ހިތްވަރުގަދަ ކުޅުމަކަށް ފަހު ރާއްޖޭން ޗެމްޕިއަން ނޭޕާލާ އެއްވަރުކޮށްފި

މިއަދުގެ މެޗަށް ނުކުތް ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމް. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ޓީމުން ހިތްވަރުގަދަ ކުޅުމެއް ދައްކައި އެއްވަރުކޮށްފި އެވެ. ގާތްގަނޑަކަށް ހާހެއްހާ މީހުންނަށް ވަދެވޭ ނޭޕާލުގެ އޭޕީއެފް ސްޓޭޑިއަމުގައި މިއަދު ރާއްޖެ ގަޑިން މެންދުރުފަހު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިއީ 18 އަހަރުން ދަށުގެ ޓީމަށް ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ޕޮއިންޓެއް ލިބުނު ފުރަތަމަ ފަހަރެވެ. 2015 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަފްގާނިސްތާން އަތުންނާއި އިންޑިއާ އަތުން ބަލިވެ ކެޓިއިރު 2017 ވަނަ އަހަރުގެ މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. އެފަހަރު ރާއްޖެ ބަލިވީ ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ބޫޓާން އަތުންނެވެ.

Maldives earns first point in SAFF Under-18 Championship history, against the 2 time defending champions Nepal! 👏👏👏🇲🇻#SAFFU18

Posted by Fahuminet on Friday, 20 September 2019

ރާއްޖޭގެ ޓީމުން މިއަދުގެ މެޗަށް ނުކުތީ އަނިޔާގައި ހުރި އިބްރާހީމް އިމްރާން ނުލަ އެވެ. މެޗުގެ ފުރަތަމަ ހާފު ފެށިގެން ނޭޕާލުން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ރާއްޖޭން ވަނީ ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުންހިފައި ގޯލު ޖަހައިފަ އެވެ. ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) އެވެ. ށ. ފޯކައިދޫ ފުޓްބޯލް ކްލަބަށް ކުޅޭ ޗޯޓު އަކީ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ކުރީކޮޅު ގުއާމް އާއި ޗައިނާއާ ދެކޮޅަށް ނެގި ސީނިއާ ޓީމުގައި ވެސް ހިމެނުނު ހުނަރުވެރި ކުޅުންތެރިއެވެ. ނޭޕާލުގެ ކުޅުންތެރިއަކު ޗޯޓުއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ހަމަޖެހިލާފައި އޭނާ ވައްދާލީ ގޯލުގެ މަތީ ދާގަނޑަށެވެ.

ރާއްޖޭގެ ޗޯޓު ގޯލް ޖެހުމުން ކުޅުންތެރިން އުފާފާޅުކުރަނީ. މެޗުގައި ޗެމްޕިއަން ނޭޕާލާ ދެކޮޅަށް ޒުވާން ޓީމުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފައި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ރާއްޖޭގެ ގޯލަށް ފަހު ނޭޕާލުގެ ކުޅުން އިތުރަށް ރަނގަޅުކުރި ނަމަވެސް ފުރަތަމަ ހާފުގައި ގޯލު ޖަހާނެ މާގިނަ ފުރުސަތުތަކެއް އެޓީމަށް ތަނަވަސް ކުރެވިފައެއްނުވެ އެވެ. މި ހާފުގައި ރާއްޖޭން ލިބުނު ކައުންޓަ އެޓޭކުތަކުގައި ހަމަލާ އުފައްދަން ކުރިއަށް ކުޅުނު އަހުމަދު ހުސާމް އާއި ބައްސާމް މުހައްމަދު ނައީމް (ބައްކު) އަދި ޗޯޓު މަސައްކަތްކުރި އެވެ. ފުރަތަމަ ހާފުގެ ބާކީބައިގައި ރާއްޖޭގެ ޗޯޓު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. މި ހާފުގައި ނޭޕާލުން ގިނަ ބޯޅަތަކެއް ރާއްޖޭގެ އޭރިޔާތެރެއަށް ހުރަސްކުރި ނަމަވެސް ޑިފެންޑަރުންނާއި ގޯލްކީޕަރު ހަސަން އަލީފް ވަނީ އެ ބޯޅަތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއްތެރޭ ރާއްޖޭގެ ޑިފެންޑަރު ހަސަން ލައޫހް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މަތިންނެވެ. މި ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ރާއްޖޭގެ ޓީމުގެ އަހުމަދު ސަމާހުއަށް އަނިޔާވުމުން ބަދަލުގައި ހައިޝަމް ރަޝީދު ވަނީ ކުޅެން އަރުވައިފަ އެވެ. ލައޫހްގެ ހަމަލާއަށް ފަހު މި ހާފު އެއްކޮށް ޑޮމިނޭޓް ކޮށްގެން ކުޅުނީ ނޭޕާލުންނެވެ. ފުލުފުލުގައި ނޭޕާލުން ހަމަލާތައް އުފެއްދި އިރު ދެ ފަހަރު ގޯލުގެ ދަނޑިއަށް ބޯޅަ ވަނީ އަމާޒުވެފަ އެވެ. ނޭޕާލުން މޮޅަށް ކުޅެ މިހާފުން ފޮނުވާލި އެތައް ހަމަލާއެއް ހުއްޓުވުމުގައި ހއ. ހޯރަފުއްޓަށް އުފަން އުއްމީދީ ކީޕަރު އަލީފް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރާއްޖޭގެ ކީޕަރު އަލީފް ބޯޅަ ހިފަނީ. ނޭޕާލުން އުފެއްދި ގިނަ ހަމަލާތަކެއް އަލީފް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ނޭޕާލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. ރާއްޖޭގެ ޑިފެންޑަރު އަތުން ބޯޅަ ހޯދުމަށް ފަހު ނޭޕާލްގެ ކުޅުންތެރިއަކު ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ މަނިޝް ޑާންގީ އެވެ. މި ގޯލަށް ފަހު ދަނޑަށް ވަދެތިބި ނޭޕާލުގެ ސަޕޯޓަރުންނާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ގޯލަށް ފަހު މެޗުގެ ބާކީ 15 މިނެޓު ވެސް ނޭޕާލުން ވަނީ ރާއްޖޭގެ ޓީމަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށްފަ އެވެ. އެކަމަކު މުޅި ޓީމުން ހިތްވަރުކޮށް ނޭޕާލުން އިތުރު ގޯލެއް ޖެހިޔަނުދީ ވަނީ ހިފަހައްޓައިފަ އެވެ.

ނޭޕާލުގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕް އޭގައި އޮތީ ބޫޓާން އެވެ. މި ގްރޫޕުގައި ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ. މި މެޗުގައި ނޭޕާލް ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗުގައި ރާއްޖެއާ ބޫޓާން ވާދަކުރާނީ އަންނަ އަންގާރަ ދުވަހު އެވެ. މި މެޗު ފަށާނީ އެދުވަހު ރާއްޖެ ގަޑިން މެންދުރުފަހު 2:45 ގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އެވެ. މި ދެޓީމުގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ އިންޑިއާ އެވެ.

ކޮމެންޓް