އެމްޕީ ޔައުގޫބް: ދެގޮތެއް ނުވެ ދާންދޫގެ ގޯލް ބެލެހެއްޓުމުގައި!

މުބާރާތުގައި ވާދަކުރާ ދާންދޫ ޓީމުގައި ޔައުގޫބް. ޓީމުން ބުނަނީ ޔައުގޫބް ހުންނެވުމަކީ ލިބޭ އިތުރު ހިތްވަރެއް ކަމަށް. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ދާންދޫ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު ޔައުގޫބު ޢަބްދުﷲ އާއްމުންގެ ގިނަ ބަޔަކަށް އެންމެ ބޮޑަށް ފާހަގަވީ މިއަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމުން ބޭއްވި ބަހުސްގެ ތެރެއިންނެވެ. މަޖިލިސް އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ވެރިކަން ކުރާ އެމްޑީޕީން ބޭއްވި ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ބަހުސާއި ކުރިމަތިލެއްވި ޔައުގޫބުގެ ފަރާތުން ބަހުސްގައިވެސް ފެނުނީ ރަށުވަންތަކަމެވެ. އެފަހަރުގެ ބަހުސްގައި ފުރަތަމަ ފަހަރަށް ރަށު ބަހުން ވާހަކަދެއްކި ކެންޑިޑޭޓަކަށްވީ ޔައުގޫބެވެ. އާއްމުންނަށް އެފަހަރު ހާއްސަވި އެންމެ ބޮޑު އެއް ސަބަބަކީ އެއީ އެވެ.

އެކަމަކު މިފަހަރު ދައްކަން މިއުޅެނީ މުޅިން އެހެން ވާހަކައެކެވެ. 2003 ވަނަ އަހަރުން ފެށިގެން ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޔައުގޫބުގެ ކުޅިވަރުގެ ހަޔާތާއި ގުޅޭ ވާހަކައެކެވެ. މަޖިލިސް މެންބަރަކަށް ވުމަށް ފަހު ވެސް ޔައުގޫބު ފެންނަނީ ކުޅިވަރުގައި ވެސް ވަރަށް ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގަ އެވެ. އެކަން އެންމެ ބޮޑަށް ފާހަގަވަނީ މިހާރު ހުޅުމާލޭގައި ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުންނެވެ. ޔައުގޫބަކީ އެ މުބާރާތުގައި ވާދަކުރަމުން އަންނަ ދާންދޫ ޓީމުގެ ގޯލްކީޕަރެވެ. ބަހުސްގައި ދެއްކި ރަށުވަންތަ ލޯބި އަނެއްކާ ވެސް މިއޮތީ ފެންނާށެވެ.

އެކައުންޓިން އާއި ގުޅޭ ދާއިރާއިން މެލޭޝިއާގެ ސަންވޭ ޔުނިވަރސިޓީން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ޔައުގޫބު ދާންދޫގެ ގޯލް ބަލަހައްޓާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި މިދިޔަ ތިން އަހަރު ދާންދޫ ޓީމް ވާދަކުރި އިރު ވެސް އެޓީމްގެ ގޯލް ބަލަހައްއޓަމުން އައީ ޔައުގޫބެވެ. މިދިޔަ އަހަރު އަތޮޅު މުބާރާތް ދާންދޫ އިން ކާމިޔާބުކޮށް ގަދަ 16 ގައި ވާދަކުރި އިރު އޭގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ދާންދޫ ޓީމްގެ ގޯލްގައި ހުރެ ޔައުގޫބު ދެއްކި ހުށިޔާރުކަމެވެ.

ދާންދޫ ފުޓްސަލް ޓީމުގެ އޮފިޝަލަކު “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނީ މަޖިލިސް މެންބަރެއްގެ ގޮތުގައި ޔައުގޫބު އިންތިހާބުވުމަށްފަހު ވެސް ޓީމާއެކު ޔައުގޫބު ދެމިހުންނެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ޔައުގޫބުގެ ފަރާތުން ޓީމަށް ލިބެމުން އަންނަ ކޮމިޓްމަންޓާ މެދު އުފާކުރާ ކަމަށެވެ.

“ޔައުގޫބު އަކީ ވަރަށް ބޮޑަށް ޝައުގުވެރިކަން ބަހައްޓައިގެން ޓީމަށް އެއްބާރުލުން ދެމުން އަންނަ ފަރާތެއް. މަޖިލިސް މެންބަރަކަށް ވިޔަސް އެކަމަށް އެއްވެސް ބަދަލެއް ނާދޭ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޔައުގޫބަކީ ބަރާބަރަށް ޕްރެކްޓިސް އަށް ވަޑައިގަންނަވާ ބޭފުޅަކަށްވެފައި ކޯޗްގެ އިރުޝާދާ އެއްގޮތަށް އަމަލުކުރައްވަން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން” މަޖިލީހަށް ހޮވުމުގެ ކުރިން އޮޑިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ޔައުގޫބްއާ ގުޅޭގޮތުން ދާންދޫ ޓީމުގެ އޮފިޝަލަކު ބުންޏެވެ.

މުބާރާތުގެ މެޗެއްގެ ތެރެއިން ދާންދޫ ޓީމުގެ ކުޅުންތެރިންނާ އެކު ޔައުގޫބް. މިދިޔަ ތިން އަހަރު ވެސް ދާންދޫ ފުޓްސަލް ޓީމުގެ ގޯލު ބެލެހެއްޓީ ޔައުގޫބް

ދާންދޫ ފުޓްސެލް ޓީމުން ހިތްހަމަޖެހިފައި ތިބީ މަޖިލިސް މެންބަރަކަށް ވުމަށް ފަހު ވެސް އެޓީމްގެ ގޯލް ބެލެހެއްޓުމުގައި ޔައުގޫބު ދެމިހުންނެވުމުން އެކަންޏެއް ނޫނެވެ. ޔައުގޫބަކީ މުޅި ދާންދޫއިން ވެސް ހޮވާލެވޭނެ އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށްވެ އެވެ. ސިޔާސީ މަސައްކަތުގައި ބުރަކޮށް އުޅުއްވަމުން ވެސް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާގެ ދައްކަވަމުން އަންނަ ނަމޫނާ އަކީ ޓީމަށް ލިބޭ ބޮޑު ހިތްވަރެކެވެ. އެއާއެކު ދާންދޫ ޓީމުގެ އަމާޒު މިފަހަރު ހުރީ އެއް ގިޔަރު ކުރިއަށް ޖައްސައިފަ އެވެ. މުބާރާތް ފެށުމުގެ މަހެއްހާ ދުވަސްކުރިން ތައްޔާރުވާންފެށި ދާންދޫ ޓީމުގެ މިފަހަރުގެ އަމާޒަކީ ޒޯން ޗެމްޕިއަންކަން ހޯދުމެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މި އަހަރު ގއ. އަތޮޅުން ހަތް ޓީމަކުން ވާދަކުރާއިރު ދާންދޫ ހިމެނެނީ ވިލިނގިލި އަދި ގެމަނަފުއްޓާ އެކު ގްރޫޕް ދޭއްގަ އެވެ. މި ގްރޫޕުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ އެޓީމު މިހާރު ވަނީ އަތޮޅު ބުރުގެ ފައިނަލާއި ޒޯން ބުރުން ޖާގަ ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި 8-2 އިން ގެމަނަފުށި ބަލިކުރި އިރު ފަހު މެޗުގައި ދާންދޫން ވަނީ 4-2 އިން ވިލިނގިލި ބަލިކޮށްފަ އެވެ. އަތޮޅު ބުރުގެ ފައިނަލުގައި އެރަށް ނުކުންނާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 16 އަށް ދާންދޫ ދަތުރުކުރީ ޒޯން ރަނަރަޕް ހޯދައިގެންނެވެ. ލ. ގަންގެ ފަހަތުން އެޓީމަށް ދެ ވަނަ ލިބުނީ ފައިދާ ގޯލުން ކުރި ނުލިބުމުންނެވެ. ޒޯން ހައެއްގައި ގަމާއި ވާދަކުރި މެޗު އެޓީމުން އެއްވަރުކުރި އިރު ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ތިނަދޫގެ މައްޗަށް ޒޯން ބުރުގައި ދާންދޫން ކުރި ހޯދީ 3-2 އިންނެވެ. އެކަމަކު ފައިދާ އެއް ގޯލު މަދުވުމުން ޒޯން ޗެމްޕިއަންކަން އެޓީމަށް ގެއްލުނެވެ. މިދިޔަ އަހަރުގެ މުބާރާތުން ދާންދޫ ކެޓީ ގަދަ 16 ގެ ބުރުގައި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި އަލިފުށި އަތުން 4-1 އިން ބަލިވުމުންނެވެ. މިއަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވި ދާންދޫ ޓީމުގެ މިފަހަރުގެ އަމާޒަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ގަން ފަހަތަށް ޖައްސާލައި ޒޯން ޗެމްޕިއަންކަން ހޯދައި މުބާރާތުގައި ވީހާވެސް ކުރިއަށް ދިއުމެވެ. އެކަން ކުރުމަށް އެޓީމަށް މިފަހަރު ލިބޭނެ އިތުރު ހިތްވަރަކީ މަޖިލީހުގައި ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު ޔައުގޫބް ގޯލުގައި ހުންނެވުމެވެ.

ކޮމެންޓް