މިނިވަން ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން މަޝްވަރާކުރަނީ

2017 ވަނަ އަހަރު އަމިއްލަ ރަށުގައި ބޭއްވި ފައިނަލް ބުރުގައި ކުޅުދުއްފުށީ ސަޕޯޓަރުން ޓީމަށް ތަރުހީބުދެނީ

މި ސީޒަނުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާ އެކު އަންނަ އާދިއްތަ ދުވަހު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް (ޖަވާ) ވަނީ ވިދާޅުވެފަ އެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ނަމުގައި 2015 ވަނަ އަހަރުގެ މުބާރާތް އެފްއޭއެމުން ކުރިއަށް ގެންދިޔައީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެފަހަރު އަތޮޅު ބުރާއި ޒޯން ބުރު ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް ފަހު ޒޯން ޗެމްޕިއަނުންގެ ފައިނަލް ބުރު ބޭއްވީ ސ. ހިތަދޫގަ އެވެ. އެހެންނަމަވެސް އޭގެ ފަހުން މިނިވަން ޗެމްޕިއަންޝިޕުގެ ނަމުގައި މިދިޔަ ތިން އަހަރު މުބާރާތް ކުރިއަށް ގެންދިޔައީ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ރަށްތަކުގެ ތެރެއިން އެފްއޭއެމުން ކަނޑައަޅާ ރަށެއްގަ އެވެ. އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވާނަމަ އަތޮޅު މުބާރާތާއި ޒޯން މުބާރާތް ބޭއްވުމަށް ވަކި ރަށެއް ކަނޑައެޅުމަށް ފަހު މިދިޔަ ތިން އަހަރު ޒޯން ފައިނަލް ބުރު ކުރިއަށްގެންދިޔައީ ރާއްޖޭގެ ދެ ސަރަހައްދަކަށް ބަހާލައިގެންނެވެ. އެކަމަކު މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ މާލޭގަ އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށި ޓީމް ތައްޓާ އެކު. – ފޮޓޯ: މިހާރު

“އަންނަ އާދިއްތަ ދުވަހު ޔޫތު މިނިސްޓްރީއާ އެކު މަޝްވަރާ ބައްދަލުވުމެއް އެބަ ބާއްވަން މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން. އެ މަޝްވަރާތަކަށް ފަހު އަޅުގަނޑުމެންނަށް ފައިނަލް ކުރެވޭނީ މުބާރާތް ބާއްވާނެ ދުވަހެއް. އަޅުގަނޑުމެން މިބަލަނީ މި މަޝްވަރާތަކަށް ފަހު މުބާރާތް ކުރިއަށްގެންދާނެ ގޮތަކާއި، ފަށާނެ ތާރީހެއް އަންނަ ހަފްތާގެ ތެރޭގައި ކަނޑައެޅޭނެކަމަށް” ޖަވާ ވިދާޅުވި އެވެ.

ކުރިން ބޭއްވި ގޮތަށް މިނިވަން ޗެމްޕިއަންޝިޕްގެ ފޯމެޓަށް ބަދަލުގެންނަން މަސައްކަތްކުރާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ވީ ސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ދާދިފަހުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްއާ ބޭއްވުނު ބައްދަލުވުމުގައި ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ.

“2015 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ނަމަށް ބަދަލުކޮށްގެން ކުޅުނު މުބާރާތަކީ ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިޔަ މުބާރާތެއް. އެހެންނަމަވެސް އެއަށް ކުރަންޖެހޭ ހަރަދު ތަންކޮޅެއް ބޮޑުވެގެންދާތީ އެއީ އެފްއޭއެމް އެކަނި ކުރެވޭ ކަމަކަށް ނުވޭ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް މީ ހޯމް އެންޑް އަވޭ އުސޫލުން އަތޮޅުތެރޭގައި ވެސް މެޗުތައް ކުޅެވިގެން ދިއުން. އެގޮތުގެ މަތީން ވަރަށް ފަހުން އަޅުގަނޑާ މިނިސްޓަރާ ބައްދަލުވި ބައްދަލުވުމުގައި ވެސް މަޝްވަރާ ކުރެވުނު ހޯމް އެންޑް އަވޭ އުސޫލުން މިކަން ކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭތޯ. ދެން އަޅުގަނޑުމެންގެ ފަރާތުން ހިއްސާކުރިން މިއަށްދާ ހަރަދާ މިކަމަކީ އެފްއޭއެމް އެކަނި ކުރެވޭވަރުގެ ހަރަދަކަށް ނުވާތީ މިނިސްޓްރީގެ ފަރާތުން އެހީތެރިކަމެއް ނުވަތަ ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދޭން. މިނިސްޓަރު ހަމަ ވަގުތުން ވިދާޅުވި މިނިސްޓްރީގެ ފަރާތުން ނުވަތަ ސަރުކާރުގެ ފަރާތުން މިކަމަށް ކުރަންޖެހޭ ހޭދައެއް ވެއްޖެއްޔާ ކުރުމަށް ތައްޔާރަށް ތިބިކަމަށް އަދި މިކަމާބެހޭ ލިޔެކިއުންތައް ބަދަލުކުރުމުގެ ކަންތައްތައް މިހާރު އެބަ ކުރިއަށްދޭ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ މި އެހީތެރިކަމާ އެއްބާރުލުމާ އެކީގަ މިއީ ނުވާނެ ކަމެއް ނޫން. އެއީ އެއް ފަހަރު އަޅުގަނޑުމެން ކޮށްފިން. އެހެންވީމަ މި އަހަރު އިރާދަކުރެއްވިއްޔާ ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މިހާރު އަޅުގަނޑުމެން މަސައްކަތް ފަށާފަ މިއޮތީ” ވީ ސްޕޯޓްސް ޕްރޮރްގާމްގައި ބައްސާމް ވިދާޅުވި އެވެ.

2016 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ޓީމް. – ފޮޓޯ: މިހާރު

ބައްސާމް އިތުރަށް ވިދާޅުވީ 2015 ވަނަ އަހަރު އެފްއޭއެމުން މިނިވަން ޗެމްޕިއަންޝިޕަށް 12 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުނު ކަމަށާއި، އެކަމަކު އޭގެފަހުން ރަށްތަކުގެ އެހީތެރިކަމާ އެކު މުބާރާތުގެ ހަރަދު ފަހެއް ނޫނީ ހަ މިލިއަނަށް ކުޑަ ކުރެވުނު ކަމަށެވެ. އެއީ ރަށްތަކުގެ ޕްރޮޕޯސަލުގައި ޓީމުގެ ހުރުމާއި ކެއުން އަދި މުހިއްމު އެހެނިހެން ހަރަދުތައް ހިމަނާފައި ވާތީކަމަށް ބައްސާމް ވިދާޅުވި އެވެ. ބައްސާމް ވިދާޅުވީ އެގޮތައް އެކަން ކުރިޔަސް ކޮންމެ މެޗަކަށް ރެފްރީން ފޮނުވުމުގެ އިތުރުން ގިނަ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭތީ މިނިވަން ޗެމްޕިއަންޝިޕް މުބާރާތަކީ ކުޑަ މަސައްކަތެއް ނޫން ކަމަށެވެ.  

“އަޅުގަނޑު ހަނދާންވާ ގޮތުން ފަހެއް ނޫނީ ހަ ވަރަކަށް މިލިއަން ރުފިޔާ މިދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނަށް މުބާރާތް ނިންމިގެން ދިޔަ. އެހެންނަމަވެސް މިއީ ކުޑަކަމެއް ނޫން. ކޮންމެ މެޗަކަށް އަޅުގަނޑުމެން ރެފްރީންވެސް ފޮނުވުމާ ވަރަށް ގިނަ ކަންތައްތަކެއް ކުރިއަށްދޭ” ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތާއި ގުޅޭގޮތުން ބައްސާމް ވިދާޅުވި އެވެ.

މިދިޔަ އަހަރުތަކުގައި މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެއްފަހަރާ ގިނަ ޒޯންތަކެއްގަ އެވެ. އެކަމަކު މި އަހަރު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރާއިރު މެޗުތައް ކުޅޭ ޝެޑިއުލަށް ވެސް ބަދަލުތަކެއް ގެންނަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބައްސާމް ވިދާޅުވީ މިފަހަރުގެ މުބާރާތުގެ ކުރި ހޯދާ ޓީމުތަކުން އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަން ޖެހޭތީ ހަމަޖެހިގެން މުބާރާތް ކުރިއަށް ގެންދަން ވަގުތު ލިބިފައިވާކަމަށެވެ.

“މި އަހަރު އަޅުގަނޑުމެން މުބާރާތް ތަންކޮޅެއް ބޮޑަށް ލުއިކޮށް ގެންދެވޭތޯ މި މަސައްކަތް ކުރަނީ. މީގެ ކުރިން ވެއްޖެއްޔާ ހުރިހާ ޒޯނެއް ކަހަލަ ގޮތަކަށް އެއްފަހަރާ ފެއްޓިގެންދާނެ އެހެންނަމަވެސް މިހާރު އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ފަހަރަކު ޒޯނެއް ނިންމާފަ އަންނަން. އެއީ ކުރީގަ ވެއްޖެއްޔާ މީތި ލިންކު ކޮށްފަ މި އޮންނަނީ ޕްރިމިއާ ލީގާ. މިހާރު މި މުބާރާތުން ޕްރިމިއާ ލީގަށް އަންނަ ޓީމުތައް އަންނާނީ އަންނަ ސީޒަނުގެ ލީގަށް ކަމަށް ވާތީ އަޅުގަނޑުމެންނަށް ދުވަސް އެބައޮތް މި މުބާރާތް ހަމަޖެހިލައިގެން ކުރިއަށް ގެންދަން. އެހެންވީމަ ޒޯން ބައި ޒޯން އަޅުގަނޑުމެން ނިންމަމުން ދާނީ މިފަހަރު” އަތޮޅު ފުޓްބޯޅައަށް ބޮޑު ކުރިއެރުމެއް ލިބޭ މުބާރާތާއި ގުޅޭގޮތުން ބައްސާމް ވިދާޅުވި އެވެ.

މިފަހަރުގެ މުބާރާތް ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރަން މަޝްވަރާ ކުރާއިރު މިއީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފުޓްބޯޅަ ލީގު ކުރިއަށް އޮތް ތަނުގައި ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރުމެވެ. އެ ޕްލޭންގެ ދަށުން ޔޫތު މިނިސްޓްރީން މިހާރު ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ފުޓްބޯޅަ ދަނޑުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފާހަގަވި ބައެއް ކުޅުންތެރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިހާރު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. 2015 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ގދ. ފަރެސްމާތޮޑާ ބަލިކޮށް ސ. ފޭދޫން ކާމިޔާބުކުރި އިރު 2016 ވަނަ އަހަރުގެ ފައިނަލުގައި ތ. ތިމަރަފުށީގެ މައްޗަށް ކުރި ހޯދީ ބ. އޭދަފުއްޓެވެ. 2017 ވަނަ އަހަރުގެ މުބާރާތުގައި ގދ. ތިނަދޫ ބަލިކޮށް ދ. ކުޑަހުވަދޫ ޗެމްޕިއަންކަން ހޯދިއިރު މިދިޔަ އަހަރު ށ. ފޯކައިދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ތ. ތިމަރަފުއްޓެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފުރަތަމަ ޗެމްޕިއަން ފެދޫއަށް 2015 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުން ފުރުސަތު ދިންއިރު ޖެހިގެން އައި އަހަރު ފުޓްބޯޅަ ކަލަންޑަރަށް އައި ބަދަލާއެކު ފުރަތަމަ ޑިވިޝަނުގެ އެއްވެސް މުބާރާތަކުން 2016 ވަނަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓަށް ފުރުސަތު ލިބިފައެއްނުވެ އެވެ. އެކަމަކު 2017 ވަނަ އަހަރުން ފެށިގެން މި މުބާރާތުގެ ގަދަ ހަތަރު ޓީމަށް އެފްއޭއެމުން އަންނަނީ ދިވެހި ޕްރިމިއާ ލީގައި ވާދަކުރުމުގެ ފުރުސަތު ދެމުންނެވެ.  

ކޮމެންޓް