ދަތުރު ވަރުބަލިކަމާއެކު ކުޅުނު ރާއްޖޭގެ ޒުވާން ޓީމު ތަޖިކިސްތާން އަތުން ބަލިވެއްޖެ

ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ފުރަތަމަ 11. -ފޮޓޯ: އެފްއޭއެމް/އިބްރާހިމް ފާއިދު

މިއަދު ފެށި އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިރޭ ތަޖިކިސްތާން އަތުން ބަލިވެއްޖެ އެވެ. ކޮލިފައިން ބުރުގެ ގްރޫޕް ސީ ގެ މެޗުތައް ބާއްވާ ތަޖިކިސްތާނާ ވާދަކޮށް ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ބަލިވީ 9-0 އިންނެވެ. 

ކޮލިފައިންގެ ގުރޫޕް ސީގައި ރާއްޖެއާއި ތަޖިކިސްތާނުގެ އިތުރުން ދެން ހިމެނެނީ ސީރިއާ އާއި ލެބަނަން އެވެ. ސީރިއާ އާއި ލެބަނަން މިއަދު ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕަށް ފަހު ރާއްޖޭގެ ޒުވާން ޓީމް ނޭޕާލުން ތަޖިކިސްތާނަށް ދާން އިއްޔެ ދަތުރު ފެށިއިރު ޔޫއޭއީ މަގުން ޓީމު ތަޖިކިސްތާނަށް އާދެވުނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. މިމަހުގެ 20 އިން 29 އަށް ނޭޕާލުގައި ކުރިޔަށް ގެންދިޔަ 18 އަހަރުން ދަށުގެ ތިންވަނަ މަގާމާއެކު ރާއްޖޭގެ ޓީމް އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި ތަޖިކިސްތާނާ ވާދަކުރީ ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރި ފުރަތަމަ އެގާރަޔަށް ގެނައި ބޮޑެތި ބަދަލުތަކަކާ އެކުއެވެ.

ތަޖިކިސްތާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮތޯ: އެފްއޭއެމް/އިބްރާހިމް ފާއިދު

މިރޭގެ ފުރަތަމަ އެގާރައިގައި ފާހަގަ ކޮށްލެވޭ ބޮޑެތި ބަދަލެއް ފެނިގެން ދިޔައިރު ޓީމްގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) ގެ ބަދަލުގައި ޓީމް ލީޑުކުރީ ޑިފެންޑަރ ހަމްދޫން އަބްދުއް ލަތީފެވެ. އެއް ނަންބަތު ގޯލް ކީޕަރު ހަސަން އަލީފްގެ ބަދަލުގައި މިރޭ ރާއްޖޭގެ ގޯލްބެލެހެއްޓީ މުހައްމަދު ރާއިފް އަބްދުﷲ އެވެ. ޑިފެންޑަރ ހަސަން ލަވްހް އާއި އަހުމަދު ނާހިލް އާއި ސާވީ އިބްރާހީމްގެ އިތުރުން އަހްނަފް ރަޝީދާއި މިޑްފީލްޑަރ އަހްމަދު ސަމާހު ބެންޗުގައި އިންއިރު ފޯވަޑް އަހުމަދު ހުސާމް އާއި އިބްރާހިމް އިމްރާނަށް ވެސް ކޯޗް ޝާޒްލީ މުހައްމަދު ވަނީ ރެސްޓް ދީފައެވެ.

ތަޖިކިސްތާން ޓީމުން ވަނީ މެޗު ފަށައިގެން ވަރަށް ކުރީކޮޅު ރާއްޖޭގެ ޓީމަށް ނުރައްކާ ކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ހަތަރުވަނަ މިނިޓުގައި އެޓީމުގެ ފުރަތަމަ ގޯލު ޖަހައިދިނީ ޝާރިފްބެކް ރަހްމަތޯވް އެވެ. އެއަށް ފަހު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 9 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ތަޖިކިސްތާނުގެ ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ މަނޫޝާ ސަފަރޯވް އެވެ. އޭގެ ހަތަރު މިނިޓު ފަހުން ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ ޝަހްރޯމް ސަމިޔޭވް އެވެ. ސަމިޔޭވް އަކީ ވެސް ތަޖިކިސްތާން ސީނިއާ ޓީމަށް ހަ މެޗު ކުޅެދީ، ދެގޯލު ޖަހާދީފައިވާ ކުޅުންތެރިޔެކެވެ. މެޗުގެ 21 ވަނަ މިނިޓުގައި ތަޖިކިސްތާނުގެ ހަތަރުވަނަ ލަނޑު ވެސް ޖަހައިދިނީ ސަމިޔޭވް އެވެ.

ހަތަރުވަނަ ލަނޑަށް ފަހު ރާއްޖޭގެ ޓީމުން ވަނީ މިޑްފީލްޑަރ މުހައްމަދު އަފްލާމްގެ ބަދަލުގައި ޑިފެންޑަރ ސާވީ ކުޅެން އަރުވާފައެވެ. ބަދަލަށް ފަހު ރާއްޖޭގެ ޓީމް މަޑުމަޑުން ކުރިޔަށް ޖެހިގެން ކުޅެވޭތޯ މަސައްކަތް ކުރިނަމަވެސް ތަޖިކިސްތާނުގެ އިސްލާމް ޒައިރޯވް ވަނީ 36 ވަނަ މިނިޓުގައާއި 42 ވަނަ މިނިޓުގައި ނަތީޖާ 6-0 އަށް ބަދަލު ކޮށްލާފައެވެ. ފުރަތަމަ ހާފު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށް ކޯޗު ވަނީ ފޯވަޑް ޒަޔާން ނަސީރުގެ ބަދަލުގައި ޗޯޓު ކުޅެން އަރުވާފައެވެ.

ތަޖިކިސްތާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮތޯ: އެފްއޭއެމް/އިބްރާހިމް ފާއިދު

ދެވަނަ ހާފު ފެށުމާއެކު ސަމިޔޭވް ވަނީ ފުރަތަމަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ރާއްޖޭގެ ފަރާތުން ފުރަހަމަ ހާފަށް ވުރެން ބޮޑަށް ކުރިޔަށް ޖެހިގެން ގޯލު ޖަހާނޭ ފުރުސަތުތައް ވަނީ ތަނަވަސް ކޮށްފައެވެ. އަދި ކީޕަރު ރާއިފް ވަނީ ތަޖިކިސްތާނުގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ. އެހެން ނަމަވެސް ޗޯޓު އާއި ފޯވަޑް އަހުމަދު ބައްސާމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަޔަށް ހިފޭގޮތް ވަނީ ނުވެފައެވެ. ތަޖިކިސްތާނުގެ އަށްވަނަ ގޯލަކީ ރާއްޖޭގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ގޯލަކީ ތަޖިކިސްތާނުން އުފެއްދި ހަމަލާއެއްގައި ރާއްޖޭގެ ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅައެއް އިބްރާހީމް ދައިސަމްގެ ފައިގައި ޖެހިފައި ވަން ގޯލެކެވެ. އެޓީމުގެ ނުވަވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ރަހްމަތޯވް އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ ސީރިޔާއާ ދެކޮޅަށެވެ. މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ރާއްޖެ ގަޑިން ހަވީރު 4 ޖަހާއިރު އެވެ.

ރާއްޖެ – ތަޖިކިސްތާން މެޗުގެ ފުރަތަމަ 11:
މުހައްމަދު ރާއިފް ޢަބްދުﷲ (ގޯލްކީޕަރ)
އިބްރާހިމް އަނޫފް
ޒަޔާން ނަސީރު
އަހުމަދު ރަސްލާން ހަމީދު
ހަމްދޫން އަބްދުލް ލަތީފް (ކެޕްޓަން)
ހައިސަމް ރަޝީދު
މުހައްމަދު އަފްލާމް އަލީ
މުހައްމަދު މިންވާލް
އަހުމަދު ބައްސާމް
އިބްރާހިމް ދައިސަމް
މުހައްމަދު ފައިހާން އިމްރާން

ކޮމެންޓް