގެ ތިން މެޗެއް ކުޅޭނެ އެވެ. ބާކީ ހަތަރު މެޗު ކުޅޭނީ މާދަމާ ރެ އެވެ. އަށް ޒޯނުން ފައިނަލް ބުރަށް ހޮވުނީ ކޮންމެ ޒޯނަކުން އެންމެ ކުރި ހޯދި ދެ ޓީމެވެ.

ފައިނަލް ބުރުގައި 15 ޓީމަކުން ވާދަކުރަނީ ޒޯން ހަތެއްގައި ހިމެނޭ ފުވައްމުލަކުން ޓީމެއް ބައިވެރިވެފައި ނުވާތީ އެ ޒޯނުގެ ރަނަރަޕް ޓީމެއް ނެތުމުންނެވެ. ފުވައްމުލަކާ އެކު ޒޯން ހަތެއްގައި ހިމެނެނީ އައްޑޫ ސިޓީ އެވެ. އައްޑޫ ސިޓީގެ ޗެމްޕިއަންކަން ހޯދައި ފައިނަލް ބުރުގެ ސީދާ ޖާގައެއް ހޯދީ މަރަދޫ އެވެ. 15 ޓީމަކުން ފައިނަލް ބުރުގައި ވާދަކުރާތީ އެއް ޓީމަކަށް ވަނީ އޮޓަމެޓިކުން ކުއާޓާ ފައިނަލުގެ ޖާގަ ލިބިފަ އެވެ. އޮޓަމެޓިކުން ކުއާޓާ ފައިނަލުގެ ޖާގައެއް ލިބުނީ ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ށ. ގޮއިދޫއަށެވެ. ދެ ވަނަ ބުރުގައި ގޮއިދޫ ވާދަކުރަން އޮތީ ޒޯން ހަތެއްގެ ރަނަރަޕް ޓީމާ އެވެ.

Golden Futsal Challenge 2019Final Round

Posted by Golden Futsal Association on Thursday, October 10, 2019

ދެ ވަނަ ބުރުގައި މިރޭ ކުޅޭ ތިން މެޗުގެ ތެރެއިން 8:15 ގައި ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދި އއ. ބޮޑުފޮޅުދޫ ނުކުންނާނީ ޒޯން ދޭއްގެ ރަނަރަޕް ރ. އިނގުރައިދޫއާ ދެކޮޅަށެވެ. ބޮޑުފޮޅުދޫ ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ދެ ވަނަ ބުރުން ކަޓައިފަ އެވެ. މިދިޔަ އަހަރުގެ ދެ ވަނަ ބުރުގައި އެޓީމު 3-2 އިން ބަލިވީ ހދ. ނައިވާދޫ އަތުންނެވެ. އިނގުރައިދޫ މިދިޔަ އަހަރު ކެޓީ އަތޮޅު ބުރުންނެވެ. އިނގުރައިދޫގެ މައްޗަށް ކުރި ހޯދައި މިދިޔަ އަހަރު ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ އަލިފުއްޓެވެ. އެކަމަކު މި އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދައި އިނގުރައިދޫން އަންނަނީ މޮޅު ކުޅުމެއް ދަށްކަމުންނެވެ.

މިރޭ އެގަޑީގައި ކުޅޭ އަނެއް މެޗުގައި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި ބ. އޭދަފުއްޓާއި ޒޯން އެކެއްގެ ރަނަރަޕް ނައިވާދޫ ވާދަކުރާނެ އެވެ. މި ދެޓީމު ވަނީ މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެމެޗު 7-3 އިން ކާމިޔާބުކުރީ އޭދަފުއްޓެވެ. ނައިވާދޫ ބަލިކުރުމަށް ފަހު ސެމީ ފައިނަލުގައި މާފަންނާ ވާދަކޮށް އޭދަފުށި ވަނީ ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ.

މިރޭ ކުޅޭ ފަހު މެޗުގައި ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި މ. ދިއްގަރު ނުކުންނާނީ ޒޯން ތިނެއްގެ ރަނަރަޕް ކ. ގުރައިދޫއާ ދެކޮޅަށެވެ. ދިއްގަރު ފައިނަލް ބުރަށް ކޮލިފައިވީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައިގެންނެވެ. އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގައި އެޓީމުން މަޑުއްވަރީ އާއި މުލަކު ބަލިކުރިއިރު މ. އަތޮޅުގެ ފައިނަލުގައި ވަނީ ނާލާފުށި ފަސޭހައިން ބަލިކޮށްފަ އެވެ. ޒޯން ޗެމްޕިއަންކަން ދިއްގަރު ކަށަވަރުކުރީ ނާލާފުއްޓާއި އދ. އޮމަދޫގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގެ މެޗުގައި ދިއްގަރު ވަނީ ޕެނަލްޓީ ޖަހައިގެން އޭދަފުށި އަތުން ބަލިވެ ކަޓައިފަ އެވެ. އެ ބުރުގައި އޭދައްފުޓާ ދިއްގަރު ވާދަކުރި މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި ދިއްގަރު ބަލިވީ 2-0 އިންނެވެ. ދިއްގަރާ ދެކޮޅަށް ނުކުންނަ ގުރައިދޫއަށް މިއަހަރުގެ ފައިނަލް ބުރުން ފުރުސަތު ލިބުނީ ހަނި ގޮތަކަށެވެ. ޒޯން ތިނަކުން އެޓީމަށް ފައިނަލް ބުރުން ފުރުސަތު ލިބުނީ ޅ. ހިންނަވަރާ ޕޮއިންޓުގެ ގޮތުންނާއި ގޯލުގެ ތަފާތުން އެއްވަރުވެ ޖެހި ގޯލުން ކުރި ލިބުމުންނެވެ. ޒޯން ބުރުގައި ގުރައިދޫން ހަތަރު ގޯލު ޖެހިއިރު ހިންނަވަރަށް ޖެހުނީ ތިން ގޯލެވެ.

Round of 16 matches starts tonight!* Sh Goidhoo Football Team is automatically qualified to the quarter-finals, as there is no runner-up team from Zone 7.Golden Futsal Association #GoldenFutsalChallenge2019

Posted by Fahuminet on Friday, October 11, 2019
މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް

ދެ ވަނަ ބުރުގައި މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށި ނުކުންނާނީ މާލެ ހިމެނޭ ޒޯން އަށެއްގެ ރަނަރަޕް ހެންވޭރާ ދެކޮޅަށެވެ. މިއީ މި ބުރުގައި އެންމެ ވާދަވެރިވާނެ މެޗެވެ. ގޯލްޑެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ތިމަރަފުށި ހޯދިއިރު 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ ހެންވޭރެވެ. އެގަޑީގައި ކުޅޭ އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާފަންނު ނުކުންނާނީ ޒޯން ހަތަރެއްގެ ދެ ވަނަ ހޯދި އޮމަދޫއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ 8:15 ގަ އެވެ. ދެ ވަނަ ބުރުގެ ފަހު ދެ މެޗު ފަށާނީ މާދަމާ ރޭ 21:15 ގަ އެވެ. އެގަޑީގައި އައްޑޫ ޒޯންގެ ޗެމްޕިއަންކަން ހޯދި މަރަދޫ އާއި ޒޯން ހައެއްގެ ރަނަރަޕް ގދ. މަޑަވެލި ބައްދަލުކުރާ މެޗުގެ އިތުރުން ޒޯން ހައެއްގެ ޗެމްޕިއަން ލ. ގަން އަދި ޒޯން ފަހެއްގެ ރަނަރަޕް ފ. ނިލަންދޫ ވާދަކުރާނެ އެވެ.

ދެ ވަނަ ބުރުގެ މެޗުތަކަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލް ހަތަރު މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ. ސެމީ ފައިނަލް މެޗުތައް މި މަހުގެ 17 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދޭނީ 25،000 ރުފިޔާ އެވެ.

މި އަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މުބާރާތް އިންތިޒާމުކުރާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އަންނަނީ މި އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސްގެ އެހީތެރިކަމާއެކު ވަގުތުން ގެނެސްދެމުންނެވެ.

ފައިނަލް ބުރުގައި ވާދަކުރާ ޓީމުތައް:

ޒޯން 1: ށ. ގޮއިދޫ، ހދ. ނައިވާދޫ

ޒޯން 2: ބ. އޭދަފުށި، ރ. އިނގުރައިދޫ

ޒޯން 3: އއ. ބޮޑުފޮޅުދޫ، ކ. ގުރައިދޫ

ޒޯން 4: މ. ދިއްގަރު، އދ. އޮމަދޫ

ޒޯން 5: ތ. ތިމަރަފުށި، ފ. ނިލަންދޫ

ޒޯން 6: ލ. ގަން، ގދ. މަޑަވެލި

ޒޯން 7: ސ. މަރަދޫ

ޒޯން 8: މާފަންނު، ހެންވޭރު

ކޮމެންޓް