ގޯލްޑެން ފުޓްސަލް ޗެލެންޖް: ސައްޓު އާއި ހާއްޕެ ވާދަވެރި ކުރިމަތިލުމަކަށް މިރޭ ނުކުންނަނީ!

ކްލަބް މޯލްޑިވްސް ކަޕްގައި ގޯލު ޖެހުމަށް ފަހު ސައްޓު އާއި ހާއްޕެ އުފާފާޅުކުރަނީ. މި ދެކުޅުންތެރިން މިރޭ ނުކުންނާނީ އަމިއްލަ ރަށް ތަމްސީލުކުރަން

މިދިޔަ މެއި މަހު ކްލަބް މޯލްޑިވްސް ކަޕް ބޭންކް އޮފް މޯލްޑިވްސްގެ ޔުނައިޓެޑް ބީއެމްއެލް އިން ކާމިޔާބުކުރިއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ރާއްޖޭގެ ފުޓްސަލް ކިންގުގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އަލީ ހާޒިފް (ހާއްޕެ) އެ ޓީމުގައި ދެއްކި ތަފާތު މޮޅު ކުޅުމަށެވެ. ބީއެމްއެލްއަށް ދެ ވަނަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްދިނުމުގައި ހާއްޕެ ދެއްކި މޮޅު ކުޅުމުގެ ފަހަތުގައި ހުރި އެއް ކުޅުންތެރިއަކީ ބީއެމްއެލްގައި ވަޒީފާ އަދާކުރާ، މިހާރު ފުރަތަމަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ “ކިންގް އޮފް ފުޓްސަލް” ގެ މަގާމް ހޯދައި އެ ތާޖު ހާއްޕެގެ ބޮލުގައި އެޅިއިރު ސައްޓު ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހާއްޕެ އާއި ސައްޓުގެ ފަރާތުން ފެނުނު މޮޅު ކުޅުމަކީ އެ މުބާރާތުން ފުރިހަމަ ކާމިޔާބެއް ބޭންކުން ހޯދަން މެދުވެރިވި އެއް ސަބަބެކެވެ. މުޅި މުބާރާތުގައި ވެސް ދެކުޅުންތެރިންގެ ގުޅުން ފެނުނީ ވަރަށް ރަނގަޅަށެވެ. އެކަމަކު މިފަހަރު މިއޮތީ މުޅިން ތަފާތު މަންޒަރެކެވެ. މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ މިއޮތީ މި ދެކުޅުންތެރިން ނިސްބަތްވާ ދެ ރަށުގެ ވާދަވެރި ކުރިމަތިލުމެކެވެ. ހާއްޕެ ރ. އިނގުރައިދޫއަށް ނިސްބަތްވާއިރު ސައްޓު އަކީ ބ. އޭދަފުއްޓަށް އުފަން ކުޅުންތެރިއެކެވެ. މިރޭ އިނގުރައިދޫ އާއި އޭދަފުށި ކުޅޭ ވާދަވެރި މެޗު އެންމެންގެ ސަމާލުކަމަށް އައުމުގެ ސަބަބަކީ މި ދެކުޅުންތެރިންނެވެ. މިއާއެކު ސޯޝަލް މީޑިއާގައި މި މެޗުގެ ފޯރި މިހާރު ވެސް ވަނީ ގަދަވެފަ އެވެ.

ޒޯން ދޭއްގައި ހިމެނޭ މި ދެޓީމު ވެސް މި ބުރަށް ކޮލިފައިވީ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އިނގުރައިދޫ އަތޮޅު ޗެމްޕިއަންކަން ހޯދީ އަތޮޅު ބުރުގައި ވާދަވެރި އަލިފުށީގެ އިތުރުން މާކުރަތުގެ މައްޗައް ފަސޭހަ މޮޅެއް ހޯދައި ސަތޭކަ އިންސައްތަ ރެކޯޑަކާއެކު އެވެ. ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށި ހޯދީ 2015 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ހިތާދޫއާ އެއްވަރުކޮށް ތުޅާދޫގެ މައްޗަށް ހޯދި ތަފާތު ބޮޑު މޮޅާއެކު އެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން އިނގުރައިދޫ އާއި އޭދަފުށިން ހޯދިއިރު ތަފާތު ދެއްކީ ހާއްޕެ އާއި ސައްޓު އެވެ. މި ދެކުޅުންތެރިން ވެސް ވަނީ އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖަހައި މި ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

ޒޯން ދޭއްގައި އޭދަފުއްޓާއި އިނގުރައިދޫގެ އިތުރުން ވާދަކުރަނީ ނ. ހޮޅުދޫ އެވެ. ޒޯންގެ ފުރަތަމަ މެޗުގައި މިރޭ އިނގުރައިދޫ އާއި އޭދަފުށި ނުކުންނައިރު ދެޓީމުގެ އަމާޒަކީވެސް މޮޅެއް ހޯދައި ޒޯން ޗެމްޕިއަންކަމަށް އަމާޒު ހިފުމެވެ. ތިން ރަށުގެ ކުރިމަތިލުމަށް ފަހު ގަދަ 16 އަށް ހޮވޭނީ އެންމެ ކުރި ހޯދާ ދެ ރަށެކެވެ. ސައްޓު އާއި ހާއްޕެގެ އިތުރުން ވެސް މި ދެރަށަކީ ފުޓްސަލްގައި މަޝްހޫރު ކުޅުންތެރިން ހިމެނޭ ރަށެކެވެ. އެހެންވެ ދެ ރަށުގެ ސަޕޯޓަރުން މިހާރު ތިބީ މިރޭގެ މެޗުން ކުރި ހޯދުމަށް ކެތްމަދުވެފަ އެވެ.

ޓީސީ ސްޕޯޓްސް ކްލަބާއެކު އާ ސީޒަން ފެށުމުގެ ކުރިން ސައްޓު ވަނީ ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން މި އަހަރު ކުރީކޮޅު ހުޅުމާލޭގައި ބޭއްވި ފުޓްސަލް މުބާރާތާއި ކ. ހުރާ ކައުންސިލުން ކުރިއަށް ގެންދިޔަ ކައުންސިލް ކަޕް ސިކްސް އަ ސައިޑް މުބާރާތް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން ބޭއްވި ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުގެ ސަޕޯޓަރުންގެ މުބާރާތް ޗެލްސީ ސަޕޯޓާސް ކްލަބާއެކު ސައްޓު ކާމިޔާބުކުރިއިރު އޭނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި، ހުރާ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައި ސައްޓު ވަނީ އެ މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމް ހޯދައިފަ އެވެ. މި ދެ މުބާރާތަށް ފަހު ފުޓްބޯޅަ ސީޒަން ފެށުމުން ސައްޓު ފެނުނީ ފުޓްސަލް މުބާރާތްތަކުން އެއް ފަރާތަށް ޖެހި ޓީސީއަށް ވަގުތުދިން ތަނެވެ.

ސައްޓުއާ ހިލާފަށް ފުޓްސަލް ރަނަށް ހަދަމުން އަންނަ ހާއްޕެ އަންނަނީ ފުލުފުލުގައި ފުޓްސަލް މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ހާއްޕެ ނެތި ފުޓްސަލް މުބާރާތެއް ރާއްޖޭގައި މިހާރު ބޭއްވުމަކީ ދުރު ކަމެކެވެ. އެހާވެސް މި ކުޅުންތެރިޔާގެ ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. އިނގުރައިދޫއާ އެކު ގޯލްޑެން ފުޓްސަލްގައި ވާދަކުރަމުން ހާއްޕެ ވަނީ އިއްޔެ ބ. ކަމަދޫގައި ނިމުނު “ދި ހޯވްކްސް ފުޓްސަލް ޓޯނަމެންޓް” ގެ ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. މިވަރުން އަދި ނިމުނީކީ ނޫނެވެ. އިނގުރައިދޫ ޓީމުގައި ކުޅެމުން ހާއްޕެ މިހާރު އަންނަނީ ފުވައްމުލަކު ސިޓީ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގައި ހޯދަނޑު ސްޕޯޓްސްއަށް ވެސް ކުޅެމުންނެވެ. މި ދެ މުބާރާތުގެ އިތުރުން ހާއްޕެ ވަނީ މިދިޔަ މަހު ބ. އޭދަފުށީގައި ކުރިއަށްދިޔަ “ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖް” ގައި ވެސް ކުޅެފައެވެ. މިއީ ހަމައެކަނި ވޭތުވެދިޔަ 20 ވަރަކަށް ދުވަހުގެ ހާއްޕެގެ ބިޒީ ޝެޑިއުލުން ބައެކެވެ. މި އަހަރު މިހާތަނަށް ހާއްޕެ ވަނީ ފުޓްސަލްގެ ގިނަ މުބާރާތްތަކެއްގައި ކުޅެ ޗެމްޕިއަންކަމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

ފުޓްސަލްގެ ގިނަ މުބާރާތްތަކެއްގައި ކުޅުނު ނަމަވެސް އަމިއްލަ ރަށު ޖާޒީގައި މުބާރާތެއްގައި ވާދަކޮށް ކާމިޔާބު ހޯދުމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ކުރެވޭނެ ތަފާތު އިހުސާސެކެވެ. ކްލަބް މޯލްޑިވްސް ކަޕްގެ ޝަރަފްވެރި ތަށި މި ދެކުޅުންތެރިން ވެސް ހޯދާފައިވާއިރު ޔަގީނުން ވެސް މިހާރުގެ އަމާޒަކަށް ވާނީ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ތަށި އަމިއް ފަސްގަނޑަށް ގެންދިއުމެވެ. އެއީ ހަމައެކަނި މި ދެކުޅުންތެރިންގެ ހުވަފެނެއް ނޫނެވެ. މި ދެކުޅުންތެރިން ނިސްބަތްވާ ދެ ރަށުގެ ސަޕޯޓަރުން ވެސް ދެކެން ބޭނުންވަނީ އެ ދުވަހެވެ. މި ދަތުރުގައި އިނގުރައިދޫ އާއި އޭދަފުށި ވާދަކުރާ ޒޯން ބުރުގެ ފުރަތަމަ މެޗަކީ ވާދަވެރި މެޗަކަށް ވާނެކަމާ މެދު ޝައްކެތްވެސް ނެތެވެ. ހުނަރުވެރި ދެ ކުޅުންތެރިންގެ ވާދަވެރި ކުރިމަތިލުމުގައި ނުކުންނަ ނަތީޖާ ނިކަން ބަލަމާ ހިނގާށެވެ.

ZONE ROUND DAY 2 FIXTURES!Golden Futsal Association #GoldenFutsalChallenge2019

Posted by Fahuminet on Wednesday, 2 October 2019

އިނގުރައިދޫ އާއި އޭދަފުށި ވާދަކުރާ ޒޯން ބުރުގެ މެޗު ފަށާނީ މިރޭ 21:15 ގައި މުބާރާތް ކުރިއަށްދާ ހުޅުމާލެ ފުޓްސަލް ދަނޑުގަ އެވެ.

ކޮމެންޓް