ދާދުގެ ގޯލުތަކުން މޮޅުވެ މާޒިޔާ އަށް ހަތް ޕޮއިންޓުގެ ލީޑެއް

ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓްރީއާ ބައްދަލުކުރި މެޗުގައި ދާދު ބޯޅަ ހިފައިގެން. މިއަދު ވަނީ ޔޫވީ ކޮޅަށް ދެ ގޯލު ޖަހާފައި. - ފޮޓޯ: އެފްއޭއެމް

މެޗުގެ ކުރީކޮޅު ނާއިޒް ހަސަން (ދާދު) ޖަހައިދިން ދެ ގޯލުން މޮޅުވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާއިން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-0 އިންނެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ކުޅުނު ނުވަ މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

ޔުނައިޓެޑް ވިކްޓްރީން މިއަދުގެ މެޗަށް ނުކުތީ ސަސްޕެންޝަނުގެ ސަބަބުން އިސްމާއީލް ޝަފީއު (އިއްސެ) ނުލަ އެވެ. މާޒިޔާގައި ސަސްޕެންޝަނެއް ނެތްއިރު މެޗަށް އެޓީމުން ނެރުނީ ވަރުގަދަ ޓީމެކެވެ. އެކަމަކު އަނިޔާގެ ސަބަބުން އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) މިއަދުގެ މެޗުގައި ވެސް ކުޅެފައެއްނުވެ އެވެ. އަދި، ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) މެޗު ފެށިއިރު އިނީ ބެންޗުގަ އެވެ.

މިއަދުގެ މެޗު ފަށައިގެން ގާތްގާތުގައި ދާދު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެޗުގައި ހަތަރު ވަނަ މިނެޓުގައި އަސަދުﷲ އަބްދުﷲ ދިން ބޯޅަ އޭރިޔާ ބޭރުން ކޮންޓްރޯލް ކުރުމަށް ފަހު ދާދު ފޮނުވާލުމުން ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ތޮލާ) ގެ ބޯމަތިން ގޮހެވެ. އޭގެ ތިން މިނެޓު ފަހުން ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ދިން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަނުމަށް ފަހު ދާދު ވަނީ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން މެޗުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.  

މެޗުގެ ކުރީކޮޅު މާޒިޔާއިން ދެ ގޯލުގެ ލީޑެއް ނެގިނަމަވެސް ބާކީ ބައިގައި ޔުނައިޓެޑް ވިކްޓްރީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ޔުނައިޓެޑް ވިކްޓްރީއަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ޔުނައިޓެޑް ވިކްޓްރީން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި މާޒިޔާގެ ގޯލްކީޕަރު އޮވޭސް އަޒީޒީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ގޯލު ޖެހި ދާދު އެވެ.

ލީގުގައި މިރޭ ކުޅޭނީ ފ. ނިލަންދޫ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ފުޓްބޯލް ކްލަބެވެ. ލީގުގައި ފުރަތަމަ ބުރުގައި މި ދެޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ ނިލަންދޫ އެވެ.

ކޮމެންޓް