ގޯލްޑެން ފުޓްސަލް ޗެލެންޖު: ހާއްޕެގެ ހެޓްރިކުން އިނގުރައިދޫ އަށް ބޮޑު މޮޅެއް

މުބާރާތުގައި ވާދަކުރާ އިނގުރައިދޫގެ ޓީމް. - ފުޓްސަލް ތަރި ހާއްޕެ ނިސްބަތްވަނީ އެރަށަށް. - ފޮޓޯ: ގޯލްޑެން ފުޓްސަލް ޗެލެންޖް

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ރ. އަތޮޅުގެ ކުޅުން ރޭ ފެށިއިރު ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް ޖެހި ހަތަރު ގޯލާ އެކު އޭނާގެ އުފަން ރަށް އިނގުރައިދޫން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. އެ އަތޮޅު މާކުރަތާ ވާދަކުރި މެޗުން އިނގުރައިދޫ މޮޅުވީ 9-1 ބޮޑު ތަފާތަކުންނެވެ.

Day 3 full-time results! 📢Golden Futsal Association#GoldenFutsalChallenge2019

Posted by Fahuminet on Tuesday, 17 September 2019

މި ދެޓީމުގެ އިތުރުން ރ. އަތޮޅުގައި ދެން ހިމެނެނީ މިދިޔަ އަހަރު އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދި އަލިފުއްޓެވެ. މިދިޔަ އަހަރު ކުޅުނު އަތޮޅު ބުރުގައި ދެ ލެގުގެ އެގްރިގޭޓުން އަލިފުށިން ވަނީ އިނގުރައިދޫ ބަލިކޮށްފަ އެވެ. އެކަމަކު ފުރަތަމަ ލެގްގެ މެޗު މިދިޔަ އަހަރު އިނގުރައިދޫން ކުޅުނީ ހާއްޕެ ނެތި އެވެ. މިފަހަރުގެ އަތޮޅު ބުރުގެ ޗެމްޕިއަންކަމަށް ވެސް ވާދަކުރާނެކަމަށް ބެލެވެނީ މި ދެޓީމެވެ. ހާއްޕެގެ އިތުރުން އިނގުރައިދޫ ޓީމަށް ރޭ ގޯލުތައް ޖަހައިދިނީ ފުޓްސަލްގައި މިހާރު ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިޔާ ކެޕްޓަން އަހުމަދު އައިހަމް އާއި އަލީ ޝާފިއު އަދި މުހައްމަދު ޖުމާން އެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން އައިހަމް އާއި ޖުމާން އަކީ މި އަހަރު އޮތް ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބް އޭދަފުށިން ފެނުނު ދެ ކުޅުންތެރިންނެވެ. އައިހަމް ވަނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފަ އެވެ. މެޗުގައި އައިހަމް އާއި ޝާފިއު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހާއްޕެ އެވެ. އިނގުރައިދޫ ކޮޅަށް މާކުރަތުގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފަސީހު މުހައްމަދު އެވެ.

މުބާރާތުގައި ރޭ ވަނީ ކ. އަތޮޅުގެ ކުޅުން ވެސް ފަށައިފަ އެވެ. ކ. އަތޮޅުގެ ދެ މެޗު ރޭ ކުޅުނު އިރު ގުރައިދޫ އާއި ގާފަރު ވަނީ މޮޅުވެފަ އެވެ. ގުރައިދޫން 1-0 އިން ކާށިދޫ ބަލިކުރި އިރު ހަމައެކަނި ގޯލު ޖެހީ އަހުމަދު ނަބީލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގުރައިދޫ ޓީމުގެ އަހުމަދު ޝުއޫން އެވެ. ރޭ ގާފަރުން މާފުށީގެ މައްޗަށް ކުރި ހޯދީ 6-3 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ މާއިސް ވަނީ ގާފަރު ޓީމަށް ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ނާޖިހު މުފީދާއި އިބްރާހީމް ރިމާހް އަދި ސާމިނު މުހައްމަދު އެވެ. މާފުށީގެ ތިން ގޯލުގެ ތެރެއިން އެއް ގޯލަކީ ގާފަރުގެ ނާޖިހު މުފީދު އަތުން ބައިކޮޅަށް ވަން ގޯލެވެ. އަނެއް އަނެއް ދެ ގޯލު ޖެހީ އަހުމަދު ޝާވިން ޝިހާމް އަދި ހަސަން އިމްރާނެވެ.

މުބާރާތުގައި ވާދަކުރާ ގާފަރު ޓީމް. އެޓީމު ރޭ ވަނީ 6 ގޯލު ޖަހައި މާފުށި ބަލިކޮށްފައި. – ފޮޓޯ: ގޯލްޑެން ފުޓްސަލް ޗެލެންޖް

އއ. އަތޮޅުގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުފޮޅަދޫގެ މައްޗައް ފެރިދޫ ވަނީ 2-1 އިން ކުރި ހޯދައިފަ އެވެ. މި މެޗުގައި ފެރިދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ޝުހާދު އާއި އަފްޒަލް އެވެ. ބޮޑުފޮޅަދޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ރަފްހާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފެރިދޫގެ ޝުހާދު އެވެ. ބޮޑުފޮޅަދޫ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 16 ގައި ހިމެނުނު ޓީމެކެވެ.

ރޭ ވަނީ ހދ. އަތޮޅު ގްރޫޕް އެކެއްގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ނައިވާދޫން 2-0 އިން ނޭކުރެންދޫ ބަލިކުރި އިރު ނޮޅިވަރަންފަރާއި ކުމުންދޫ ވާދަކުރި މެޗު ނިމުނީ 5-5 އިން އެއްވަރުވެގެންނެވެ. ނައިވާދޫން ނޭކުރެންދޫ ކޮޅަށް ގޯލު ޖެހީ މުހައްމަދު އަސްލަމާއި އިސްމާއީލް ވަހީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނައިވާދޫގެ އަހުމަދު ހަމީދު އެވެ. ކުމުންދޫ ކޮޅަށް ނޮޅިވަރަންފަރުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ވަހީދު އާއި އަބްދުﷲ އިމްތިޔާޒްގެ އިތުރުން އަބްދުﷲ މާހިދު އާއި މުހައްމަދު އިސްމާއީލް އަދި އަކްރަމް އަބްދުއްރަޝީދު އެވެ. ކުމުންދޫގެ ގޯލުތައް ޖަހައިދިނީ އާދަމް ޝަރީފް އާއި އާދަމް އަބްދުﷲ އަދި އަލީ މާއިޝް އެވެ. މެޗުގައި އާދަމް އާއި މާއިޝް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނޮޅިވަރަންފަރުގެ މުހައްމަދު އިސްމާއީލް އެވެ.

ހދ. އަތޮޅުގެ ގްރޫޕް އެކެއްގައި ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ނައިވާދޫ އެވެ. ދެ ވަނައިގައި އޮތް ނޭކުރެންދޫއަށް ތިން ޕޮއިންޓް ލިބޭއިރު ތިން ވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް އެއްވަރުވި ނޮޅިވަރަންފަރެވެ. މި ގްރޫޕުގެ ފުލުގައި އޮތީ އެއް ޕޮއިންޓް ލިބިފައިވާ ކުމުންދޫ އެވެ. މި ގްރޫޕުން އެއް ވަނަ ހޯދާ ޓީމަކަށް އަތޮޅު ފައިނަލުގެ އިތުރުން ޒޯން ބުރުން ޖާގަ ލިބޭނެ އެވެ.

Day 4 fixtures!Golden Futsal Association#GoldenFutsalChallenge2019

Posted by Fahuminet on Tuesday, 17 September 2019

މުބާރާތުގައި މިރޭ ގއ. އަތޮޅުގެ ތިން މެޗާއި މ. އަތޮޅުގެ ދެ މެޗު އަދި ހދ. އަތޮޅުގެ އެއް މެޗު ކުޅޭނެ އެވެ. 66 ޓީމުން ބައިވެރިވެފައިވާ މި މުބާރާތުގައި އަދި މަޝްހޫރު ބައެއް ޓީމުތަކުން ނުކުޅެ އެވެ. އޭގެތެރޭގައި މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ވާދަކުރި ޗެމްޕިއަން މާފަންނާއި ތ. ތިމަރަފުށި، ބ. އޭދަފުށި އަދި ރަނަރަޕް ލ. ގަން ހިމެނެ އެވެ.

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ހާފް ކޯޓް މޯލްޑިވްސް އިން ލައިވް ސްޓްރީމް ކުރާނެ އެވެ.

އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.

ކޮމެންޓް