ގޯލްޑެން ފުޓްސަލް ޗެލެންޖު: މުހިއްމު މޮޅަކާ އެކު ގޮއިދޫ އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި

ރޭ މަތިވެރި އާއި ފެރިދޫ ވާދަކުރި މެޗުގެ ތެރެއިން. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި މިހާރު ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗުން މޮޅުވެ ށ. ގޮއިދޫ އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު ބޮޑުކޮށްފި އެވެ. މި މުބާރާތުގައި ރޭ ކުޅުނީ ހއ. އަތޮޅާއި ށ. އަތޮޅުގެ ދެ މެޗާއި އއ. އަދި ފ. އަތޮޅުގެ މެޗެކެވެ.

ރޭ ގޮއިދޫ ވަނީ 6-2 ގެ ބޮޑު ތަފާތަކުން މަރޮށި ބަލިކޮށްފަ އެވެ. ގޮއިދޫން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފީވައް އަތުން ވެސް މޮޅުވެފަ އެވެ. މި ގްރޫޕުގައި ގޮއިދޫ އަށް ބާކީ އޮތީ ބިލެތްފަހި ޓީމާ ވާދަކުރާ މެޗެވެ. މި މޮޅާއެކު އެޓީމު އޮތީ ހަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ފަހު މެޗުން މޮޅުވެގެން އެޓީމަށް އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ލިބިގެންދާނެ އެވެ.

FRIDAY NIGHT RESULTSGolden Futsal Association#GoldenFutsalChallenge2019

Posted by Fahuminet on Saturday, 21 September 2019

ށ. އަތޮޅުގެ އަނެއް މެޗުގައި ފީވަށް ވަނީ ބިލެތްފަހި 2-1 އިން ބަލިކޮށްފަ އެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ބިލެތްފަހި ކުރީގައި އޮވެގެންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ހަމީދު އެވެ. އެކަމަކު ދެ ވަނަ ހާފުގައި ފީވަކުން ވަނީ ކުޅުން ރަނގަޅުކޮށް ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. މި ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ނަވީން އާއި އަބްދުﷲ އަމާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބިލެތްފަހި ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކުރި ފީވަކު ޓީމުގެ ގޯލްކީޕަރު ހަސަން ހައިޝަމް އެވެ.

ހއ. އަތޮޅު ބުރުގައި ރޭ ވަށަފަރު ވަނީ 4-3 އިން މާރަންދޫ ބަލިކޮށްފަ އެވެ. މި އަތޮޅުގެ އަނެއް މެޗުގައި ކެލާ ވަނީ 2-0 އިން ތުރާކުނު ބަލިކޮށްފަ އެވެ. މި ހަތަރު ރަށުގެ އިތުރުން މި އަތޮޅުން މުބާރާތުގައި ވާދަކުރަނީ  އިހަވަންދޫ އެވެ. ރޭ އިވަހަންދޫ ކުޅެފައިނުވާ އިރު މުބާރާތުގެ ފުރަތަމަ މެޗުގައި އެރަށުން ވަނީ 3-2 އިން ތުރާކުނު ބަލިކޮށްފަ އެވެ.

ވަށަފަރުން މާރަންދޫ ބަލިކުރިއިރު އެޓީމުގެ ގޯލުތައް ޖަހައިދިނީ އަހުމަދު ސިނާން އާއި އަބްދުﷲ ސިނާން އަދި އިބްރާހީމް ސަނޫން އެވެ. ހަތަރު ގޯލުގެ ތެރެއިން ސަނޫން ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މެޗުގައި މާރަންދޫގެ ތިން ގޯލު ވެސް ކާމިޔާބުކޮށްދިނީ މުހައްމަދު އާދަމް އެވެ.  

ކެލާ އިން ތުރާކުނު ބަލިކުރި މެޗުގައި އެޓީމުގެ ދެ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު ވަހީދު އާއި އަހުމަދު އިނާދު އެވެ. މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި ކެލާ ވަނީ މާރަންދޫ އަތުން 2-1 އިން ބަލިވެފަ އެވެ. އެކަމަކު ރޭގެ މޮޅާ އެކު އެރަށަށް މިހާރު ވަނީ ކުރިއަށް ދިއުމުގެ އުއްމީދެއް ލިބިފަ އެވެ.

ހއ. އަތޮޅުގެ ފަސް ޓީމުގެ ތެރެއިން މާރަންދޫ، ކެލާ، ވަށަފަރު އަދި އިހަވަންދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދެ މެޗުން ބަލިވެ ހއ. އަތޮޅު ގްރޫޕުގެ ފުލުގައި އޮތް ތުރާކުނަށް މިހާރު ވަނީ ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ.

ތިން ރަށަކުން ބައިވެރިވި އއ. އަތޮޅުގެ މެޗެއް ވެސް ރޭ ވަނީ ކުޅެފަ އެވެ. ފެރިދޫ އާއި މަރިވެރި ވާދަކުރި މެޗު 2-0 އިން ކާމިޔާބުކުރީ މަތިވެރި އެވެ. މި މެޗުގައި މަތިވެރި ޓީމުގެ ދެ ގޯލު ވެސް ކާމިޔާބުކޮށް ހުސައިން ނަޝީދު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މި ދެޓީމުގެ އިތުރުން އއ. އަތޮޅުން މުބާރާތުގައި ވާދަކުރަނީ މިދިޔަ އަހަރު އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދި ބޮޑުފޮޅަދޫ އެވެ. ފުރަތަމަ މެޗުގައި ބޮޑުފޮޅަދޫ ވަނީ 2-1 އިން ފެރިދޫ އަތުން ބަލިވެފަ އެވެ. މި އަތޮޅުން ޗެމްޕިއަންކަން ހޯދާ ޓީމަށް އެނގޭނީ ބޮޑުފޮޅަދޫ އާއި މަތިވެރި ވާދަކުރާ މެޗަށް ފަހު އެވެ.

Saturday, 21 September FixturesGolden Futsal Association#GoldenFutsalChallenge2019

Posted by Fahuminet on Saturday, 21 September 2019

ފ. އަތޮޅުން މުބާރާތުގައި ވާދަކުރި ދެ ޓީމުގެ ފުރަތަމަ ލެގްގެ މެޗު ރޭ ވަނީ ކުޅެފަ އެވެ. ހޯމް މެޗުގެ ގޮތުގައި ކުޅެ ނިލަންދޫ ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބިލެއްދޫ ބަލިކޮށްފަ އެވެ. މި މެޗުން ހޯދި ބޮޑު މޮޅާ އެކު ބިލެއްދޫ އަށް އަތޮޅު ޗެމްޕިއަންކަން ހޯދަން އޮތް ހަމައެކަނި ފުރުސަތަކީ ދެ ވަނަ ލެގްގައި 5-1 ގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލުމެވެ. ޗެމްޕިއަންކަން ހޯދަން ބޭނުންނަމަ މަދުވެގެން ހަތަރު ގޯލުގެ ތަފާތަކުން ދެ ވަނަ ލެގްގައި ބިލެއްދޫއިން ނިލަންދޫ ބަލިކުރަން ޖެހޭނެ އެވެ.

ރޭގެ މެޗުގައި ބިލެއްދޫ ކޮޅަށް ނިލަންދޫގެ އަކްރަމް އިސްމާއީލް ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަކްރަމަކީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ނިލަންދޫ ސްޕޯޓްސް ކްލަބުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ. ނިލަންދޫން ލީގުގައި ފުރަތަމަ މޮޅު މިދިޔަ ބުރާސްފަތި ދުވަހު ހޯދީ އަކްރަމް ފޯކައިދޫ ފުޓްބޯލް ކްލަބް ކޮޅަށް ފަހު ވަގުތު ވައްދާލި ގޯލުންނެވެ. އަކްރަމްގެ އިތުރުން ނިލަންދޫ ޓީމަށް ރޭ ގޯލުތައް ޖަހައިދިނީ ކުރިން އެއް ވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު ފާރޫގް އިސްމާއީލް އާއި އަހުމަދު ނަބީލް އެވެ. މި އަހަރު އޮތް ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް ބޭންކް އޮފް މޯލްޑިވްސްއާ އެކު ކާމިޔާބުކުރި ނަބީލް ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. ނަބީލްއަކީ ވެސް ލީގުގައި ވާދަކުރާ ނިލަންދޫ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

Golden Futsal Challenge 2019Match FixturesAtoll Round (First Week /15 Sep – 21 Sep)

Posted by Golden Futsal Association on Tuesday, 10 September 2019

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. މީގެ ތެރެއިން ކ. އަތޮޅުގެ ދެ މެޗާއި ލ. އަތޮޅުގެ ދެ މެޗު އަދި އދ. އަތޮޅުގެ މެޗަކާއި ރ. އަތޮޅުގެ މެޗެއް ކުޅޭނެ އެވެ. މިރޭ އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ 8:15 ގައި ފަށާ ރ. އަތޮޅުގެ އިނގުރައިދޫ އާއި އަލިފުށި ވާދަކުރާ މެޗެވެ. މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) ނިސްބަތްވާ އިނގުރައިދޫ މިރޭ އަލިފުށި އަތުން މޮޅުވެއްޖެ ނަމަ އެޓީމަށް އަތޮޅު ޗެމްޕިއަންކަން ލިބޭނެ އެވެ. އަލިފުށި ޓީމުން ވަނީ މިދިޔަ އަހަރު އަތޮޅު މުބާރާތުގެ އިތުރުން ޒޯން ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ހުޅުމާލޭ ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ ގޯލްޑެން ފުޓްސަލް މުބާރާތުގައި މިފަހަރު 66 ޓީމަކުން ވާދަކުރެ އެވެ. 2015 ވަނަ އަހަރު ފެށި މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް ރަށްތަކުން ދުރާލާ ތައްޔާރުވެ ފޯރިއާ އެކީ ކުރިއަށްދާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

މިފަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މި ނޫހުން މުބާރާތުގެ މެޗުތަކުގެ ހުރިހާ މައުލޫމާތެއް ތަފްސީލުކޮށް ގެނެސްދޭއިރު ހާފް ކޯޓް މޯލްޑިވްސް އިން މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ދައްކާނެ އެވެ.      

ކޮމެންޓް

    ޭއޮޅިފަ

    މި ހަބަރު މި އޮތީ މުޅިން ގޯޝްކޮެެެ