ގޯލްޑެން ފުޓްސަލް ޗެލެންޖް: ހާއްޕެގެ ހެޓްރިކުން އިނގުރައިދޫ ފައިނަލް ބުރަށް

ޒޯންގެ ފުރަތަމަ މެޗުގައި އޭދަފުއްޓާ ދެކޮޅަށް ނުކުތް އިނގުރައިދޫ ޓީމް. ރޭ އިނގުރައިދޫ ވަނީ ހޮޅުދޫ ބަލިކޮށް ފައިނަލް ބުރުން ޖާގަ ހޯދާފައި. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ އަލީ ހާފިޒް (ހާއްޕެ) ހެދި ހެޓްރިކާ އެކު ރ. އިނގުރައިދޫ މުބާރާތުގެ ފައިނަލް ބުރު ނުވަތަ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ. ޒޯން ދޭއްގައި ހިމެނޭ ނ. ހޮޅުދޫއާ ވާދަކުރި މެޗު އިނގުރައިދޫ ކާމިޔާބުކުރީ 5-2 އިންނެވެ.

ޒޯން ދޭއްގެ ފުރަތަމަ މެޗުގައި އިނގުރައިދޫ އާއި އޭދަފުށި ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި ޒޯނުގައި ބާކީ އޮތީ ހޮޅުދޫ އާއި އޭދަފުށި ވާދަކުރާ މެޗެވެ. އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމުނަސް ދެ ވަނަ ބުރުގެ ފުރުސަތު އިނގުރައިދޫއަށް ލިބޭނެ އެވެ. ޒޯންގައި ކުޅުނު ދެ މެޗުން އިނގުރައިދޫ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެއް މެޗުން އޭދަފުއްޓަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި، ރޭގެ މެޗުން ބަލިވި ހޮޅުދޫ އަށް ފައިނަލް ބުރުން ޖާގައެއް ލިބޭނީ ފަހު މެޗުގައި އޭދަފުށި ބަލިކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން އިނގުރައިދޫ ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި އިނގުރައިދޫން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ތިން ގޯލު ޖަހައިފަ އެވެ. މި ތިން ގޯލުގެ އިތުރުން ވެސް އެޓީމަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހާއްޕެގެ އިތުރުން އިނގުރައިދޫ ޓީމަށް ގޯލު ޖަހައިދިނީ އަހުމަދު އައިހަމް އާއި އަހުމަދު ޖުމާން އެވެ. ހޮޅުދޫގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހުނައިފް އާއި އަލީ އުމަރު އެވެ.

އިނގުރައިދޫގެ އިތުރުން ލ. ގަން ވެސް ވަނީ ރޭ ދެ ވަނަ ބުރުން ޖާގަ ހޯދާފަ އެވެ. ޒޯން ހައެއްގައި ހިމެނޭ ގަން ރޭ 1-0 އިން ވަނީ ގއ. ދާންދޫ ބަލިކޮށްފަ އެވެ. ޒޯން ހައެއްގެ އަނެއް މެޗުގައި ގދ. އަތޮޅުގެ ޗެމްޕިއަން މަޑަވެލި ވަނީ ގއ. އަތޮޅުގެ ރަނަރަޕް ކޮނޑޭ 6-4 އިން ބަލިކޮށްފަ އެވެ.

ވާދަވެރި ކުޅުމަކަށް ފަހު ގަމުން ދާންދޫ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ނާޝިދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގަން ޓީމުގެ ހުސައިން ޝަރީފް (އޮންލީ) އެވެ. މަޑަވެލިން ކޮނޑޭ ބަލިކުރި މެޗުގައި މަޑަވެލީގެ އަހުމަދު މިންހާޖް ޖަމީލް ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މިންހާޖްގެ އިތުރުން މަޑަވެލީ ޓީމަށް ގޯލުތައް ޖަހައިދިނީ ޒަމްއަތު މުހައްމަދު ވަހީދު އާއި ނާއިފް ޝަފީގް އަދި ފާއިގް ޝަފީގް އެވެ. މެޗުގައި ކޮނޑޭގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އިންޝާއު އަހުމަދު އާއި ހެޓްރިކް ހެދި މުހައްމަދު ނާޝިދު އެވެ.

Golden Futsal Challenge 2019Match 91DHAANDHOO 00-01 GAN Man of the Match : HUSSAIN SHAREEF…

Posted by Golden Futsal Association on Saturday, 5 October 2019

ހަތަރު ރަށް ވާދަކުރާ ޒޯން ހައެއްގައި ކޮންމެ ރަށަކުން ދެ މެޗު ކުޅެފައިވާއިރު 6 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ގަމެވެ. ދެ ވަނައިގައި އޮތް މަޑަވެއްޔާއި ތިން ވަނައިގައި އޮތް ދާންދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދެ މެޗުން ބަލިވި ކޮނޑޭއަށް މިހާރު ވަނީ ގަދަ 16 އަށް ދިއުމުގެ ފުރުސަތު ހަނިވެފަ އެވެ. ޒޯން ހައެއްގެ ފަހު މެޗުތަކުގައި ދާންދޫ އާއި މަޑަވެލި ވާދަކުރާއިރު ގަން ނުކުންނާނީ ކޮނޑޭއާ ދެކޮޅަށެވެ. ފަހު މެޗު އެއްވަރު ކޮށްލައިގެން ވެސް ގަމަށް ޒޯން ޗެމްޕިއަންކަން ލިބޭނެ އެވެ.

ރޭ ވަނީ މާލެ ހިމެނޭ ޒޯން 8 ގެ ދެ މެޗު ކުޅެފަ އެވެ. ރޭގެ މެޗުތަކުން ކުރި ހޯދީ ހެންވޭރު އާއި މާފަންނު އެވެ. ހުޅުމާލެއާ ވާދަކޮށް 3-2 އިން ހެންވޭރު މޮޅުވިއިރު މާފަންނު ވަނީ ހަމަ މި ނަތީޖާއިން ވިލިމާލެ ބަލިކޮށްފަ އެވެ. ހުޅުމާލެއާ ހެންވޭރު ވާދަކުރި މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވާޑް އިބްރާހީމް އަތީގް ހަސަން (އިއްބެ) ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ހެންވޭރު ޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރިފްއަތު (ރިއްޕެ) އެވެ. މެޗުގައި ހުޅުމާލެ ޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝައިހާން އާއި މުހައްމަދު މުސްތަފާ އެވެ.

ވިލިމާލެއާ ވާދަކުރި މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާފަންނު ޓީމުގެ ހުސައިން ޝުހައިލް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ޝުހައިލްގެ އިތުރުން މާފަންނު ޓީމަށް ގޯލު ޖަހައިދިނީ ހުސައިން އަފްސަލް އެވެ. ވިލިމާލެ ޓީމުގެ ދެ ގޯލު ވެސް ޖަހައިދިނީ އަލީ ޝިޔާހް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާފަންނު ޓީމަށް ދެ ގޯލު ޖަހައިދިން ޝުހައިލް އެވެ.

މާލެ ޒޯންގައި ދެން ކުޅޭނީ ފަހު މެޗުތަކެވެ. މިހާތަނަށް ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު އެއް ވަނައިގައި އޮތް މާފަންނު އާއި ދެ ވަނައިގައި ހެންވޭރު އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މާފަންނު ޓީމަށް އެއް ވަނަ ލިބެނީ ހެންވޭރު ޓީމަށް ވުރެ އެއް ގޯލު އިތުރަށް ޖަހައިގެންނެވެ. ތިން ވަނައިގައި އޮތް ހުޅުމާލެ އާއި ވިލިމާލެއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ހުޅުމާލެ ތިން ވަނައިގައި އޮތީ ވިލިމާލެއަށް ވުރެ ޖެހި ގޯލު އިތުރުވުމުންނެވެ.

މި ޒޯނުގެ ފަހު މެޗުތަކުގައި ހެންވޭރު އާއި މާފަންނު ވާދަކުރާއިރު ހުޅުމާލެ އާއި ވިލިމާލެ ވާދަކުރާނެ އެވެ. ހެންވޭރު އާއި މާފަންނު ވާދަކުރާ މެޗު އެއްވަރުވެއްޖެ ނަމަ މި ދެޓީމަށް ފައިނަލް ބުރުން ޖާގަ ލިބޭނެ އެވެ. އޭރުން ޒޯން އަށެއްގެ ޗެމްޕިއަންކަން ލިބޭނީ މާފަންނަށެވެ. ރޭގެ މެޗުތަކުން ބަލިވުމުން ވިލިމާލެ އާއި ހުޅުމާލެއަށް މިހާރު ވަނީ ފައިނަލް ބުރުގެ ފުރުސަތު ހަނިވެފަ އެވެ.

ރޭ ވަނީ ޒޯން ފަހެއްގައި ހިމެނޭ ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ ވެސް ކުޅެފަ އެވެ. ފޯރިގަދަ ކުޅުމަކަށް ފަހު މި މެޗު 3-2 އިން ކާމިޔާބުކުރީ ނިލަންދޫ އެވެ. މެޗުގައި ނިލަންދޫއަށް ދެ ގޯލު ޖަހައިދީ އަހުމަދު ނަބީލް ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ނަބީލްގެ އިތުރުން ނިލަންދޫއަށް ގޯލު ޖަހައިދިނީ އަކްރަމް އިސްމާއީލް އެވެ. މި ދެކުޅުންތެރިންނަކީ ވެސް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ނިލަންދޫ ސްޕޯޓްސް ކްލަބުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ. ރޭގެ މެޗުގައި ކުޑަހުވަދޫގެ ދެ ގޯލު ވެސް ޖަހައިދިނީ ޖުމައިލް ޖަމީލް އެވެ.

ޒޯން ފަހެއްގެ ފުރަތަމަ މެޗުގައި ތިމަރަފުށި ވަނީ 8-1 ގެ ބޮޑު ތަފާތަކުން ނިލަންދޫ ބަލިކޮށްފަ އެވެ. މި ޒޯނުން ގަދަ 16 އަށް ދަތުރުކުރާ ދެ ޓީމު ވެސް ކަށަވަރުވާނީ ތިމަރަފުއްޓާއި ކުޑަހުވަދޫ ވާދަކުރާ މެޗަށް ފަހު އެވެ. އެކަމަކު މިހާރު ނަތީޖާތައް ނުކުމެފައިވާ ގޮތުން ތިމަރަފުށީގެ މައްޗައް ކާމިޔާބު ހޯދައި ކުޑަހުވަދޫއަށް ޒޯން ބުރުން ފުރުސަތު ލިބުމަކީ ދުރު ކަމެކެވެ. ހުނަރުވެރި އެތައް ކުޅުންތެރިންނެއް ހިމެނޭ ތިމަރަފުށި ކުޑަހުވަދޫއާ އެއްވަރުކޮށްލައިގެން ވެސް ޒޯން ޗެމްޕިއަންކަން އެޓީމަށް ލިބޭނެ އެވެ.

GOLDEN FUTSAL CHALLENGE 2019ZONE ROUND MATCH SCHEDULED

Posted by Golden Futsal Association on Monday, 30 September 2019

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ މެޗުތައް ދެން އޮންނާނީ މާދަމާ ރެ އެވެ. ޒޯންގެ ފަހު މެޗުތައް ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. ރޭ ހޯދި މޮޅުތަކާއެކު އިނގުރައިދޫ އާއި ގަމުގެ އިތުރުން ފައިނަލް ބުރުގެ ޖާގަ ކަށަވަރުކޮށްފައިވާ އަނެއް ދެ ޓީމަކީ މ. ދިއްގަރާއި އއ. ބޮޑުފޮޅުދޫ އެވެ. މި ހަތަރު ރަށުގެ އިތުރުން އައްޑޫ ސިޓީގެ މަރަދޫއަށް ވަނީ އޮޓަމެޓިކުން ފައިނަލް ބުރުގެ ޖާގައެއް ލިބިފަ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވާދަކުރާއިރު ފައިނަލް ބުރަށް ހޮވޭނީ އަށް ޒޯނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 16 ޓީމެވެ. އެކަމަކު އައްޑޫ ސިޓީ އާއި ފުވައްމުލައް ހިމެނޭ ޒޯންގައި ފުވައްމުލަކުން ޓީމެއް ބައިވެރިވެފައިނުވާތީ މަރަދޫ އަށް މިހާރު ވެސް ވަނީ ފައިނަލް ބުރުން ޖާގަ ލިބިފަ އެވެ.

Golden Futsal Challenge 2019Final Round Match Schedule. Round of 16Quarter FinalSemi FinalFinal

Posted by Golden Futsal Association on Thursday, 3 October 2019

މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ. މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސް އިން ވަގުތުން ގެނެސްދޭއިރު މިފަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.  

ކޮމެންޓް