ގޯލްޑެން ފުޓްސަލް ޗެލެންޖު: ދިއްގަރު، ކޮނޑޭ، ނޭކުރެންދޫ އަދި ނިލަންދޫން ފެށުން ރަނގަޅުކޮށްފި

މުބާރާތުގައި ރޭ ނޭކުރެންދޫ އާއި ކުމުންދޫ ބައްދަލުކުރި މެޗުގެ ތެރެއިން. - ފޮޓޯ: ނޭކުރެންދޫ ފުޓްބޯޅަ ޓީމް

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރޭ ހުޅުމާލޭގައި ފެށި ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މ. ދިއްގަރާއި ގއ. ކޮނޑޭ އަދި ހދ. ނޭކުރެންދޫގެ އިތުރުން ގއ. ނިލަންދޫން ފެށުން ރަނގަޅުކޮށްފި އެވެ. މުބާރާތުގައި ރޭ ކުޅުނީ މ އަތޮޅާއި ހދ އަދި ގއ އަތޮޅުގެ ބައެއް މެޗުތަކެވެ. މި ތިން އަތޮޅުގެ މެޗުތައް ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނީ މ އަތޮޅުގެ ދެ މެޗެވެ. މ އަތޮޅުގެ ގްރޫޕް އެކެއްގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދި ދިއްގަރު ވަނީ މަޑުއްވަރީގެ މައްޗަށް 4-3 އިން ކުރި ހޯދާފަ އެވެ. މި މެޗުގައި ދިއްގަރުގެ ހަތަރު ގޯލުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް ރިފްއަތު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދިއްގަރު ޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އާދަމް ހަލީލް އާއި އަހުމަދު މިދުހަތު މަހުމޫދު އެވެ. މެޗުގައި މަޑުއްވަރީ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އާޒިމް އަލީ އާއި ހަސަން އަލީ އަދި ހުސައިން ނާއިމް އެވެ. މ އަތޮޅު ގްރޫޕް ދޭއްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ނާލާފުއްޓާއި މުލި ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުލީ ޓީމުގެ ޝާހް އަހުމަދު އެވެ.

Full-time results from day 1. ⚽🔥#GoldenFutsalChallenge2019Golden Futsal Association

Posted by Fahuminet on Sunday, 15 September 2019
މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތައް

ގއ. އަތޮޅުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި ކޮނޑޭ ވަނީ ކަނޑުހުޅުދޫގެ މައްޗައް 4-1 އިން ކުރި ހޯދާފަ އެވެ. މެޗުގައި ކޮނޑޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝިނާޒް އަހުމަދު އާއި އަހުމަދު އިމްތިޔާޒް އަދި މުހައްމަދު ނާޝިދު އެވެ. މެޗުގައި ނާޝިދު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ކަނޑުހުޅުދޫގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަސްރާރް އަލީ އެވެ. ގއ. އަތޮޅުގެ ގްރޫޕް އެކެއްގެ ދެ ވަނަ މެޗުގައި ރޭ ނިލަންދޫން ވަނީ 6-2 އިން ކޮލަމާފުށި ބަލިކޮށްފަ އެވެ. މެޗުގައި ނިލަންދޫގެ މައުފޫޒް އާދަމް ވަނީ ހަތަރު ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ފަރުހާދު ރަޝީދު އެވެ. ކޮލަމާފުށީގެ ދެ ގޯލު ވެސް ޖެހީ އާސިފް ހަނީފް އެވެ.

ހދ. އަތޮޅުގެ މެޗުތަކުގެ ތެރެއިން ރޭ ވަނީ ގްރޫޕް އެކެއްގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ނޭކުރެންދޫން 4-1 އިން ކުމުންދޫ ބަލިކުރި އިރު ނައިވާދޫ އާއި ނޮޅިވަރަންފަރު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނޭކުރެންދޫން ހޯދި ބޮޑު މޮޅުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އަލީ އިފާޒް އާއި އަހުމަދު އިމާޒް އަދި މުހައްމަދު ވިލްފް އެވެ. ނޭކުރެންދޫގެ އަނެއް ގޯލަކީ ކުމުންދޫގެ އާދަމް އަބްދުﷲ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކުމުންދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އާދަމް އަބްދުﷲ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނޭކުރެންދޫގެ އިމާޒް އެވެ. މިދިޔަ އަހަރު އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދި ނައިވާދޫ ރޭ ނޮޅިވަރަންފަރާ ވާދަކޮށް އެއްވަރުވި މެޗުގައި އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް ވަހީދު އެވެ. ނައިވާދޫ ކޮޅަށް ނޮޅިވަރަންފަރުން ގޯލު ޖަހައިދިނީ އަހުމަދު ޝިޒާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނައިވާދޫ ޓީމުގެ އަހުމަދު ހަމީދު އެވެ.

Tonight's fixtures!#GoldenFutsalChallenge2019Golden Futsal Association

Posted by Fahuminet on Sunday, 15 September 2019
މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް

މުބާރާތުގައި މިރޭ ކުޅޭނީ ހދ، ހއ، ގއ، އަދި ށ އަތޮޅުގެ ބައެއް މެޗުތަކެވެ. ފުރަތަމަ މެޗުގައި ހދ. މަކުނުދޫ އާއި ހދ. ނެއްލައިދޫ ވާދަކުރާ އިރު ދެ ވަނަ މެޗުގައި ގއ. ގެމަނަފުއްޓާއި ގއ. ދާންދޫ ވާދަކުރާނެ އެވެ. މި ދެ މެޗު ވެސް ފަށާނީ ރޭގަނޑު 8:15 ގަ އެވެ. 9:15 ގައި ފަށާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ހއ. މާރަންދޫ އާއި ހއ. ކެލާ ވާދަކުރާއިރު ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ށ. ފީވަކާއި ށ. ގޮއިދޫ އެވެ. މިރޭ ކުޅޭ ފަހު ދެ މެޗު ފަށާނީ ރޭގަނޑު 10:15 ގަ އެވެ. ފުރަތަމަ މެޗުގައި ހއ. އިހަވަންދޫ އާއި ހއ. ތުރާކުނު ވާދަކުރާ އިރު ފަހު މެޗުގައި ށ. މަރޮށި އަދި ށ. ބިލެތްފަހި ވާދަކުރާނެ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވާދަކުރާއިރު މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ހާފް ކޯޓް މޯލްޑިވްސް އިން ލައިވް ސްޓްރީމް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.

ކޮމެންޓް