ގޯލްޑެން ފުޓްސަލް ޗެލެންޖު: ރޭ އެންމެ ބޮޑު މޮޅު ދާންދޫ އަށް

ގެމަނަފުށި ކޮޅަށް ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދާންދޫގެ އަހުމަދު ހަސަން ޓްރޮފީއާ ހަވާލުވަނީ. - ފޮޓޯ: ގޯލްޑެން ފުޓްސަލް ޗެލެންޖް

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ ހަ މެޗު ކުޅުނު އިރު އެންމެ ބޮޑު މޮޅު ގއ. ދާންދޫން ހޯދައިފި އެވެ. ގޯލްޑެން ފުޓްސަލްގައި ރޭ ވަނީ ހަތަރު އަތޮޅެއްގެ މެޗުތައް ކުޅެފަ އެވެ.

ގއ. އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ ގެމަނަފުއްޓާއި ވާދަކުރި މެޗުން ދާންދޫ މޮޅުވީ 8-2 އިންނެވެ. މި މެޗުގައި ދާންދޫގެ މުހައްމަދު އަބްދުއްސައްތާރު އާއި އަހުމަދު ހަސަން އަދި އިސްމާއީލް ނަސީރު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ހަސަން ސައީދު އަދި އިހުސާން އަބްދުﷲ އެވެ. މެޗުގައި ގެމަނަފުށީގެ ދެ ގޯލު ވެސް ޖެހީ މުހައްމަދު އަހުލާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދާންދޫ ޓީމުގެ އަހުމަދު ހަސަން އެވެ. އަހުމަދު ހަސަނަކީ ފުރަތަމަ ޑިވިޝަނުގެ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ރޭ ކުޅުނު މެޗެއްގެ ތެރެއިން. – ފޮޓޯ: ގޯލްޑެން ފުޓްސަލް ޗެލެންޖް

ރޭ ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި މަކުނުދޫ އާއި ނެއްލައިދޫ ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ނެއްލައިދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ނާފިޒް އާއި މުހައްމަދު ވިސާމް އެވެ. ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި ވިސާމް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މަކުނުދޫގެ ތިން ގޯލުގެ ތެރެއިން އެއް ގޯލަކީ ނެއްލައިދޫގެ އަލީ ހަސަން އަތުން ބައިކޮޅަށް ވަން ގޯލެވެ. އެޓީމުގެ އަނެއް ދެ ގޯލު ޖެހީ ނުހާދު ފައުޒީ އާއި މުހައްމަދު އަޝްފާގް އެވެ.

Last night results!Golden Futsal Association#GoldenFutsalChallenge2019

Posted by Fahuminet on Monday, 16 September 2019

ހއ. އަތޮޅުގެ ދެ މެޗު ރޭ ކުޅުނު އިރު މޮޅުވީ މާރަންދޫ އާއި އިހަވަންދޫ އެވެ. ކެލާއާ ވާދަކުރި މެޗު 2-1 އިން މާރަންދޫ ކާމިޔާބުކުރި އިރު އިހަވަންދޫ ވަނީ 3-2 އިން ތުރާކުނު ބަލިކޮށްފަ އެވެ. ކެލާ ކޮޅަށް މާރަންދޫގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުސައިން ހަސަން އާއި އަހުމަދު މުހައްމަދު އެވެ. މެޗުގައި ކެލާގެ ހަމައެކަނި ގޯލު ޖެހީ އަލީ އިމާދު އެވެ. ތުރާކުނު ކޮޅަށް އިހަވަންދޫގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް ހާމިދު އާއި އަހުމަދު ސިނާން އަދި މުހައްމަދު ޝިފާއު އެވެ. މެޗުގައި ތުރާކުނުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ސިރާޖު އަދި މުހައްމަދު ސަމީހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިހަވަންދޫ ޓީމުގެ ހާމިދު އެވެ.

ރޭ ދާންދޫ އާއި ގެމަނަފުށި ބައްދަލުކުރި މެޗުގެ ތެރެއިން. ދާންދޫން ވަނީ ގެމަނަފުށި ކޮޅަށް 8 ގޯލު ޖަހާފައި. – ފޮޓޯ: ގޯލްޑެން ފުޓްސަލް ޗެލެންޖް

ށ. އަތޮޅުގެ ފުރަތަމަ މެޗުތައް ރޭ ކާމިޔާބުކުރީ މަރޮށި އަދި ގޮއިދޫ އެވެ. ފީވަކާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ގޮއިދޫ ކާމިޔާބުކުރި އިރު މަރޮށިން ބިލެތްފަހި ބަލިކުރީ 4-1 އިންނެވެ. ގޮއިދޫން ފީވަކު ބަލިކުރިއިރު އެޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ރިފާޒް އާއި އިބްރާހީމް އަލީ އެވެ. ގޮއިދޫގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި އިބްރާހީމް އަލީ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ގޮއިދޫ ކޮޅަށް ފީވަކު ޓީމުގެ ދެ ގޯލު ޖެހީ އަބްދުﷲ ނަވީން އާއި އަބްދުﷲ ވިސާން އެވެ. މަރޮށި ޓީމުން ބިލެތްފަހި ބަލިކުރި މެޗުގައި މުހައްމަދު މުހައްމަދު މާދިހު ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މާދިހުގެ އިތުރުން މަރޮށި ޓީމުގެ ގޯލުތައް ޖަހައިދިނީ ޝައިބާން އުސްމާން އާއި އަޝްފާގް މުހައްމަދު ރަޝާދު އެވެ.

Day 3 fixtures!#GoldenFutsalChallenge2019Golden Futsal Association

Posted by Fahuminet on Monday, 16 September 2019

ގޯލްޑެން ފުޓްސަލްގައި މިރޭ އއ، ރ، އަދި ކ އަތޮޅުގެ މެޗުތައް ފަށާނެ އެވެ. މި ތިން އަތޮޅުގެ އިތުރުން ހދ. އަތޮޅުގެ ގްރޫޕް އެކެއްގެ ދެ މެޗު މިރޭ ކުޅޭނެ އެވެ.

މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ހާފް ކޯޓް މޯލްޑިވްސް އިން އަންނަނީ ލައިވް ސްޓްރީމް ކުރަމުންނެވެ. 66 ޓީމުން ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.  

ކޮމެންޓް