ގޯލްޑެން ފުޓްސަލް ޗެލެންޖް: ވާދަވެރި މެޗުތައް އެއްވަރުވެ ފޯރި އިތުރަށް ގަދަވެއްޖެ

މި އަހަރުގެ މުބާރާތުގައި ވާދަކުރާ މާފަންނު ޓީމް. އެޓީމުން ވަނީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައި. - ފޮޓޯ: ގޯލްޑެން ފުޓްސަލް ޗެލެންޖް

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު ވާދަވެރި ގިނަ މެޗުތަކެއް އެއްވަރުވެ ޒޯން ބުރާއި ހަމައިން މުބާރާތުގެ ފޯރި އިތުރަށް ގަދަވެއްޖެ އެވެ. ޒޯން ބުރުގައި ރޭ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ނިމުނީ އެއްވަރުވެގެންނެވެ. ރޭ މޮޅެއް ހޯދުނު ހަމައެކަނި ދެ ޓީމަކީ ތ. ތިމަރަފުއްޓާއި މ. ދިއްގަރެވެ. ޒޯން ފަހެއްގައި ހިމެނޭ ތިމަރަފުށިން ފ. ނިލަންދޫ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރިއިރު ދިއްގަރު ވަނީ އ. އޮމަދޫ 5-4 އިން ބަލިކޮށް ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ރޭ އެއްވަރުވީ މާލެ ސަރަހައްދު ނިސްބަތްވާ ޒޯން އަށެއްގެ ދެ މެޗާއި ޒޯން ދޭއް އަދި ޒޯން ތިނެއްގެ މެޗެކެވެ. މާލެ ޒޯންގައި މިދިޔަ އަހަރުގެ ޗެމްޕިއަން މާފަންނު އާއި ހުޅުމާލެ 4-4 އިން އެއްވަރުވި އިރު ވިލިމާލެ އާއި ހެންވޭރު ބައްދަލުކުރި މެޗު އެއްވަރުވީ 3-3 އިންނެވެ. ޒޯން ތިނެއްގައި ކ. ގުރައިދޫ އާއި ޅ. ހިންނަވަރު ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު ޒޯން ދޭއްގައި ހިމެނޭ ބ. އޭދަފުއްޓާއި ރ. އިނގުރައިދޫގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

🔥🔥🔥🔥Golden Futsal Association #GoldenFutsalChallenge2019

Posted by Fahuminet on Thursday, 3 October 2019

މާލެ ޒޯންގައި މާފަންނު ޓީމުން ހުޅުމާލެއާ 4-4 އިން އެއްވަރުކުރީ ފަހަތުން އަރައި ޖެހި ތިން ގޯލުންނެވެ. މެޗުގެ ކުރީކޮޅު މާފަންނު ޓީމުން ލީޑު ނަގާފައިވަނިކޮށް ހުޅުމާލެއިން އިން ވަނީ ހަތަރު ގޯލު ޖަހައި ބޮޑު ލީޑެއް ނަގައިފަ އެވެ. މެޗުގައި ހުޅުމާލޭގެ ހަތަރު ގޯލު ވެސް ޖަހައިދިނީ އަބްދުﷲ ޝާފިއު އެވެ. އެކަމަކު މެޗުގެ ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މާފަންނު ޓީމުން ވަނީ އިތުރު ތިން ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މާފަންނު ޓީމުގެ ހަތަރު ގޯލުގެ ތެރެއިން މުހައްމަދު ޔަފާއު ހެޓްރިކް ހެދިއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސުޖަން އަހުމަދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުޅުމާލެ ޓީމުގެ ހުރިހާ ގޯލެއް ކާމިޔާބުކޮށްދިން ޝާފިއު އެވެ.

ހުޅުމާލޭން މުބާރާތުގައި ވާދަކުރާ ޓީމް. – ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ރޭ ވިލިމާލެ އާއި ހެންވޭރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން ވިލިމާލެ ކުރީގައި އޮވެގެންނެވެ. އެކަމަކު މެޗުގެ ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް 2017 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހެންވޭރު ޓީމު ވަނީ މެޗުގެ ނަތީޖާ 3-3 އިން ހަމަހަމަކޮށްފަ އެވެ. މި ދެޓީމުގައި ވެސް ފުޓްސަލްގައި ފާހަގަކޮށްލެވޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. މެޗުގައި ވިލިމާލެ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ވިފާގު އާއި އަބްދުﷲ މުއާޒް (އޮޓޯ) އެވެ. ހެންވޭރު ޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު އަހުމަދު ރިފްއަތު (ރިއްޕެ) ކާމިޔާބުކޮށްދިން އިރު އިބްރާހީމް އަތީގް ހަސަން (އިއްބެ) ވެސް ވަނީ ގޯލު ޖަހައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެންވޭރު ޓީމުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ.

މުބާރާތުގައި ވާދަކުރާ ވިލިމާލެ ޓީމް. – ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މާލެ ޒޯންގެ ދެ މެޗު އެއްވަރުވުމުން ގަދަ 16 އަށް ހޮވޭނެ ދެ ޓީމެއް ކަނޑައަޅަން ވަނީ އުނދަގޫވެފަ އެވެ. މި ޒޯންގައި މާދަމާރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. މާދަމާ ރޭ ހުޅުމާލެ އާއި ހެންވޭރު ވާދަކުރާއިރު ވިލިމާލެ އާއި މާފަންނު ވާދަކުރާނެ އެވެ.

ޒޯން ތިނެއްގައި ރޭ ހިންނަވަރާއި 2-2 އިން އެއްވަރުވި މެޗަށް ފަހު ގަދަ 16 އަށް ދިއުމުގެ އަމިއްލަ ބާރު ގުރައިދޫއަށް ހަނިވެ އއ. ބޮޑުފޮޅުދޫ ވަނީ ގަދަ 16 އިން ފުރުސަތު ހޯދާފަ އެވެ. ތިން ޓީމު ހިމެނޭ ޒޯންގެ ފުރަތަމަ މެޗުގައި ބޮޑުފޮޅުދޫ ވަނީ ގުރައިދޫ ބަލިކޮށް ތިން ޕޮއިންޓް ހޯދައިފަ އެވެ. މި ޒޯނުން ގަދަ 16 އަށް ހޮވޭ ދެ ވަނަ ޓީމެއް ކަށަވަރުވާނީ އަންނަ ބުދަ ދުވަހުގެރޭ ހިންނަވަރާއި ބޮޑުފޮޅުދޫ ވާދަކުރާ މެޗަށްފަހު އެވެ. މި މެޗު އެއްވަރު ކޮށްލައިގެން ވެސް ހިންނަވަރަށް ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ.

މާލެ ޒޯންގައި ހިމެނޭ ހެންވޭރު ޓީމު. ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ރޭގެ މެޗުގެ ހަތަރު ގޯލު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ގުރައިދޫގެ ދެ ގޯލު ވެސް ޖަހައިދިން އަހުމަދު ޝުއޫން ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ހިންނަވަރުގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ގުރައިދޫ ޓީމުގެ ޝުއޫން އަތުން ބައިކޮޅަށް ވަން ގޯލެވެ. އެޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަލީ އަކްރަމް އެވެ. ޅ. އަތޮޅުގެ އެހެން ރަށަކުން ބައިވެރިވެފައި ނުވާތީ ހިންނަވަރު ޒޯން ބުރަށް ކޮލިފައިވީ މެޗެއް ނުކުޅެ އެވެ.

ޒޯން ދޭއްގައި ރޭ އިނގުރައިދޫއާ ދެކޮޅަށް ކުޅުނު މެޗުން އޭދަފުށި ޕޮއިންޓެއް ހޯދީ ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން އިނގުރައިދޫ ކުރީގައި އޮވެގެންނެވެ. އިނގުރައިދޫގެ ފުރަތަމަ ގޯލު އަލީ ފާތިހު ކާމިޔާބުކޮށްދިން އިރު ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. ފުރަތަމަ ހާފުގައި އޭދަފުށީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށިން  ނަތީޖާ ހަމަހަމަކުރީ އަހުމަދު އަޝްރަފް ޔޫސުފް ޖަހައިދިން ދެ ގޯލުންނެވެ. މި ދެގޯލުގެ ތެރެއިން ފަހު ގޯލު އަޝްރަފް ޖެހީ މެޗުގެ ފަހު ސިކުންތުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިނގުރައިދޫ ޓީމުގެ ހާއްޕެ އެވެ.

ޒޯން ދޭއްގައި މި ދެ ރަށުގެ އިތުރުން ދެން ހިމެނެނީ ނ. ހޮޅުދޫ އެވެ. ނ. އަތޮޅުން އެހެން ޓީމެއް މުބާރާތުގައި ބައިވެރިވެފައި ނުވާތީ ހޮޅުދޫ ޒޯން ބުރަށް ހޮވުނީ އޮޓަމެޓިކުންނެވެ. މި ޒޯނުގައި މާދަމާ ރޭ އިނގުރައިދޫ އާއި ހޮޅުދޫ ވާދަކުރާނެ އެވެ. ޒޯން ދޭއްގެ ފަހު މެޗުގައި ބައްދަލުކުރާނީ ހޮޅުދޫ އާއި އޭދަފުއްޓެވެ.

Golden Futsal Challenge 2019Final Round Match Schedule. Round of 16Quarter FinalSemi FinalFinal

Posted by Golden Futsal Association on Thursday, 3 October 2019

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މި އަހަރު 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މި އަހަރުގެ މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އަދި 13 ވަނަ ދުވަހުގެ ރެ އެވެ. ކުއާޓާ ފައިނަލްގެ ހަތަރު މެޗު މި މަހުގެ 15 ވަނަ ދުވަހުގެރޭ ކުޅޭއިރު ސެމީ ފައިނަލް މެޗުތައް ކުޅޭނީ 17 ވަނަ ދުވަހުގެ ރެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހުގެ ރެ އެވެ.

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ މުބާރާތުގެ ފޯރި ވަނީ އިތުރަށް ގަދަވެފަ އެވެ. ބައެއް ރަށްތަކުން އަންނަނީ މެޗުތަކުގައި ސަޕޯޓް ކުރުމަށް ސަޕޯޓަރުން މާލެވެސް ގެންނަމުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ ފައިނަލުގައި ލ. ގަން ބަލިކޮށް މާފަންނު އެވެ.

މުބާރާތުގައި މިރޭ އެއްވެސް މެޗެއް ނުކުޅޭނެ އެވެ. އެކަމަކު ޒޯން ބުރުގެ ހަ މެޗު މާދަމާރާ ކުޅޭ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.

GOLDEN FUTSAL CHALLENGE 2019ZONE ROUND MATCH SCHEDULED

Posted by Golden Futsal Association on Monday, 30 September 2019

މި އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސް އިން ވަގުތުން ގެނެސްދެ އެވެ. މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.

ކޮމެންޓް