ގޯލްޑެން ފުޓްސަލް ޗެލެންޖް: މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ މެޗުތައް ކެންސަލް!

މުބާރާތުގެ މެޗެއްގެ ތެރެއިން. މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ މެޗުތައް ވަނީ ފަސްކޮށްފައި. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މާލެ ސަރަހައްދައް މޫސުން ގޯސްވެ ވިއްސާރަވުމާއި ގުޅިގެން ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް މުބާރާތް އިންތިޒާމުކުރާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ކެންސަލްކޮށްފި އެވެ. މިރޭ ކުޅެން ހަމަޖައްސާފައިވާ މެޗުތައް ކުޅޭނީ މާދަމާރޭ ކަމަށް ގޯލްޑެން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ޓީމުތަކަށާއި މީޑިއާއަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން މިރޭ ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ މެޗުތައް ކެންސަލް ކުރީ މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން މައުލޫމާތުދިނުމާއި ގުޅިގެން ކަމަށެވެ. މޫސުން ގޯސްވެގެން މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

Last set of fixtures remaining in the Zone Round!Golden Futsal Association #GoldenFutsalChallenge2019

Posted by Fahuminet on Tuesday, October 8, 2019
މިރޭ ކުޅެން ޝެޑިއުލްކޮށްފައި ހުރި މެޗުތައް. މި މެޗުތައް ކުޅޭނީ މާދަމާ ރޭ

މުބާރާތުގައި މިރޭ ކުޅޭގޮތަށް ހަމަޖެހިފައިއޮތީ ފުރަތަމަ ފަސް ޒޯނުގެ ފަހު މެޗުތަކެވެ. ޒޯން އެކެއްގެ ފަހު މެޗުތަކަކީ ހދ. މަކުނުދޫ އާއި ށ. ގޮއިދޫ ވާދަކުރާ މެޗާއި ހދ. ނައިވާދޫ އާއި ހއ. އިހަވަންދޫ ވާދަކުރާ މެޗެވެ. ޒޯން ދޭއްގައި މިރޭ ކުޅެން ހަމަޖެހިފައިއޮތީ ބ. އޭދަފުއްޓާއި ނ. ހޮޅުދޫގެ މެޗެވެ. ޒޯން ތިނެއްގައި އއ. ބޮޑުފޮޅުދޫ އާއި ޅ. ހިންނަވަރުގެ މެޗު ޝެޑިއުލްކޮށްފައި އޮތްއިރު ޒޯން ހަތަރެއްގައި މ. ނާލާފުއްޓާއި އދ. އޮމަދޫ ވާދަކުރާ މެޗު ވެސް ޝެޑިއުލްކޮށްފައި އޮތެވެ. ޒޯން ފަހެއްގެ ފަހު މެޗުގައި މިރޭ ކުޅެން ހަމަޖެހިފައިއޮތީ ތ. ތިމަރަފުއްޓާއި ދ. ކުޑަހުވަދޫ އެވެ.

ހުޅުމާލެ ފުޓްސަލް ދަނޑުގައި ފެން މިރޭ ފެންހެދިފައި. – ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވާދަކުރާއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ޝެޑިއުލް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ. މުބާރާތުގައި ފުރަތަމަ ފަސް ޒޯން ނޫން އެހެން ޒޯންތަކުގެ ކުޅުން މިހާރު ވަނީ ނިމިފަ އެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ މެޗުތައް ކެންސަލްވުމާ އެކު ޝެޑިއުލަށް އިތުރު ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑެވެ. ޝެޑިއުލަށް އަންނަ ބަދަލުތައް މި ނޫހުން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސް އިން ވަގުތުން ދައްކާނެ އެވެ. މި އަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ

ކޮމެންޓް