ފޯކައިދޫ ބަލިކޮށް ނިލަންދޫން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ ފުޓްބޯލް ކްލަބް ކޮޅަށް މެޗުގެ ފަހު ސިކުންތުގައި ވައްދާލި ގޯލާ އެކު ފ. ނިލަންދޫ ސްޕޯޓްސް ކްލަބުން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ. މިއަދުގެ މެޗުން ނިލަންދޫ މޮޅުވީ 3-2 އިންނެވެ.

ލީގުގައި އެންމެ ފުރަތަމަ ކުޅުނު ހަ މެޗުން ބަލިވި ނަމަވެސް މިއަދު ނިލަންދޫން މޮޅުވީ ރަނގަޅު ކުޅުމެއް ދައްކައިގެންނެވެ. މި މޮޅާ އެކު އެޓީމަށް ވަނީ ތިން ޕޮއިންޓް ލިބި ތާވަލުގެ އަށް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި އެޓީމު ނުކުންނާނީ ޕޮއިންޓެއް ނުލިބި ލީގުގެ ފުލުގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗުން ބަލިވި ފޯކައިދޫ އޮތީ ހަތް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ.

މިއަދުގެ މެޗަށް ނުކުތް ނިލަންދޫ ޓީމުގައި މިދިޔަ ބްރޭކުގައި އެޓީމާ ގުޅުނު ބިދޭސީ ދެ ކުޅުންތެރިން ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އެޓީމާ ގުޅުނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް ލޫކަސްގެ އިތުރުން ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ. ލޫކަސް އާއި ޓޮޝީކީގެ އިތުރުން އެޓީމުގެ ފަހަރުގައި ބިދޭސީ ޑިފެންޑަރު ކިންގްސްލީ ކުޅުނެވެ. މިއަދު ނިލަންދޫ ޓީމުގެ ގޯލު ބެލެހެއްޓީ ފުޓްސަލްގައި މަޝްހޫރު ގޯލްކީޕަރު މުހައްމަދު ޝަފީއު އެވެ.

އަނިޔާގެ ސަބަބުން ފޯވާޑް އަންސަރު އިބްރާހީމް (އަންކޮ) މިއަދު ފޯކައިދޫ ޓީމުގައި ނުހިމެނޭ އިރު އެޓީމަށް ކުޅޭ ސީނިއާ ގައުމީ ޓީމުގެ ހަސަން ނަޒީމް (ޗޯޓު) މިވަގުތު ހުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ނޭޕާލުގަ އެވެ. މި ދެކުޅުންތެރިންގެ އިތުރުން ސަސްޕެންޝަނުގެ ސަބަބުން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) މިއަދުގެ މެޗުގައި ނުކުޅެ އެވެ.

މެޗު ފަށައިގެން ފޯކައިދޫން ރަނގަޅަށް ކުޅެމުން ދަނިކޮށް ނިލަންދޫން ވަނީ ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުންހިފައި ގޯލު ޖަހައިފަ އެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ކާމިޔާބުކުރީ ލޫކަސް އެވެ. މި ގޯލަށް ފަހު ފުރަތަމަ ހާފު ނިމުމާ ގާތަށް ނިލަންދޫން ވަނީ ލީޑު ހިފަހައްޓައިފަ އެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ފޯކައިދޫގެ މުސްތަފާ ސެޑިކަށް ވަނީ ގޯލަށް ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އަރިމަތިން ޖައިލަމް މުހައްމަދު (އޮގީ) ހުސްކޮށްލާފައި މުސްތާފާއަށް ނަގައިދިން ބޯޅަ އޭނަށް ރަނގަޅަށް ލައްވާލާގޮތެއްނުވި އެވެ. އޭގެ މިނެޓެއް ފަހުން އަރިމަތިން މުސްތަފާ ނަގައިދިން ހުރަސް ނިލަންދޫގެ ޔޫސުފް ޖުނެއިދު ޒާހިރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެކަމަކު ޖުނައިދު ވަނީ އޭނާއަށް ލިބުނު ދެ ވަނަ ފުރުސަތުގައި ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ގޯލު ޖަހައިފަ އެވެ. މިއީ މުސްތަފާ ނަގައިދިން ހުރަހެއް ހުސްކޮށް ހުރެ ޖުނެއިދު ވައްދާލި ގޯލެވެ. މި ގޯލަށް ފަހު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފޯކައިދޫން ވަނީ މެޗުގައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިސްރުގެ މިޑްފީލްޑަރު ހަލީލް ގަމާލް ދިން ބޯޅައެއްގައި އޮފްސައިޑުން ސަލާމަތްވެ ހަމަޖެހިލާފައި މި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ގައުމީ ސީނީއާ ޓީމުގެ ކުޅުންތެރިޔާ އޮގީ އެވެ. މިއީ ސީޒަނުގައި އޮގީ ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ ދެ ވަނަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމު ވެސް ފެނުނީ ވަރަށް ބޮޑަށް ވަރުބަލިކޮށެވެ. އެކަމަކު ނިލަންދޫ ޓީމުގެ ލޫކަސް އާއި ޓޮޝީކީގެ ފަރާތުން މި ހާފުގައި ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. މެޗުގައި ނިލަންދޫން އެއްވަރު ކުރި ގޯލު 77 ވަނަ މިނެޓުގައި ޖެހީ ޓޮޝީކީ އެވެ. އޭރިޔާ ތެރެއިން ޓޮޝީކީއަށް ލިބުނު ބޯޅަ އެއް ފަހަރުން ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ. ޓޮޝީކީގެ ގޯލުގެ ކުރިން ފޯކައިދޫގެ މުސްތަފާއަށް ވަނީ ގޯލަށް ޖަހާނެ ހުސް ފުރުސަތެއް ލިބިފަ އެވެ. މުޅި މެޗުގައި ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު މުސްތަފާއަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްކުރުމުން ކީޕަރު ޝަފީއު ވަނީ އެ ބޯޅަ އަތުލައިފަ އެވެ. ނިލަންދޫ ޓީމު މެޗުން މޮޅުވި ގޯލު އިތުރު ވަގުތުގެ ފަހު ސިކުންތުގައި ޓޮޝީކީ ނަގައިދިން ހުރަހަކުން ވައްދާލީ އަކްރަމް އިސްމާއީލް އެވެ. އަކްރަމަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލަށް ވައްދާލީ ކީޕަރުގެ ބޯމަތިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނިލަންދޫގެ ބިދޭސީ ފޯވާޑް ލޫކަސް އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. މި މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް