ގޯލްޑެން ފުޓްސަލް ޗެލެންޖް: ގަން ޒޯން ޗެމްޕިއަންކަން ހޯދިއިރު ދާންދޫ ކަޓައިފި

ލ. ގަން ފުޓްސަލް ޓީމު ޒޯން ޗެމްޕިއަން ތައްޓާއެކު. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ހައެއްގެ ޗެމްޕިއަންކަން މިދިޔަ އަހަރުގެ ރަނަރަޕް ލ. ގަން ހޯދިއިރު މުބާރާތަށް ދުރާލާ ތައްޔާރުވެ މޮޅު ކުޅުމެއް ދައްކަމުން އައި ގއ. ދާންދޫ މުބާރާތުން ކަޓައިފި އެވެ. ގަމާ އެކު ޒޯން ހަޔަކުން ފައިނަލް ބުރުގެ އަނެއް ޖާގަ ހޯދީ ގދ. އަތޮޅުގެ ޗެމްޕިއަން މަޑަވެލި ފުޓްސަލް ޓީމެވެ. މި ޒޯނުގައި ދެން ވާދަކުރީ ގއ. އަތޮޅުގެ ރަނަރަޕް ކޮނޑޭ އެވެ.

ޒޯން ހައެއްގައި ރޭ ގަން ވަނީ 10-0 ގެ ބޮޑު ތަފާތަކުން ކޮނޑޭ ބަލިކޮށްފަ އެވެ. މިއީ މުބާރާތުގައި މިހާތަނަށް ޓީމަކުން ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. ރޭގެ މެޗުގައި ގަމުގެ 10 ގޯލުގެ ތެރެއިން މުހައްމަދު މުސްލިހް ވަނީ ފަސް ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މުސްލިހުގެ އިތުރުން ގަން ޓީމަށް ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އާއި އަލީ ޝާމިސް (ތޮއްޕޭ) އަދި ހުސައިން ނާޝިދު އެވެ. އޮންލީ ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ކޮނޑޭ ޓީމުގެ ނަސްރު މުހައްމަދު ދީދީ އަތުން ރޭ ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ.

Maafannu & L.Gan Futsal Team are the champions of Zone 8 & 6 respectively! 🏆🏆Golden Futsal Association #GoldenFutsalChallenge2019

Posted by Fahuminet on Tuesday, October 8, 2019

ފައިނަލް ބުރުގެ ޖާގައެއް ހޯދުމަށް ދާންދޫ މޮޅުވާން މަޖުބޫރު މެޗުގައި މަޑަވެލި ޓީމާއި ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ދާންދޫންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ހިލޭ ޖެހުމަކުން މަޑަވެލި ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. މެޗުން މޮޅުވާން މަސައްކަތްކުރި ދާންދޫ ޓީމުން ދެ ވަނަ ހާފުގައި މުޅިންހެން ކުޅުނީ ކުރިއަށް ޖެހިގެންނެވެ. އެކަމަކު މަޑަވެލި ޓީމުން ބޮޑަށް ބެލީ މެޗު އެއްވަރުކޮށްލައިގެން ފައިނަލް ބުރަށް ކޮލިފައިވުމުގެ ފުރުސަތު ހޯދުމަށެވެ. މެޗުގެ ފަހުކޮޅު ދާންދޫން އުފެއްދި ހަމަލާއެއްގައި އެޓީމުން ލީޑު ނެގުމުން ފައިނަލް ބުރަށް އެޓީމު ކޮލިފައިވާނެކަމަށް ބެލެވުނެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި މަޑަވެލި ޓީމުން ދެ ވަނަ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގައި ދާންދޫ ޓީމަށް ގޯލުތައް ޖަހައިދިނީ މުހައްމަދު އަބްދުއްސައްތާރު އާއި އިސްމާއީލް ނަސީރު އެވެ. މަޑަވެލީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގް އާއި ފާއިގް ޝަފީގް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަޑަވެލި ޓީމުގެ ނާއިފް އެވެ.

Zone 6 Winner: L.Gan Futsal Team 🥇Zone 6 Runner-up: Madaveli Ratu Team 🥈Golden Futsal Association #GoldenFutsalChallenge2019

Posted by Fahuminet on Tuesday, October 8, 2019

ޒޯން ހައެއްގެ މެޗުތައް ނިމުނުއިރު ގަން ޗެމްޕިއަންކަން ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ލިބުނު މަޑަވެލި ޓީމަށާއި ދާންދޫއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ފައިދާ އެއް ގޯލު އިތުރުވެ ފައިނަލް ބުރުގެ ޖާގަ މަޑަވެލި ޓީމުން ވަނީ ކަށަވަރުކޮށްފަ އެވެ. މި ޒޯނުގެ ފުލަށް ދިޔައީ ކުޅުނު ތިން މެޗުން ވެސް ބަލިވި ކޮނޑޭ އެވެ. ޒޯން ހައެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ގަން ޓީމުގެ މުސްލިހް އެވެ.

Golden Futsal Challenge 2019Zone 6 Best Player : MOHAMED MUSLIH (GAN)#GFA#AlliedInsuranceCompany#CopierPlus…

Posted by Golden Futsal Association on Monday, October 7, 2019

މިދިޔަ އަހަރު ވެސް މި ޒޯނުގެ ޗެމްޕިއަންކަން ހޯދީ ގަމެވެ. އެޓީމުގެ ފަހަތުން މިދިޔަ އަހަރު ދެ ވަނަ މަގާމް ހޯދައި ފައިނަލް ބުރަށް ހޮވުނީ ދާންދޫ އެވެ. ޒޯން ޗެމްޕިއަންކަން ހޯދި ގަން ގަދަ 16 ގައި ވާދަކުރަން ޖެހޭނީ ޒޯން ފަހެއްގެ ރަނަރަޕްއާ އެވެ. ޒޯން ފަހެއްގައި ހިމެނެނީ ތ. ތިމަރަފުއްޓާއި، ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫ އެވެ. މިހާރު ނަތީޖާތައް ނުކުމެފައިވާ ގޮތަށް ބަލާއިރު ފައިނަލް ބުރުގައި ގަމާއި ދެކޮޅަށް ނުކުންނަން ޖެހޭނެ ކަމަށް ބެލެވެނީ ނިލަންދޫ އެވެ. ޒޯން ހައެއްގެ ރަނަރަޕް މަޑަވެލި ގަދަ 16 ގައި ވާދަކުރަން ޖެހޭނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ހިމެނޭ ޒޯން ހަތެއްގެ ޗެމްޕިއަންކަން އޮޓަމެޓިކުން ލިބުނު މަރަދޫއާ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވިއިރު މިހާރު ކުރިއަށްދަނީ ޒޯން ބުރުގެ ފަހު މެޗުތަކެވެ. މި އަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ “ފަހުމިނެޓް” އެވެ. އަދި، މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސް އިން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.

ކޮމެންޓް