ގޮއިދޫ، އޭދަފުށި، ބޮޑުފޮޅުދޫ އަދި ތިމަރަފުށި ޒޯން ޗެމްޕިއަންކަން ހޯދައިފި

ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދި އއ. ބޮޑުފޮޅުދޫ ޓީމް ތައްޓާއެކު. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި މިހާރު ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ ހަތަރު ޒޯނެއްގެ ޗެމްޕިއަން ކަށަވަރުވެ ފައިނަލް ބުރަށް ޓީމުތައް ހޮވިއްޖެ އެވެ. ރޭ ކުޅުނު މެޗުތަކަށް ފަހު ޒޯން އެކެއްގެ ޗެމްޕިއަންކަން ށ. ގޮއިދޫ ހޯދިއިރު ޒޯން ދޭއްގެ ޗެމްޕިއަންކަން ބ. އޭދަފުށި ވަނީ ހޯދައިފަ އެވެ. ޒޯން ތިނެއްގެ ޗެމްޕިއަންކަން އއ. ބޮޑުފޮޅުދޫ ހޯދިއިރު ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދީ ތ. ތިމަރަފުއްޓެވެ.

ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ށ. ގޮއިދޫ ފުޓްސަލް ޓީމް. – ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ރޭ އެންމެ ފުރަތަމަ ކުޅުނު ޒޯން އެކެއްގެ ފަހު ދެ މެޗެވެ. މި މެޗުތަކުން މޮޅުވީ ޗެމްޕިއަން ގޮއިދޫ އާއި ހދ. ނައިވާދޫ އެވެ. ގޮއިދޫ 5-3 އިން ހދ. މަކުނުދޫ ބަލިކުރިއިރު ނައިވާދޫ ވަނީ 4-3 އިން ހއ. އިހަވަންދޫ ބަލިކޮށްފަ އެވެ. ޒޯން އެކެއްގެ ކުޅުން ނިމުނުއިރު ގޮއިދޫ އާއި ނައިވާދޫއަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ފައިދާ ގޯލުގެ ތަފާތުން ގޮއިދޫއަށް ޗެމްޕިއަންކަން ކަށަވަރުވިއިރު ދެ ވަނަ ލިބުނީ ނައިވާދޫއަށެވެ. ތިން ވަނަ ތިން ޕޮއިންޓާއެކު އިހަވަންދޫއަށް ލިބުނުއިރު ފުލަށް ދިޔަ މަކުނުދޫއަށް އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ.

ރޭ މަކުނުދޫ ކޮޅަށް ގޮއިދޫ ޓީމުގެ އިބްރާހީމް ރިފާޒް ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ރިފާޒްގެ އިތުރުން ގޮއިދޫ ޓީމަށް ގޯލުތައް ޖަހައިދިނީ ހުސައިން ވަހީދު އާއި އިބްރާހީމް އަލީ އަދި މުހައްމަދު އަހުޝަމް އެވެ. މެޗުގައި މަކުނުދޫގެ ގޯލުތައް ޖަހައިދިނީ ސަމްއޫން އަބްދުﷲ އާއި ނުހާދު ފައުޒީ އެވެ. އަނެއް ގޯލަކީ ގޮއިދޫގެ ރިފާޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

Golden Futsal Challenge 2019Zone 1Best Player : IBRAHIM RIFAZ (GOIDHOO)#GFA#AlliedInsuranceCompany#CopierPlus…

Posted by Golden Futsal Association on Thursday, October 10, 2019

އިހަވަންދޫ ކޮޅަށް ނައިވާދޫން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އިސްމާއީލް ވަހީދު އެވެ. އެޓީމަށް ދެން ގޯލު ޖަހައިދިނީ އަހުމަދު ހަމީދު އާއި މުހައްމަދު ނާޝިދު އަހުމަދު ނަސީމް އެވެ. ހަތަރު ގޯލުގެ ފަހަތުގައި އޮވެފައި އިހަވަންދޫން ނައިވާދޫ ކޮޅަށް ޖެހި ތިން ގޯލުގެ ތެރެއިން ހުސައިން ސަމީރު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ސަމީރުގެ އިތުރުން އިހަވަންދޫ ޓީމަށް ގޯލު ޖަހައިދިނީ އިބްރާހީމް ހާމިދު އެވެ.

ޒޯން އެކެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ނައިވާދޫ ޓީމުގެ އިސްމާއީލް ވަހީދު އަށެވެ. ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބުނީ ގޮއިދޫ ޓީމުގެ ރިފާޒްއަށެވެ.

ޒޯން ފަހެއްގެ ޗެމްޕިއަންކަން ދިފާއުކުރި ތ. ތިމަރަފުށި ފުޓްސަލް ޓީމް ތަށި އުފުލާލަނީ. – ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ޒޯން އެކެއްގެ މެޗުތަކަށް ފަހު ރޭ ކުޅުނީ ޒޯން ފަހެއްގައި ތ. ތިމަރަފުއްޓާއި ދ. ކުޑަހުވަދޫ ވާދަކުރި މެޗާއި ޒޯން ހަތަރެއްގައި އދ. އޮމަދޫ އާއި މ. ނާލާފުށި ވާދަކުރި މެޗެވެ. ޒޯން ފަހެއްގެ މެޗުގައި 3-2 އިން ކުޑަހުވަދޫ ބަލިކޮށް 2016 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ތިމަރަފުށި ވަނީ ޒޯން ޗެމްޕިއަންކަން ހޯދާފަ އެވެ. މި މެޗުގައި ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) ދެ ގޯލު ޖެހިއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް މުނީޒް އެވެ. މެޗުގައި ކުޑަހުވަދޫގެ ދެ ގޯލު ވެސް ޖަހައިދިނީ ހާރޫން އިބްރާހީމް އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން ޒޯން ފަހެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ މަޝްހޫރު ފުޓްސަލް ތަރި ރޮނާ އެވެ. ތިމަރަފުށި ހިމެނުނު ޒޯން ފަހެއްގައި ކުޅުނު ދެ މެޗުން ވެސް އެޓީމު މޮޅުވެ ހަ ޕޮއިންޓް ހޯދިއިރު މި ޒޯނުން ފައިނަލް ބުރަށް ހޮވުނު ދެ ވަނަ ޓީމަކީ ފ. ނިލަންދޫ އެވެ. ދެ މެޗުން ވެސް ބަލިވި ކުޑަހުވަދޫ ދިޔައީ ޒޯން ބުރުގެ ފުލަށެވެ.

Golden Futsal Challenge 2019Zone 5Top Scorer & Best Player: ALI SHIFAU…

Posted by Golden Futsal Association on Thursday, October 10, 2019

ޒޯން ހަތަރަކުން ފައިނަލް ބުރުގެ ޖާގަ އޮމަދޫ ކަށަވަރުކުރީ ރޭ 8-2 ގެ ބޮޑު ތަފާތަކުން މ. އަތޮޅުގެ ރަނަރަޕް ނާލާފުށި ބަލިކޮށްގެންނެވެ. މެޗުގައި އޮމަދޫގެ އަށް ގޯލުގެ ތެރެއިން މޫސާ އަރީފް ވަނީ ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަރީފްގެ އިތުރުން އެޓީމަށް ގޯލުތައް ޖަހައިދިނީ އަލީ އަޒްމީ އާއި އަބްދުﷲ އަޖްރަމް އަދި އަބްދުﷲ ނިޔާޒް އެވެ. މި ހަތަރު ގޯލުގެ ތެރެއިން އަޒްމީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމަށް ގޯލު ޖަހައިދިން އަބްދުﷲ ނިޔާޒް އަކީ ޓީމުގެ ގޯލްކީޕަރެވެ. ކީޕަރު ގޯލް ޖެހީ އޭނާއަށް ލިބުނު ބޯޅަ ހިފައިގެން ގޮސް އެޓީމުގެ އިތުރު ދެ ކުޅުންތެރިއެއްގެ އެހީތެރިކަމާއެކު އެވެ.

Golden Futsal Challenge 2019Zone 4Top Scorer : MOOSA AREEF (OMADHOO)#GFA#AlliedInsuranceCompany#CopierPlus…

Posted by Golden Futsal Association on Thursday, October 10, 2019

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދައި ފައިނަލް ބުރަށް ދަތުރުކުރީ ދެ މެޗުން ވެސް މޮޅުވި މ. ދިއްގަރެވެ. ދިއްގަރުގެ ފަހަތުން އޮމަދޫއަށް ދެ ވަނަ ލިބުނުއިރު ފުލަށްދިޔަ ނާލާފުއްޓަށް ޕޮއިންޓެއް ނުލިބެ އެވެ. މި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް އޮމަދޫގެ އަރީފް ހޯދިއިރު ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިއްގަރު ޓީމުގެ އާދަމް ހަލީމް އެވެ.

ރޭ އެންމެ ފަހުން ކުޅުނީ ޒޯން ދޭއްގައި އޭދަފުއްޓާއި ނ. ހޮޅުދޫ ވާދަކުރި މެޗާއި ޒޯން ތިނެއްގައި އއ. ބޮޑުފޮޅުދޫ އާއި ޅ. ހިންނަވަރު ވާދަކުރި މެޗެވެ. ޒޯން ދޭއްގެ ފަހު މެޗުގައި އޭދަފުށި ވަނީ 8-0 ގެ ބޮޑު ތަފާތަކުން ހޮޅުދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. މެޗުގައި އޭދަފުށީގެ އަހުމަދު އަޝްރަފް ޔޫސުފް އާއި ހަމްދާން އަބްދުއްސައްތާރް ވަނީ ހެޓްރިކް ހަދައިފަ އެވެ. މި ދެކުޅުންތެރިންގެ އިތުރުން އެޓީމުގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ފުޓްސަލް ޓީމް. – ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ޒޯން ދޭއްގައި ވާދަކުރި އޭދަފުއްޓާއި ރ. އިނގުރައިދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އޭދަފުއްޓަށް ޒޯން ޗެމްޕިއަންކަން ކަށަވަރުވީ ފައިދާ ގޯލުން ކުރި ލިބުމުންނެވެ. އޭދަފުށިން އަތޮޅު ޗެމްޕިއަންކަން ވެސް ކަށަވަރުކުރީ އެ ބުރުގައި ބ. ތުޅާދޫ ކޮޅަށް އަށް ގޯލު ފައިދާ ގޯލުން ހިތާދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ޒޯނުގެ ފުލަށް ދިޔަ ހޮޅުދޫ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އޭދަފުއްޓަށް ފައިދާ އަށް ގޯލު ލިބުނުއިރު އިނގުރައިދޫއަށް ލިބުނީ ފައިދާ ތިން ގޯލެވެ. ޒޯން ދޭއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ އަޝްރަފް އެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އިނގުރައިދޫ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) އަށެވެ.

Golden Futsal Challenge 2019Zone 2Best Player : Ali Haafiz (Inguraidhoo)#GFA#AlliedInsuranceCompany#CopierPlus…

Posted by Golden Futsal Association on Thursday, October 10, 2019

ޒޯން ހަތަރެއްގައި ރޭ ކުޅުނު މެޗުގައި 4-1 އިން ހިންވަރު ބަލިކޮށް ބޮޑުފޮޅުދޫ ޗެމްޕިއަންކަން ހޯދިއިރު މި ޒޯނުން ފައިނަލް ބުރުގެ ދެ ވަނަ ޖާގަ ލިބުނީ ކ. ގުރައިދޫއަށެވެ. ޒޯނުގެ ފުރަތަމަ މެޗުގައި ބޮޑުފޮޅުދޫއިން 5-2 އިން ގުރައިދޫ ބަލިކުރިއިރު ދެ ވަނަ މެޗުގައި ހިންނަވަރާއި ގުރައިދޫ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުގެ ނަތީޖާ 4-1 އިން ނިމުމުން ހިންނަވަރު މުބާރާތުން ކެޓީ ޖެހި ގޯލުން ގުރައިދޫއަށް ވުރެ ކުރި ނުލިބުމުން ހިތްދަތި ގޮތަކަށެވެ. ގުރައިދޫ އާއި ހިންވަރަށް ވެސް ޒޯން ބުރު ނިމުނުއިރު ލިބުނީ އެއް ޕޮއިންޓާއި ގެއްލުން ތިން ގޯލެވެ.

Golden Futsal Challenge 2019Zone 3Top Scorer : Ibrahim Rafhan…

Posted by Golden Futsal Association on Thursday, October 10, 2019

ރޭގެ މެޗުގައި ބޮޑުފޮޅުދޫގެ ގޯލުތައް ޖަހައިދިނީ އަހުމަދު ރިޔުޝާން އާއި މުހައްމަދު ޝިރުޚާން އަދި އަލީ ޝާނީޒްގެ އިތުރުން އިބްރާހީމް ރަފްހާން އެވެ. މެޗުގައި ހިންނަވަރުގެ ހަމައެކަނި ގޯލު ޖަހައިދިނީ ހުސައިން މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބޮޑުފޮޅުދޫ ޓީމުގެ ރިޔުޝާން އެވެ. ޒޯން ތިނެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ބޮޑުފޮޅުދޫ ޓީމުގެ ރަފްހާން ހޯދިއިރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އެޓީމުގެ ރިޔުޝާންއަށެވެ.

Golden Futsal Challenge 2019Final Round

Posted by Golden Futsal Association on Thursday, October 10, 2019

މުބާރާތުގެ ޒޯން ބުރުގެ ކުޅުން ރޭ ނިމުނުއިރު ފައިނަލް ބުރުގެ ކުޅުން މާދަމާރޭ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވިއިރު ދެން އޮތީ އެންމެ ފޯރިގަދަ މެޗުތަކެވެ. ގަދަ 16 ގެ މެޗުތައް މާދަމާ ރެޔާއި އާދީއްތަ ދުވަހުގެރޭ ކުޅޭއިރު ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ. ސެމީ ފައިނަލް 17 ވަނަ ދުވަހުގެރޭ ކުޅޭއިރު ފައިނަލް މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.

މިއަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. އަދި، މި އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސްގެ އެހީތެރިކަމާއެކު ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.

ކޮމެންޓް