ގޯލްޑެން ފުޓްސަލް ޗެލެންޖު: ރަނަރަޕް ގަން ފެށުން ރަނގަޅުކޮށްފި

ލ. އަތޮޅު ބުރުގައި ގަމާއި މާމެންދޫ ވާދަކުރި މެޗުގެ ތެރެއިން. ގަން ވަނީ މޮޅަކާ އެކު ފެށުން ރަނގަޅުކޮށްފައި. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ ލ. އަތޮޅުގެ މެޗުތައް ފެށި އިރު މިދިޔަ އަހަރުގެ ރަނަރަޕް ގަން ފެށުން ރަނގަޅުކޮށްފި އެވެ. ރޭ މާމެންދޫއާ ވާދަކޮށް ގަން މޮޅުވީ 3-1 އިންނެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ތ. ތިމަރަފުށި ބަލިކުރި ގަން ފައިނަލުގައި ބަލިވީ މާފަންނު އަތުންނެވެ.

ރޭގެ މެޗުގައި ގަން ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ފުޓްސަލްގައި މަޝްހޫރު ހުސައިން ޝަރީފް (އޮންލީ) އާއި ށ. ފޯކައިދޫ ފުޓްބޯލް ކްލަބުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) އަދި ހުސައިން ނާޝިދު އެވެ. މާމެންދޫގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހުސައިން އަޒުމަތު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގަން ޓީމުގެ އަހުމަދު ހުޝާމް އެވެ.

Last night's full-time results!Golden Futsal Association#GoldenFutsalChallenge2019

Posted by Fahuminet on Thursday, 19 September 2019

ލ. އަތޮޅުގެ އަނެއް މެޗުގައި ރޭ ދަނބިދޫ ވަނީ 4-3 އިން އިސްދޫ ބަލިކޮށްފަ އެވެ. މި މެޗުގައި ދަނބިދޫ ޓީމުގެ އަލީ އިރުފާދު ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ދަނބިދޫ ޓީމުގެ އަނެއް ގޯލު ޖެހީ ކެޕްޓަން މޫސާ ހާނިމް އެވެ. އިސްދޫ ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު އަލީ ޒަމީރު ޖެހި އިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ނައީމް އެވެ.

ރޭ ވަނީ ގދ. އަތޮޅު ބުރުގެ ކުޅުން ވެސް ފަށައިފަ އެވެ. މި ދެ މެޗުގެ ތެރެއިން މުބާރާތަށް ދުރާލާ ތައްޔާރުވި ތިނަދޫ ވަނީ މަޑަވެލި އަތުން 4-2 އިން ބަލިވެފަ އެވެ. މި އަތޮޅުގެ އަނެއް މެޗުގައި ގައްދޫއާ ވާދަކުރި މެޗު 3-2 އިން ވާދޫ ވަނީ ކާމިޔާބުކޮށްފަ އެވެ. ރޭ ތިނަދޫ ކޮޅަށް މަޑަވެލި ޓީމުގެ ގޯލުތައް ޖަހައިދިނީ ޒައްމަތު މުހައްމަދު ވަހީދު އާއި ނާއިފް ޝަފީގް އަދި އަހުމަދު މިންހާޖް ޖަމީލް އެވެ. މެޗުގައި ޒައްމަތު ދެ ގޯލު ޖެހި އިރު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނާއިފް އެވެ. ތިނަދޫ ޓީމުގެ ދެ ގޯލު ވެސް ޖަހައިދިނީ އިބްރާހީމް ޝަނޫން އެވެ. މިދިޔަ އަހަރުގެ މުބާރާތުން ތިނަދޫ ކެޓީ ޒޯން ބުރުންނެވެ.

ރޭ ގަމާއި މާމެންދޫ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގައްދޫ އަތުން ވާދޫ މޮޅުވިއިރު އެއް ގޯލު ވަނީ ގައްދޫ ޓީމުގެ އަލީ މުނާޒް އަތުން ބައިކޮޅަށް ވަދެފަ އެވެ. މި ގޯލުގެ އިތުރުން ރޭގެ މެޗުގައި ވާދޫ ޓީމުގެ އަޖުފާން އަހުމަދު އާއި އަރުގަމް އިބްރާހީމް ވަނީ ގޯލު ޖަހައިފަ އެވެ. ގައްދޫ ޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރިފްޝާން އާއި ހުސައިން ރަޝީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވާދޫ ޓީމަށް ގޯލު ޖަހައިދިން އަޖުފާން އެވެ.

ރޭ ކުޅުނު އދ. އަތޮޅުގެ މެޗުގައި ދަނގެތި ވަނީ 2-1 އިން ކުނބުރުދޫ ބަލިކޮށްފަ އެވެ. މި އަތޮޅުން މުބާރާތުގައި ވާދަކުރާ އަނެއް ޓީމަކީ އޮމަދޫ އެވެ. ރޭގެ މެޗުގައި ދަނގެތި ޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ނާއިމް އާއި މުހައްމަދު ޝާއިފް ސާމިރު އެވެ. ކުނބުރުދޫ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ޝަޒީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަނގެތި ޓީމުގެ ނާއިމް އެވެ.

ބ. އަތޮޅުގެ ފުރަތަމަ މެޗުގައި ރޭ ވާދަކުރީ 2015 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހިތާދޫ އާއި ތުޅާދޫ އެވެ. މި މެޗު 5-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ހިތާދޫ އެވެ. ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ހިތާދޫ ޓީމުގެ ފަސް ގޯލުގެ ތެރެއިން އަހުމަދު ހުސައިން ވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި އެޓީމުގެ ހުޒައިފަތު ރަޝީދު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ތުޅާދޫ ޓީމުގެ ހަމައެކަނި ގޯލު ޖެހީ އާދިލް އަބްދުއްރަހްމާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހިތާދޫ ޓީމުގެ ވިޝާން އަބްދުލްމަޖީދު އެވެ. މި ދެޓީމުގެ އިތުރުން ބ. އަތޮޅުން މުބާރާތުގައި ވާދަކުރަނީ މިދިޔަ އަހަރު ސެމީ ފައިނަލުގައި ވާދަކޮށް މާފަންނު އަތުން ބަލިވި އޭދަފުއްޓެވެ.

FRIDAY FIXTURES!Golden Futsal Association#GoldenFutsalChallenge2019

Posted by Fahuminet on Thursday, 19 September 2019

މުބާރާތުގައި މިރޭ ޒޯން ފަހެއްގައި ހިމެނޭ ފ. އަތޮޅުގެ ކުޅުން ފަށާނެ އެވެ. މި އަތޮޅުން ބައިވެރިވެފައިވަނީ ހަމައެކަނި ބިލެއްދޫ އާއި ނިލަންދޫންނެވެ. މި ދެޓީމު ވާދަކުރާ ފުރަތަމަ ލެގްގެ މެޗު މިރޭ ފަށާނީ 9:15 ގަ އެވެ. މިރޭ ދެން ކުޅޭނީ އއ. އަތޮޅުގެ މެޗެއްގެ އިތުރުން ހއ. އަތޮޅުގެ ދެ މެޗާއި ށ. އަތޮޅުގެ ދެ މެޗެވެ. ތިން ޓީމު ބައިވެރިވި އއ. އަތޮޅުގެ ބުރުގައި މިރޭ ވާދަކުރާނީ ފެރިދޫ އާއި މަތިވެރި އެވެ. ހއ. އަތޮޅުގެ ދެ މެޗުގެ ތެރެއިން މިރޭ ފުރަތަމަ ކުޅޭނީ މާރަންދޫ އާއި ވަށަފަރުގެ މެޗެވެ. ފަހު މެޗުގައި ކެލާ އާއި ތުރާކުނު ވާދަކުރާނެ އެވެ. ށ. އަތޮޅުގެ މެޗުތަކުގެ ތެރެއިން މިރޭ ކުޅޭނީ ބިލެތްފަހި އަދި ފީވަށް ވާދަކުރާ މެޗާއި މަރޮށި އަދި ގޮއިދޫ ވާދަކުރާ މެޗެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. 2015 އަހަރު ފެށި މި މުބާރާތުގެ ވާދަވެރިކަން ރަށްތަކުގެ މެދުގައި އިތުރަށް ބޮޑުވެފައިވާއިރު ޓީމުތަކުން ވަނީ މި އަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވެފަ އެވެ. މި އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުރިއަށްގެންދަނީ ހުޅުމާލޭގަ އެވެ.

މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސް އިން ވަގުތުން ލައިވް ސްޓްރީމް ކުރެ އެވެ. މި އަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.

ކޮމެންޓް