ގޯލްޑެން ފުޓްސަލް ޗެލެންޖް: ޒޯން އަށެއްގެ ޗެމްޕިއަންކަން މާފަންނު ހޯދައިފި

ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި މާފަންނު ޓީމު. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ މާފަންނުން. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން މާފަންނު ހޯދައިފި އެވެ. މާފަންނު ޗެމްޕިއަންކަން ކަށަވަރުކުރީ ރޭ ހެންވޭރު ޓީމާ ދެކޮޅަށް ކުޅެ 3-3 އިން މެޗު އެއްވަރުކޮށްގެންނެވެ. މި މެޗު އެއްވަރުވުމުން ޒޯން ރަނަރަޕް ގޮތުގައި ހެންވޭރަށް ވަނީ ފައިނަލް ބުރުން ފުރުސަތުލިބިފަ އެވެ. މާލެ ޒޯނުން ކެޓީ ވިލިމާލެ އަދި ހުޅުމާލެ އެވެ.

ހެންވޭރާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި މާފަންނު ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި އާދަމް އިމްރާން އާއި މުހައްމަދު ޔަފާއު އެވެ. ހެންވޭރު ޓީމުގެ ތިން ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ފަޔާޒް އާއި އަހުމަދު ރިފްއަތު (ރިއްޕެ) އަދި ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާފަންނު ޓީމުގެ އިމްރާން އެވެ.

Maafannu & L.Gan Futsal Team are the champions of Zone 8 & 6 respectively! 🏆🏆Golden Futsal Association #GoldenFutsalChallenge2019

Posted by Fahuminet on Monday, October 7, 2019

މި ޒޯނުގައި ރޭ ވިލިމާލެ ފުޓްސަލް ޓީމުން 4-2 ގެ ނަތީޖާއަކުން ހުޅުމާލެ ބަލިކުރި ނަމަވެސް އެޓީމަށް ފައިނަލް ބުރުން ފުރުސަތު ލިބިފައެއްނުވެ އެވެ. މި މެޗުގައި ވިލިމާލޭގެ ހަތަރު ގޯލުގެ ތެރެއިން އަލީ ޝިޔާހް ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމަށް އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ މުއާޒް އާއި އިސްމާއީލް ވިފާގް އެވެ. ހުޅުމާލެ ޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ރައުޝަން އާއި އަބްދުﷲ ޝާފިއު އެވެ.

ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި މާފަންނު އާއި ރަނަރަޕް ހެންވޭރަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. މާފަންނު ޓީމަށް ޗެމްޕިއަންކަން ކަށަވަރުވީ ހެންވޭރަށް ވުރެ އެއް ގޯލު އިތުރަށް ޖެހުމުންނެވެ. މި ޒޯނުގެ ތިން ވަނަ ލިބުނު ވިލިމާލެ ޓީމަށް ހަތަރު ޕޮއިންޓް ލިބުނުއިރު ފުލަށް ދިޔަ ހުޅުމާލެއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ޒޯން އަށެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހުޅުމާލެ ޓީމުގެ އަބްދުﷲ ޝާފިއު ހޯދިއިރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ވިލިމާލެ ޓީމުގެ ޝިޔާހް އަށެވެ.

ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި މާފަންނު ޓީމު ގަދަ 16 ގެ މެޗުގައި ވާދަކުރަން ޖެހޭނީ ޒޯން ހަތަރެއްގެ ރަނަރަޕް ޓީމާ އެވެ. ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މ. ދިއްގަރު ހޯދާފައިވާއިރު މާފަންނާ ދެކޮޅަށް ގަދަ 16 ގައި ނުކުންނާނީ މ. ނާލާފުށި ނުވަތަ އދ. އޮމަދޫ އެވެ. ޒޯން ރަނަރަޕް ހެންވޭރު ޓީމު ގަދަ 16 ގައި ނުކުންނަން ޖެހޭނީ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދާ ޓީމަކާ އެވެ. ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދާނެކަމަށް ބެލެވެނީ ތ. ތިމަރަފުއްޓެވެ.

Zone 8 Winner: Maafannu 🥇Zone 8 Runner-up: Henveiru 🥈Golden Futsal Association #GoldenFutsalChallenge2019

Posted by Fahuminet on Monday, October 7, 2019

ޒޯން އަށެއްގެ މެޗުތަކުގެ އިތުރުން ރޭ ވަނީ ޒޯން އެކެއްގެ ފޯރިގަދަ ދެ މެޗު ކުޅެފަ އެވެ. ރޭގެ މެޗުތަކުން މޮޅުވީ ށ. ގޮއިދޫ އާއި ހދ. ނައިވާދޫ އެވެ. ގޮއިދޫން 3-2 ގެ ނަތީޖާއަކުން ހއ. އިހަވަންދޫ ބަލިކުރިއިރު ނާވައިދޫ ފަހުވަގުތު ޖެހި ގޯލުން ވަނީ 5-4 އިން ހދ. މަކުނުދޫ ބަލިކޮށްފަ އެވެ.

ރޭ އިހަވަންދޫން ލީޑު ނަގާފައިވަނިކޮށް ގޮއިދޫން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި އިހަވަންދޫގެ ގޯލު ޖަހައިދިނީ ހުސައިން ސަމީރު އެވެ. ގޮއިދޫން ފަހަތުން އަރައި ގޯލުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް ރިފާޒް އާއި ހުސައިން ނަސީމް އަދި މުހައްމަދު ޝައުފާން އެވެ. ދެ ގޯލުގެ ލީޑެއްގައި އޮތް ގޮއިދޫ ކޮޅަށް އިހަވަންދޫން ދެ ވަނަ ގޯލު ޖެހީ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ. އެކަމަކު މެޗުގެ ބާކީބައިގައި ގޮއިދޫން ވަނީ 3-2 ގައި އޮތް ލީޑު ހިފަހައްޓައިފަ އެވެ.

Golden Futsal Challenge 2019Zone 8 Top Scorer: Abdulla Shafiu (Hulhumale')#GFA#AlliedInsuranceCompany#CopierPlus…

Posted by Golden Futsal Association on Monday, October 7, 2019

ޒޯން އެކެއްގައި މަކުނުދޫ އަތުން 5-4 އިން ނައިވާދޫ މޮޅުވި މެޗުގައި މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) ވަނީ ދެ ގޯލު ޖަހައިފަ އެވެ. ނާއްޓެގެ އިތުރުން ނައިވާދޫ ޓީމަށް ގޯލުތައް ޖަހައިދިނީ އަހުމަދު ހަމީދު އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަބްދުﷲ ވިސާމް އެވެ. މެޗުގައި މަކުނުދޫ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖުނާން އަބްދުލްމަޖީދު އާއި ދެ ގޯލު ޖެހި ސަމްއޫން އަބްދުﷲ އަދި ސައިބާން އަހުމަދު އެވެ.

GOLDEN FUTSAL CHALLENGE 2019ZONE 1POINT TABLE

Posted by Golden Futsal Association on Monday, October 7, 2019

ހަތަރު ޓީމު ހިމެނޭ މި ޒޯނުގައި ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު އެއް ވަނައިގައި އޮތް ނައިވާދޫ އާއި ދެ ވަނައިގައި އޮތް ގޮއިދޫއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ނައިވާދޫ އެއް ވަނައިގައި އޮތީ ޖެހި ގޯލުން ގޮއިދޫއަށް ވުރެ ކުރި ލިބިގެންނެވެ. ޒޯންގެ ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އިހަވަންދޫ އެވެ. ފުރަތަމަ ދެ މެޗުން ވެސް ބަލިވުމުން ފުލުގައި އޮތް މަކުނުދޫއަށް މިހާރު ވަނީ ފައިނަލް ބުރުން ފުރުސަތު ގެއްލިފަ އެވެ. މި ޒޯނުގެ ފަހުމެޗުތަކުގައި ގޮއިދޫ އާއި މަކުނުދޫ ވާދަކުރާއިރު އިހަވަންދޫ އާއި ނައިވާދޫ ވާދަކުރާނެ އެވެ. މި ޒޯނުން އެއް ވަނަ ހޯދާ ޓީމަކަށް ގަދަ 16 ގެ މެޗެއް ނުކުޅެ ކުއާޓާ ފައިނަލަށް ދަތުރުކުރެވޭނެ އެވެ. ޒޯން އެކެއްގެ ޗެމްޕިއަން ގަދަ 16 ގައި ވާދަކުރަން އޮތީ އައްޑޫ ސިޓީ އާއި ފުވައްމުލައް ހިމެނޭ ޒޯން ހަތެއްގެ ރަނަރަޕް ޓީމާ އެވެ. އެކަމަކު ފުވައްމުލަކުން މުބާރާތުގައި ޓީމެއް ވާދަނުކުރާތީ މި ޒޯނުގައި ރަނަރަޕް ޓީމެއް ނެތެވެ.

Golden Futsal Challenge 2019Zone 8Best Player : Ali Shiyah (VILIMALE')#GFA#AlliedInsuranceCompany#CopierPlus…

Posted by Golden Futsal Association on Monday, October 7, 2019

މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ޒޯން ބުރުގެ ފަހު މެޗުތައް ކުޅޭނީ މާދަމާރެ އެވެ. އެއަށްފަހު ގަދަ 16 ގެ ފުރަތަމަ މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހުގެރެ އެވެ. ގަދަ 16 ގެ ވަނަ މެޗުތައް މި މަހުގެ 13 ވަނަ ދުވަހުގެރޭ ކުޅޭއިރު ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ 15 ވަނަ ދުވަހުގެ ރެ އެވެ. ސެމީ ފައިނަލް ދެ މެޗު ކުޅޭނީ 17 ވަނަ ދުވަހުގެ ރެ އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް 25،000 ރުފިޔާ ލިބޭނެ އެވެ. މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. އަދި، މި އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސް އިން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.

ކޮމެންޓް