ވަރުގަދަ ސީރިއާ އަތުން ހަނިގޮތަކަށް ރާއްޖެ ބަލިވެއްޖެ

މިރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި ނޫމާން ބޮލުން ބޯޅަ ފޮނުވާލަނީ. ރާއްޖޭން ވަނީ މެޗުގައި ސީރިއާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައި. - ފޮޓޯ: އޭއެފްސީ

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި މިރޭ ސީރިއާ އަތުން ދިވެހިރާއްޖެ ހަނިގޮތަކަށް ބަލިވެއްޖެ އެވެ. ސީރިއާގެ ހޯމް ގޮތުގައި ބަލައި ދުބާއީގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1 އިންނެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި މިއަދު ޗައިނާ ވަނީ އަމިއްލަ ގައުމުގައި 7-0 އިން ގުއާމް ބަލިކޮށްފަ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި މިދިޔަ މަހު ޗައިނާ ވަނީ ގަލޮޅު ދަނޑުގައި ރާއްޖެ 5-0 އިން ބަލިކޮށްފަ އެވެ. މި ގްރޫޕުގައި ޗައިނާގެ އިތުރުން ދެ މެޗުން މޮޅުވި އަނެއް ޓީމަކީ މިރޭ ރާއްޖެ ބަލިކުރި ސީރިއާ އެވެ. ސީރިއާ ވަނީ ކޮލިފައިންގެ ފުރަތަމަ މެޗުގައި 5-2 އިން ރަށުން ބޭރުގައި ފިލިޕީންސް ބަލިކޮށްފަ އެވެ. ގޯލުގެ ތަފާތުން އެއް ވަނައިގައި ޗައިނާ އޮތްއިރު ސީރިއާއަށް ލިބެނީ ދެ ވަނަ އެވެ. މި ގްރޫޕުގެ ތިން ވަނަގައި އޮތް ފިލިޕީންސް އާއި ރާއްޖެ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ދެޓީމުވެސް ތިން ޕޮއިންޓް ހޯދީ ރަށުން ބޭރުގައި ގުއާމް ބަލިކޮށްގެންނެވެ. ފުލުގައި އޮތް ގުއާމް ވަނީ ފުރަތަމަ ތިން މެޗުން ވެސް ބަލިވެފަ އެވެ.

ރާއްޖޭގެ ސަމުއްޓޭ ސީރިއާގެ ކެޕްޓަން އަލްސޯމާ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ. – ފޮޓޯ: އޭއެފްސީ

ކޮލިފައިންގެ ފުރަތަމަ މެޗުގައި ގުއާމް އަތުން 1-0 އިން މޮޅުވެ ދެ ވަނަ މެޗުގައި ޗައިނާ އަތުން ބޮޑު ތަފާތަކުން ބަލިވެފައި އޮތް ރާއްޖޭގެ ޓީމުން މިރޭ ވަނީ ޖުމްލަގޮތެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ސީރިއާ އިން މެޗުގެ ކުރީކޮޅު ކޮންޓްރޯލް ކުރިނަމަވެސް ރާއްޖޭން ވެސް ވަނީ މެޗުގައި ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކޮށްފަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި އަލީ އަޝްފާގް (ދަގަނޑޭ) ހިމަނާފައެއްނުވެ އެވެ. ޓީމުގެ އެޓޭކުގައި ހަރަކާތްތެރިވީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) އަދި މުހައްމަދު ނާއިމް އެވެ. ޓީމުގެ މެދުތެރޭގައި ކުޅުނީ އައިސަމް އިބްރާހީމް އާއި މުހައްމަރު އިރުފާން (އިރޭ) އަދި ހުސައިން ނިހާން (ނިހާޓް) އެވެ. ގޯލުގައި މުހައްމަދު ފައިސަލް ހުރިއިރު ޑިފެންސުގައި ކުޅުނީ އަހުމަދު ނޫމާން (ހެލްމެޓް) އާއި އަލީ ސަމޫހު (ސަމުއްޓޭ)، ހުސައިން ސިފާއު ޔޫސުފް (ކުރޯ) އަދި ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން އެވެ. ސަސްޕެންޝަނުގެ ސަބަބުން ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އިބްރާހީމް މަހުދީ ހުސައިން (އިއްބެ ވަހީދު) އާއި ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) މިރޭގެ މެޗުގައި ނުކުޅެ އެވެ. މި ދެކުޅުންތެރިންގެ އިތުރުން މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އަނިޔާގެ ސަބަބުން ޓީމުގައި ހިމަނާފައެއްނުވެ އެވެ.

Maldives National Football Team suffer another defeat#WCQ #AsianQualifiersPhoto: Asian Football Confederation

Posted by Fahuminet on Thursday, October 10, 2019

މެޗު ފަށައިގެން ސީރިއާއިން އުފެއްދި ހަމަލާތައް ގޯލަކަށް ބަދަލުކޮށްލެވުނީ މެޗުގެ 26 ވަނަ މިނެޓުގަ އެވެ. އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ކަނަށް ފޮނުވާލައިގެން މި ގޯލު ކާމިޔާބުކުރީ އޮމާރް އަލް ސޯމާ އެވެ. އޭގެ ތިން މިނެޓު ފަހުން ރާއްޖޭގެ ހަމްޕު ނަގައިދިން ހުރަހެއް އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި ނޫމާން ބޮލުން ޖެހުމުން ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފު ރާއްޖޭން ފެށީ އިރޭގެ ބަދަލުގައި އިތުބާރު ފޯވާޑް ދަގަނޑޭ ކުޅެން އަރުވައިގެންނެވެ. ދަގަނޑޭ ކުޅެން އެރުމާއެކު ސީރިއާގެ ޑިފެންސަށް ބާރުބޮޑުވެ ރާއްޖޭގެ ކުޅުންތެރިން ފެނުނީ އިތުބާރާއެކު ކުޅެމުން ދިޔަތަނެވެ. މެޗުގެ 51 ވަނަ މިނެޓުގައި ހަމްޕު ދިން ބޯޅައެއް އައިސަމް ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރަށެވެ. ސީރިއާގެ ދެ ވަނަ ގޯލު ވެސް ޖެހީ ފުރަތަމަ ގޯލު ޖެހި ކެޕްޓަން އަލް ސޯމާ އެވެ. 60 ވަނަ މިނެޓުގައި ކޯނަރަކުން ނަގައިދިން ބޯޅައެއް އަލް ސޯމާ ބޮލުން ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރު ފައިސަލްގެ އަތުގައި ޖެހިފަ އެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ދަގަނޑޭ ހުސްކޮށް ހިފައިގެން ދިޔަ ބޯޅައެއް ހޯދަން އުޅުމުގެތެރޭގައި ސީރިއާގެ ޑިފެންޑަރު އަހުމަދު އަލްސަލާ ކުރި ފައުލަކަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެ ފައުލަށް ލިބުނު ހިލޭޖެހުން ދަގަނޑޭ ތިރިތިރިން ފޮނުވާލުމުން ދިޔައީ ކީޕަރު އަތަށެވެ. މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލު 69 ވަނަ މިނެޓުގައި ޖެހީ ދަގަނޑޭ އެވެ. ކުރޯ އެއްލި ބޯޅައެއް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފޯވާޑް އަސަދުﷲ އަބްދުﷲ ފައިގައި ލައްވާނުލައި ދަގަނޑޭއަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ ބޮލުންޖަހަ އެވެ. މިރޭގެ މެޗަކީ ދޮޅު އަހަރެއްހާ ދުވަހު ގައުމީ ޓީމަށް ނުނަގައި ބާކީކޮށްފައި ބެހެއްޓި ދަގަނޑޭ އަލުން ގައުމީ ޓީމާ ގުޅުމަށް ފަހު ކުޅުނު ދެ ވަނަ މެޗެވެ.

ގޯލު ޖެހުމަށް ފަހު ސީރިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ. އެޓީމަށް ރާއްޖެ އަތުން ލިބުނީ ހަނި މޮޅެއް. – ފޮޓޯ: އޭއެފްސީ

ރާއްޖޭން ގޯލެއް ޖަހައި ފަރަގު ކުޑަކުރުމަށް ފަހު އިތުރު ގޯލެއް ޖަހައި ޕޮއިންޓެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މެޗުގެ ފަހުކޮޅު ރާއްޖޭން ވަނީ ނިހާޓްގެ ބަދަލުގައި ފޯވާޑް އަޔާޒް އަހުމަދު (އަޔާ) ކުޅެން އަރުވައިފަ އެވެ. މެޗުގެ ބާކީބައިގައި ރާއްޖެއަށް ގޯލް ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ އަސަދުﷲ އަށެވެ. އަރިމަތިން ދަގަނޑޭ ނަގައިދިން ބޯޅަ އޭރިޔާތެރޭގައި ހުރި އަސަދުﷲ އަށް ރަނގަޅަށް ލައްވާލާ ގޮތެއްނުވި އެވެ.

ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެން ފެށުމުން ބާކީ ބައިގައި ސީރިއާއިން ވެސް ވަނީ ކައުންޓަ އެޓޭކުގައި ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެކަމަކު ކީޕަރު ފައިސަލް ވަނީ މި ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މި ގްރޫޕުގެ މެޗުތައް ދެން ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެދުވަހު ފިލިޕީންސް އަމިއްލަ ދަނޑުގައި ޗައިނާއާ ދެކޮޅަށް ނުކުންނައިރު ޔޫއޭއީގައި ސީރިއާ ނުކުންނާނީ ގުއާމާ ދެކޮޅަށެވެ. ކޮލިފައިންގައި ރާއްޖެ ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އެދުވަހު ގަލޮޅު ދަނޑުގައި ރާއްޖެ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.  

ކޮމެންޓް