އޭޝިއަން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީޓީ ޓީމް މިއަދު ފުރަނީ

މި މަހުގެ 15 އިން 22 އަށް އިންޑޮނީޝިއާގައި ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމް ޖަކާޓާއަށް ފުރަން ތައްޔާރުވެއްޖެ އެވެ. ހަތަރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ  ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމް މުބާރާތުގައި ބައިވެރިވުމަށް ޖަކާޓާއަށް ފުރާނީ މިއަދުގެ މެންދުރުގެ ވަގުތެއްގަ އެވެ.

މުބާރާތުގައި ރާއްޖެއަށް ވާދަކުރަންޖެހޭ ގައުމުތައް ކަށަވަރުވާނީ މާދަމާ ކަމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ޓޭބަލް ޓެނިސް އަކީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވި ކުޅިވަރުތަކުގެ ތެރެއިން އެންމެ ގިނަ ރަން މެޑަލް ހޯދައިދިން ކުޅިވަރެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީޓީ ޓީމް ވަނީ ޓީމް އިވެންޓްގެ ފައިނަލްގައި މޮރިޝަސް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި މީގެ އިތުރުން މުބާރާތުގެ އޯޕަން ކެޓަގަރީގައި ހިމެނުނު ޑަބަލްސް އިވެންޓްގެ ފައިނަލްގައި ވެސް ކުޅެފައިވަނީ ރާއްޖޭގެ ދެ ޕެއާ ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމްގެ ޕެއާ އާއި މުއީނާ މުހައްމަދު އާއި ފާތިމަތު ޖުމާނާގެ ޕެއާ އެވެ. ޑަބަލްސް އިވެންޓްގެ ފައިނަލަށް ފަހު ކުޅުނު ސިންގަލްސް ފައިނަލްގައި ވާދަކޮށްފައިވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން އެންމެ ބޮޑަށް ވިދާލި ދެ ކުޅުންތެރިން ކަމަށްވާ އުމުރުން އެންމެ 11 އަހަރުގެ ދީމާ އާއި 16 އަހަރުގެ ރަފާ އެވެ. 

އަންނަ އާދީއްތަ ދުވަހު އިންޑޮނީޝިއާގައި ފަށާ ޓީޓީ މުބާރާތުގައި ރާއްޖެއިން ވާދަކުރާ އަންހެން ޓީމުގައި ހިމެނޭ ހަތަރު ކުޅުންތެރިންނަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީ ޓީމާއެކު ބައިވެރިވި ދީމާ، ރަފާ އަދި ޖުމާނާ ގެ އިތުރުން އެފަހަރުގެ ޓީމުގައި ހިމެނިފައިނުވާ ލައިޝާ ފަތުހުﷲ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ތަޖްރިބާ ކާރު ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު ވަނީ އެމުބާރާތަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ.

އޭޝިއަން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓީޓީ ޓީމް ޓީޓީގައި އޭޝިއާގެ ވެސް ގަދަ ބާރެއް ކަމަށްވާ އިންޑިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވާއިރު ޓީމްގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔާ ދީމާ އައީ ދުނިޔޭގެ ޓީޓީގެ އެންމެ ކުރީގައި އުޅޭ ޗައިނާގައި މަތީ ފެންވަރުގެ ތަމްރީނުތަކެއް ފުރިހަމަކުރަމުންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން ރަން މެޑަލް ހޯދި ދީމާ މި ތަމްރީންތައް ނިންމާލުމަށް ފަހު އިއްޔެ ވަނީ އިންޑޮނީޝިއާ އަށް ގޮސްފަ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު  “ފަހުމިނެޓް” އާ ވާހަކަދައްކަމުން ކުރިން ވިދާޅުވެފައިވަނީ އެ އެސޯސިއޭޝަންގެ އަމާޒަކީ އަންނަ ޑިސެމްބަރު މަހު ނޭޕާލްގައި އޮންނަ ސާފް ގޭމްސް އިން އެންމެ ދަށްވެގެން ރިހި މެޑަލް ހޯދުން ކަމަށާއި އޭޝިއަން ޗެމްޕިއަންޝިޕަކީ ސާފް ގޭމްސްއަށް ޓީމް ތައްޔާރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

“އަޅުގަނޑުމެންގެ އުއްމީދަކީ ސާފް ގޭމްސްގަ ލަންކާ ފަހަތަށް ޖައްސާލައިފަ ރިހި މެޑަލް ހޯދުން. އިންޑިއާ އާ ވާދަކުރަން އަދި ފަސޭހައެއް ނުވާނެ. އެއީ ދުނިޔޭގެ ޓީޓީ ގައިވެސް މިހާރު ގަދަ ބާރެއް.” އަޅީ ރަޝީދު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް