ވިކްޓްރީ ޓީމު ހަމަނުވުމުން މެޗު ގްރީން ސްޓްރީޓްސް އަށް ލިބިއްޖެ

ލީގުގައި ވާދަކުރާ ވިކްޓްރީ ޓިމް. - ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅެން އޮތް މެޗަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޓީމު ހަމަނުވުމުން ކްލަބް ގްރީން ސްޓްރީޓްސް އަށް މެޗު ލިބިއްޖެ އެވެ. ލީގުގައި މިރޭ 9 ޖެހިއިރު ފަށަން ހަމަޖެހިފައި އޮތް މެޗަށް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ދަނޑަށް ހާޒިރުވި ނަމަވެސް ވިކްޓްރީގެ 11 ކުޅުންތެރިން ހަމަނުވުމުން މެޗު ކުރިއަށް ގެންދޭވެގޮތެއްނުވި އެވެ.  

“ފަހުމިނެޓް” އަށް މައުލޫމާތު ލިބުނު ގޮތުގައި މިރޭގެ މެޗަށް ކުޅުންތެރިން ހަމަކުރަން ވިކްޓްރީން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމަކު މެޗަށް ވިކްޓްރީން ހަމަކުރެވުނީ ދެ ގޯލްކީޕަރުންނާ އެކު 10 ކުޅުންތެރިންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅެން އޮތް މެޗަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޓީމު ހަމަނުވުމުން ކްލަބް ގްރީން ސްޓްރީޓްސް އަށް މެޗު ލިބިއްޖެ އެވެ. ލީގުގައި މިރޭ 9 ޖެހިއިރު ފަށަން ހަމަޖެހިފައި އޮތް މެޗަށް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ދަނޑަށް ހާޒިރުވި ނަމަވެސް ވިކްޓްރީގެ 11 ކުޅުންތެރިން ހަމަނުވުމުން މެޗު ކުރިއަށް ގެންދޭވެގޮތެއްނުވި އެވެ.  

“ފަހުމިނެޓް” އަށް މައުލޫމާތު ލިބުނު ގޮތުގައި މިރޭގެ މެޗަށް ކުޅުންތެރިން ހަމަކުރަން ވިކްޓްރީން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމަކު މެޗަށް ވިކްޓްރީން ހަމަކުރެވުނީ ދެ ގޯލްކީޕަރުންނާ އެކު 10 ކުޅުންތެރިންނެވެ.

މިރޭގެ މެޗުގެ ކުރިން މިދިޔަ އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓްރީގެ ޒިންމާ ނެގުމާއި ހަވާލުވެފައިވާ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އާދަމް އަބްދުއް ލަތީފް (ލައްޗޭ) ބުނީ ޕްރެކްޓިހުގައި ބައިވެރިވަނީ ހައެއްކަ ކުޅުންތެރިންކަމަށާއި، އެކަމަކު މެޗަށް ޓީމު ހަމަކުރަން މަސައްކަތް ކުރާނެ ކަމަށެވެ. މިރޭގެ މެޗަށް ވިކްޓްރީ ޓީމު ހަމަނުވީ މާދަމާ ނޭޕާލުގައި ފަށާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި އެޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުމުންނެވެ. މީގެ އިތުރުން ސީޒަނަށް ޓީމު ލިސްޓުގައި ހިމެނި ގިނަ ކުޅުންތެރިންތަކެއް ސަބަބެއް ނެތި ކްލަބް ދޫކޮށްލުމާއި ގުޅިގެން ވޭތުވެދިޔަ ދުވަސްތަކުގައި މެޗުތަކަށް ޓީމު ހަމަވީ ކިރިޔާ އެވެ.

މުސާރަ އާއި ޓީމުގެ އެހެނިހެން މައްސަލަތަކުގައި މިދިޔަ އަހަރު ވެސް ވިކްޓްރީ ދެ މެޗަކަށް ހާޒިރެއްނުވެ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކުޅުންތެރިން ހާޒިރުނުވީ ކްލަބް ހިންގުމުގައި އަމަލީގޮތުން މަސައްކަތްކުރާ ބައެއް ބޯޑު މެމްބަރުން މެޗަށް ނުދިއުމަށް ކުޅުންތެރިންގެ ކިބައިން އެދުމުންނެވެ. އަދި މިދިޔަ އަހަރުގެ ލީގުގެ ދެ ވަނަ ބުރުގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ދާން އެޓީމުގެ ކުޅުންތެރިން އެއްބަސްވީ ފަހު ވަގުތު އެވެ. އޭގެ ފަހުން ދެ ވަނަ ބުރުގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީމު ހަމަނުވުމުން އެޓީމުން މެޗު ކުޅެފައެއްނުވެ އެވެ.

މިދިޔަ އަހަރު ވިކްޓްރީއަށް ކުރިމަތިވި މާލީ މައްސަލަތައް ހައްލުކުރަން އެފްއޭއެމުން ވަނީ ލޯނެއް ވެސް ދީފަ އެވެ. އަދި، އެޓީމުގެ ހާލަތު ރަނގަޅު ކުރުމަށް އެޓީމުގެ އިސް މަގާމުތަކާ އެކު މިދިޔަ ޑިސެމްބަރު މަހު ވަނީ ޗެއާމަންކަމުގެ މަގާމަށް މުހައްމަދު ނާޝިދު (ނާޝް) ހަމަޖައްސަވާފަ އެވެ. ނާޝްއާ އެކު ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އާއި މުހައްމަދު ހަމީދު (އުމަރުބެ) ވަނީ ކްލަން ހިންގުމުގެ ކަންތައްތަކާއި ހަވާލުވެފަ އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުން ނުލިބޭކަމަށް ބުނެ މި ސީޒަނުގައި އެޓީމަށް ހަމަޖެއްސި ކޯޗު މުހައްމަދު އާދަމް ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަގާމުން އިސްތިއުފާދީފަ އެވެ. އިސްތިއުފާ ދިނުމުގެ ކުރިން ޕްރެސްތަކުގައި މުހައްމަދު އާދަމް ވަނީ މެނޭޖްމަންޓުގެ އެއްބާރުލުމެއް އެއްވެސް ވަރަކަށް ނުލިބޭ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

މި ސީޒަނުގައި ވިކްޓްރީއަށް ކުޅެވޭގޮތްވީ ވެސް ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. އެޓީމަށް ކުޅެވޭނެކަން ކަށަވަރުވީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ހަމަޖައްސާނެކަމަށް އެއްބަސްވުމުންނެވެ. އޭރު ކުޅުންތެރިންނަށް މުސާރައިގެ 50 އިންސައްތަ ދިންނަމަވެސް ބާކީބައި ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ކްލަބުން ބުންޏެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އެ ފައިސާ ހަމަނުޖެހިގެން ބައެއް ކުޅުންތެރިން މިހާރު ވަނީ އެފްއޭއެމަށް ސިޓީ ހުށަހަޅާފަ އެވެ.

އެޓީމުން ސީޒަނަށް ޒުވާން ޓީމެއް އެކުލަވާލި އިރު ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުން ވެސް ބަލިވެ އަދި މިރޭގެ މެޗު ގެއްލުމުން މިހާރު އޮތީ ތާވަލުގެ ފުލުގަ އެވެ. ނުވަ ޓީމު ހިމެނޭ ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުގައި 24 ގޯލު އެޓީމު ކޮޅަށް ވަން އިރު ޖެހުނީ އެންމެ ގޯލެވެ. ވިކްޓްރީން މެޗަށް ހާޒިރުނުވުމުން ގަވައިދު ބުނާގޮތުން ދެ ގޯލާ އެކު ގްރީން ސްޓްރީޓްސް އަށް މެޗު ލިބޭނެ އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު 12 ޕޮއިންޓް ހޯދައި ގްރީން ސްޓްރީޓްސް ވަނީ ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފަ އެވެ.

ކޮމެންޓް