ގޯލްޑެން ފުޓްސަލް ޗެލެންޖު: ދާންދޫ އާއި ދިއްގަރު ޒޯން ބުރުން ޖާގަ ހޯދައިފި

ރޭގެ މެޗަށް ނުކުތް ދިއްގަރު ޓީމް. ދެ މެޗުން މޮޅުވެ ދިއްގަރު ވަނީ އަތޮޅު ފައިނަލާއި ޒޯން ބުރުން ޖާގަ ހޯދާފައި. - ފޮޓޯ: ގޯލްޑެން ފުޓްސަލް ޗެލެންޖް

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ ފުރަތަމަ ޖާގަތައް މ. ދިއްގަރާއި ގއ. ދާންދޫން ހޯދައިފި އެވެ. މިދިޔަ އަހަރު އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދި ދިއްގަރު ފުޓްސަލް ޓީމުން މި އަހަރުގެ މުބާރާތުގެ ޒޯން ބުރުން ޖާގަ ހޯދީ ރޭ ކުޅުނު އެ އަތޮޅުގެ ގްރޫޕް އެކެއްގެ މެޗުގައި 2-1 އިން މުލައް ބަލިކޮށްގެންނެވެ. ގއ. އަތޮޅުގެ ގްރޫޕް ދޭއްގެ އެއް ވަނަ ދާންދޫން ހޯދި ރޭ 4-2 އިން އެ އަތޮޅު ވިލިނގިލި ބަލިކޮށްގެންނެވެ.

މުބާރާތުގައި އެންމެ ގިނަ ޓީމުތަކުން ބައިވެރިވެފައިވާ ހދ، މ، އަދި ގއ، އަތޮޅުގެ މެޗުތައް ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު އަތޮޅު ފައިނަލަށް ހޮވޭއިރު އެޓީމުތަކަށް ޒޯން ބުރުން ވެސް ޖާގަ ލިބޭނެ އެވެ. މ. އަތޮޅު ގްރޫޕް އެކެއްގެ އެއް ވަނަ ދިއްގަރު ހޯދީ އެޓީމު ހިމެނުނު ގްރޫޕުގެ ދެ ޓީމު ވެސް ބަލިކޮށްގެން ހަ ޕޮއިންޓާ އެކު އެވެ. ރޭ މުލަކުގެ މައްޗަށް ކުރި ހޯދި އިރު ފުރަތަމަ މެޗުގައި އެޓީމު ވަނީ 4-3 އިން މަޑުއްވަރީ ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ދިއްގަރު ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު މިދުހަތު މަހުމޫދު އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ މާޖިދު އެވެ. މުލަކު ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޒާހިދު އިބްރާހީމް އެވެ. މި ގްރޫޕުގައި ބާކީ އޮތީ މަޑުއްވަރީ އާއި މުލަކު ވާދަކުރާ މެޗެވެ. އެކަމަކު އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ޒޯން ބުރަށް ހޮވުމުގެ ފުރުސަތު މި ދެޓީމަކަށް ނެތެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 16 ގައި ދިއްގަރު ބަލިވީ ބ. އޭދަފުށި އަތުންނެވެ.

Dhiggaru (M Atoll Group 1) & Dhaandhoo (G A Atoll Group 2) secures their spot in the Zone Round! 👏👏👏Golden Futsal Association#GoldenFutsalChallenge2019

Posted by Fahuminet on Wednesday, 18 September 2019

މ. އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ ނާލާފުށި ވަނީ 3-2 އިން ކޮޅުފުށި ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ނާލާފުށީގެ ޔޫސުފް ޒަޔާން ދެ ގޯލު ޖެހި އިރު އަނެއް ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މައުރޫފް އަބްދުއްސަމަދު އެވެ. ކޮޅުފުށީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝުޖާއު އަދި މީޝާގު މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނާލާފުށީ ޓީމުގެ އިބްރާހީމް ފިރުޝާން އެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުގައި ނާލާފުއްޓާއި މުލީ ޓީމް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުން ބަލިވުމުން ޒޯން ބުރަށް ދިއުމުގެ ފުރުސަތު ކޮޅުފުއްޓަށް ވަނީ ގެއްލިފަ އެވެ. މ. އަތޮޅުން ދިއްގަރާ ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމެއް ކަށަވަރުވާނީ މުލީ ޓީމާއި ކޮޅުފުށި ބައްދަލުކުރާ މެޗަށް ފަހު އެވެ. މުލީ ޓީމަށް ފައިނަލަށް ޖާގައެއް ޔަގީން ކުރެވޭނީ ފަހު މެޗުގައި ކޮޅުފުށި ބަލިކޮށްގެންނެވެ.

މުބާރާތުގައި ރޭ ވަނީ ގއ. އަތޮޅުގެ ތިން މެޗެއް ކުޅެފަ އެވެ. ގްރޫޕް އެކެއްގައި ކޮނޑޭ އިން 5-1 އިން ނިލަންދޫ ބަލިކޮށް ޒޯން ބުރުގެ ފުރުސަތު ވަނީ ބޮޑުކޮށްފަ އެވެ. ރޭ ކޮނޑޭއިން ޖެހި ފަސް ގޯލުގެ ތެރެއިން މުހައްމަދު އިންޝާއު އަހުމަދު ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އިންޝާއުގެ އިތުރުން އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އިމްތިޒާޔު އަހުމަދު އެވެ. ކޮނޑޭ ވަނީ ގްރޫޕުގެ ފުރަތަމަ މެޗުގައި 4-2 އިން ކަނޑުހުޅުދޫ ބަލިކޮށްފަ އެވެ. މި ގްރޫޕް އެކެއްގެ އަނެއް މެޗުގައި ރޭ ކޮލަމާފުށި ވަނީ 3-1 އިން ކަނޑުހުޅުދޫ އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. ރޭގެ މެޗުގައި ކަނޑުހުޅުދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ހައިޝަމް އަހުމަދާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ހައިޒަމް އަހުމަދު އެވެ. ކޮލަމާފުށީގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ ވިޝާމް އެވެ.

މި ގްރޫޕުގައި ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު 6 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ކޮނޑޭ އެވެ. ކޮނޑޭގެ ފަހަތުން ތާވަލުގައި އޮތް ނިލަންދޫ އާއި ކަނޑުހުޅުދޫ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގެ ފަހު މެޗުގައި ކޮނޑޭ އިން ކޮލަމާފުށި ބަލިކޮށްފި ނަމަ އަތޮޅު ބުރުގެ ފައިނަލާއި ޒޯން ބުރުން އެރަށަށް ޖާގަ ލިބޭނެ އެވެ. މި ގްރޫޕުގެ ފަހު މެޗުގައި ބައްދަލުކުރާނީ ކަނޑުހުޅުދޫ އާއި ނިލަންދޫ އެވެ. ގްރޫޕުގެ މެޗުތައް މިހާރު ރޭވިފައި އޮތް ގޮތުން އަތޮޅު ބުރުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެފައިވަނީ ކޮނޑޭއަށެވެ.

މުބާރާތުގައި ވާދަކުރާ ދާންދޫ ޓީމް. އެޓީމު ވަނީ ޒޯން ބުރަށް ކޮލިފައިވެފައި. – ފޮޓޯ: ގޯލްޑެން ފުޓްސަލް ޗެލެންޖް

ގއ. އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ 4-2 އިން ދާންދޫން ވިލިނގި ބަލިކުރި އިރު މި ގްރޫޕުގައި ދެން ހިމެނެނީ ގެމަނަފުއްޓެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ދާންދޫ ވަނީ 8-2 ގެ ބޮޑު ތަފާތަކުން ގެމަނަފުށި ބަލިކޮށްފަ އެވެ. ރޭގެ މޮޅާ އެކު ހަ ޕޮއިންޓް ކަށަވަރުކޮށް ތިން ޓީމު ހިމެނޭ މި ގްރޫޕުން ޒޯން ބުރުގެ އިތުރުން އަތޮޅު ބުރުގެ ފައިނަލުން ދާންދޫ ވަނީ ޖާގަ ހޯދައިފަ އެވެ. ރޭގެ މެޗުގައި ދާންދޫ ޓީމުން ޖެހި ހަތަރު ގޯލުގެ ތެރެއިން މުހައްމަދު އަބްދުއްސައްތާރު ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ހަސަން ސައީދު އާއި ޖާވިދު އަލީ އެވެ. ވިލިނގިލީ ޓީމުގެ ގޯލުތައް ޖެހީ ހުސައިން މިފްރާހް ވަހީދު އާއި އަލިއްޔު އަބްދުއްސަމަދު އެވެ. ދާންދޫ އަކީ މިދިޔަ އަހަރުގެ އަތޮޅު ޗެމްޕިއަންކަން ހޯދައި ޒޯން ރަނަރަޕް ހޯދި ޓީމެވެ. ޒޯން ބުރުގެ ދެ ވަނަ އެޓީމަށް ލިބުނީ ފައިދާ ގޯލުން ލ. ގަން ކުރި ހޯދުމުންނެވެ.

ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ ނެއްލައިދޫ ވަނީ 5-1 އިން ކުޅުދުއްފުށި ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ނެއްލައިދޫގެ ފަސް ގޯލުގެ ތެރެއިން މުހައްމަދު ވިޝާމް ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރީހާން އާއި އަލީ ހަސަން އެވެ. ކުޅުދުއްފުށީގެ ހަމައެކަނި ގޯލު ޖެހީ އަރުޝަދު ހަސަން އެވެ. ރޭގެ މެޗުން ބަލިވުމާ އެކު ގްރޫޕް ދެއަކުން ކުޅުދުއްފުށި ވަނީ މުބާރާތުން ކަޓައިފަ އެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުގައި މަކުނުދޫ އާއި ނެއްލައިދޫ ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދާ ޓީމަކާއި ޒޯން ބުރަށް ހޮވޭ ޓީމެއް ޔަގީން ވާނީ ކުޅުދުއްފުއްޓާއި މަކުނުދޫ ވާދަކުރާ ފަހު މެޗަށް ފަހު އެވެ. ޒޯން ބުރުގެ ޖާގައެއް ކަށަވަރުކުރަން ބޭނުންނަމަ ބޮޑު ތަފާތަކުން ކުޅުދުއްފުށީގެ މައްޗަށް މަކުނުދޫ ކުރި ހޯދަން ޖެހޭނެ އެވެ.

Golden Futsal Challenge 2019Match FixturesAtoll Round (First Week /15 Sep – 21 Sep)

Posted by Golden Futsal Association on Tuesday, 10 September 2019

މުބާރާތުގައި މިރޭ ވެސް 6 މެޗު ކުޅޭނެ އެވެ. މި ހަމެޗުގެ ތެރެއިން ލ. އަތޮޅުގެ ދެ މެޗާއި ގދ. އަތޮޅުގެ ދެ މެޗު ކުޅޭ އިރު ދެން ކުޅޭނީ އދ. އަތޮޅުގެ މެޗަކާއި ބ. އަތޮޅުގެ މެޗެކެވެ.

66 ޓީމާ އެކު ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ހާފް ކޯޓް މޯލްޑިވްސް އިން ލައިވް ސްޓްރީމް ކުރާއިރު މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.  

ކޮމެންޓް