ސެމީ ފައިނަލަށް ދިއުމުގެ ހިތްވަރު ކުޅުންތެރިންގެ އެބަހުރި: ޝާޒްލީ

ޗޯޓުގެ ގޯލަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ. ކޯޗު ޝާޒްލީ ބުނީ ސެމީ ފައިނަލަށް ދިއުމުގެ ހިތްވަރު ކުޅުންތެރިންގެ އެބަހުރި ކަމަށް. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އަންޑަ 18 ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ސެމީ ފައިނަލަށް ދިއުމުގެ ހިތްވަރު ރާއްޖޭގެ ޒުވާން ޓީމުގެ ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށް ކޯޗު މުހައްމަދު ޝާޒްލީ ބުނެފި އެވެ. މިއަދު ނޭޕާލުގެ ކަތުމަންޑޫގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޒުވާން ޓީމުން ވަނީ ހިތްވަރުގަދަ ކުޅުމަކަށް ފަހު ފުރަތަމަ ދެ މުބާރާތުގެ ޗެމްޕިއަން ނޭޕާލާ 1-1 އިން އެއްވަރުކޮށްފަ އެވެ.

މެޗަށްފަހު “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ޝާޒްލީ ބުނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުންގެ އަމިއްލަ ދަނޑުގައި ކުޅެ އެއްވަރުކުރުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، ފުރަތަމަ ފަހަރަށް ރާއްޖޭގެ އުމުރުފުރައެއްގެ ޓީމެއް ސެމީ ފައިނަލަށް ގެންދިއުމުގެ ހިތްވަރު ހުރިކަން ކުޅުންތެރިންގެ ކިބައިން މިއަދު ފެނުނު ކަމަށެވެ. ޓީމު ނޭޕާލަށް އައީ ވެސް އެ ޓާގެޓަށް އަމާޒުކޮށްގެން ކަމަށް ޝާޒްލީ ބުންޏެވެ.

“މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. މިދިޔަ ދެ އަހަރުގެ ޑިފެންޑިން ޗެމްޕިއަން އަނެއްކާ އެމީހުން ހޯމްގަ މި ކުޅެނީ. ރާއްޖޭން މިހާތަނަށް އައިއިރުގަ ޖޫނިއާ އޭޖް ގްރޫޕަކަށް އަދި ސެކަންޑް ރައުންޑަކަށް ނުދެވޭ. ވާގޮތަކީ މިހިސާބުގެ ޓީމުތައް ހަމަ ވަރަށް ބޮޑަށް އޭޖް ވެސް އޮޅުވާލާ. އެހެންނަމަވެސް މިފަހަރު ހަމަ ވަރަށް ރަނގަޅަށް ތައްޔާރުވެގެން މިކޮޅަށް އައީ. ދެން މެޗަށް އައިއިރު ވެސް އެނގޭ ވަރުގަދަ ޓީމެއް އަދި ޑިފެންޑިން ޗެމްޕިއަނުންކަން އެއީ. މިއަދުގެ މުޅި ޓާގެޓް ފުރިހަމަވީ. އެއީ ބޭނުންވީ މިއަދުގެ މެޗުން ބަލިނުވެ ފައިބަން” ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ފުރިހަމަކޮށްފައިވާ ހަމައެކަނި ދިވެހި ކޯޗު ޝާޒްލީ ބުންޏެވެ.

18 އަހަރުން ދަށުގެ ޓީމުގެ ކޯޗު ޝާޒްލީ. މުބާރާތައް ޓީމު ތައްޔާރުކުރުމަށް ޝާޒްލީ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައި

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ލީޑު ނެގީ ލިބުނު ޕެނަލްޓީއެއް ވައްދާލައިގެންނެވެ. މި ގޯލު ރާއްޖޭގެ ޓީމަށް ކާމިޔާބުކޮށްދިނީ މިހާރު ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ ހަސަން ނަޒީމް (ޗޯޓު) އެވެ. މުޅި މެޗުގައި ނޭޕާލުން ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލީ ނަމަވެސް ޑިފެންސުގައި ތިބި ކުޅުންތެރިންނާއި ހާއްސަކޮށް ގޯލްކީޕަރު ހަސަން އަލީފް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ނަތީޖާ ނޭޕާލުން ހަމަހަމަ ކުރީ 75 ވަނަ މިނެޓުގައި ބޮލުން ވައްދާލި ގޯލަކުންނެވެ.  

2015 ވަނަ އަހަރު ފެށި މި މުބާރާތުގެ ޗެމްޕިއަންކަން އެފަހަރު ނޭޕާލް ހޯދީ އަމިއްލަ ގައުމުގައި ކުޅެގެންނެވެ. ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން އިންޑިއާގެ މައްޗަށް ނޭޕާލް ކުރިހޯދީ 5-4 އިންނެވެ. އޭގެފަހުން 2017 ވަނަ އަހަރު ބޫޓާންގައި އޮތް މުބާރާތުގެ ފައިނަލުގައި ނޭޕާލް ވަނީ ލީގު ބުރުން ކުޅެ އެއް ވަނަ ހޯދައި ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ނޭޕާލުގެ ފަހަތުން އެ ފަހަރު ދެ ވަނަ ލިބުނީ ބަގްލަދޭޝްއަށެވެ.   

މި އަހަރު ނޭޕާލުގައި މުބާރާތް ކުރިއަށްދާއިރު މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އެންމެ ބޮޑު ޝަކުވާއަކީ މެޗު ކުޅޭ ދަނޑުގެ ޕިޗް ރަނގަޅު ނުވުމެވެ. ވިނަގަނޑު އެއްވަރުނުވުމާއި މިދުވަސްކޮޅު ކަތުމަންޑޫއަށް ވިއްސާރަވެ ޕިޗް މާބޮޑަށް މަޑުވުމުގެ ސަބަބުން ކުޅުންތެރިންގެ އަސްލު ފެންވަރުން ދެއްކުމަށް އުނދަގޫވާތީ މުބާރާތުގެ އޯގަނައިޒިން ކޮމިޓީން ވެސް ވަނީ ދަނޑު ބަދަލުކުރުމުގެ ވިސްނުމަކަށް ގޮސްފަ އެވެ. އެކަމަކު ފަހުން ނިންމީ މިއަދުގެ މެޗު ކުޅުނު އޭޕީއެފް ސްޓޭޑިއަމްގައި މެޗުތައް ކުރިއަށް ގެންދިއުމަށެވެ. ދަނޑުގެ މައްސަލަ ހައްލު ނުވިޔަސް ޝާޒްލީ ބުނީ ޝަކުވާ ނުކުރާނެ ކަމަށާއި، މިފަހަރުގެ މުޅި ޓީމުން ބޭނުންވަނީ ކޮންމެ ކަމަކާއިވެސް ކުރިމަތިލައި ދެ ވަނަ ބުރަށް ދިއުން ކަމަށެވެ.

“ސެކަންޑް ރައުންޑަށް ނުދެވި އޮތީމަ އެކަން ހާސިލްކޮށް ދެން އެއަށްވުރެ ވެސް ދުރަށްދާން އަމާޒަކީ. ދެން މި ޓީމުގެ ވަރަށް ހިތްވަރު އެބަހުރި. މިއަދު ޑިފެންސްލައިން ވަރަށް ވަރުގަދަކޮށް މި ފެނުނީ. މިއަށްވުރެ މާ ރަނގަޅު ގޭމެއް ރާއްޖޭގެ ޓީމުގެ ފަރާތުން ފެނުނީސް އަދި މޮޅުވުމުގެ ޗާންސަސް ކްރިއޭޓްވެސް ކުރީސް ޓާފް ޕިޗުގަ ކުޅެވުން ނަމަ. މިތާ އޮތް ޓާފް ޕިޗަށް ބަދަލުކުރަން އުޅުނީ ކުރިން. އޭރުން މިއަށްވުރެ މާ ބޮޑުތަން ވެސް ރަނގަޅު ކުރެވޭނެ” ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކަށް ވެސް އިރުޝާދުދީފައިވާ ކޯޗު ބުންޏެވެ.

ނޭޕާލާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ފޯވާޑް އަހުމަދު ހުސާމް ބޯޅަ ހިފައިގެން ދަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ޕިޗުގެ މައްސަލަ ގައުމުތަކުން ހުށަހެޅުމުން މުބާރާތުގެ އިންތިޒާމު ކޮމިޓީން ފުރަތަމަ ވިސްނީ މިދިޔަ އަހަރު 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރިއަށްގެންދިޔަ އަންފާ ކޮމްޕްލެކްސް ސްޓޭޑިއަމަށް މުބާރާތް ބަދަލުކުރާށެވެ. މިއަދު ކުޅުނު ދަނޑާއި އަޅާބަލާއިރު އެއީ ހުރިހާ ގޮތަކުން ވެސް ފެންވަރު ރަނގަޅު ދަނޑެކެވެ. އެކަމަކު އިންތިޒާކު ކޮމިޓީން އެކަން އެގޮތަށް ނުނިންމި ސަބަބެއް ނޭނގެ އެވެ.

މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ވާދަކުރާނީ ބޫޓާނާ އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން އެދުވަހު 2:45 ގަ އެވެ.

ކޮމެންޓް