ގޯލްޑެން ފުޓްސަލް ޗެލެންޖުގައި އިސްތިހާރު ކުރަން އެދޭ ފަރާތްތަކަށް ރަނުގެ ފުރުސަތެއް

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނާ މިދިޔަ ހަފްތާ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން. - ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް “ގޯލްޑެން ފުޓްސަލް ޗެލެންޖް 2019” ގައި އިސްތިހާރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މުބާރާތް އިންތިޒާމުކުރާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ މި އަހަރުގެ މުބާރާތް އިތުރަށް ފުރިހަމަކުރަން ސްޕޮންސަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، މިހާރު އެ އެސޯސިއޭޝަނުން މުބާރާތުގެ ކަންކަމުގައި ސްޕޮންސަރުންނާއި ވާހަކަދައްކަމުން އަންނަ ކަމަށެވެ. އަދި، މުބާރާތުގައި އިސްތިހާރު ކުރުމުގެ ފުރުސަތު ކޮންމެ ބަޔަކަށް ވެސް ހުޅުވާލާފައިވާ ކަމަށާއި، މުބާރާތުގެ ތެރެއިން ސްޕޮންސަރުންގެ މައުލޫމާތު އެތައް ހާސް ބަޔަކަށް ފޯރާނެ ގޮތަކަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރަމުންދާކަމަށް ރިލްވާން ވިދާޅުވި އެވެ.

ރިލްވާން ވިދާޅުވީ މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ޓީވީން ވަގުތުން ދުރަށް ދައްކާނެ ކަމަށާއި އަދި އެހެން މެޗުތައް ފޭސްބުކް މެދުވެރިކޮށް ވަގުތުން ގެނެސްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވަގުތުން މެޗުތައް ދެއްކުމަކީ މުބާރާތުގައި ސްޕޮންސަރުންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. މުބާރާތުގައި އިސްތިހާރު ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖަމިއްޔާގެ ރައީސް ރިލްވާންގެ ނަންބަރު 9994470 އަށް ގުޅުއްވުމުން އިތުރު މައުލޫމާތު ލިބޭނެ އެވެ.

މި އަހަރުގެ މުބާރާތް ކުޅުމަށް ހަމެޖެހިފައިވަނީ ކްލަބް މޯލްޑިވްސް ކަޕް ކުރިއަށް ގެންދިޔަ ހުޅުމާލޭގެ ފުޓްސަލް ދެ ދަނޑުގަ އެވެ. ދަނޑުގެ ބައެއް މަރާމާތުތައް ކުރުމާއި އެހެނިހެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނާ މިދިޔަ ހަފްތާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި މުބާރާތުގައި ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންދެއްވުމުގެ ދައުވަތު މިނިސްޓަރު މަހުލޫފަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ވަނީ އަރުވައިފަ އެވެ.

މިފަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވާއިރު އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހާއި ހަމައަށް މުބާރާތް ކުރިއަށްދާނެ އެވެ. މުބާރާތުގެ ފުރަތަމަ ރޭ ކުޅޭނީ މ، ހދ، އަދި ގއ. އަތޮޅުގެ ބައެއް މެޗުތަކެވެ. ފުރަތަމަ މެޗުގައި މ އަތޮޅު ގްރޫޕް އެކެއްގައި ހިމެނޭ މަޑުއްވަރީއާ ދިއްގަރު ވާދަކުރާއިރު ދެ ވަނަ މެޗުގައި އެ އަތޮޅުގެ ގްރޫޕް ދޭއްގައި ލައްވާލި މުލި އަދި ނާލާފުށި ވާދަކުރާނެ އެވެ. މި ދެމެޗު ވެސް ކުޅޭނީ އެރޭ 20:15 ގަ އެވެ. އެރޭ ދެން ކުޅޭނީ ގއ. އަތޮޅުގެ ގްރޫޕް އެކެއްގައި ހިމެނޭ ކޮނޑޭއާ ކަނޑުހުޅުދޫގެ މެޗާއި ކޮލަމާފުއްޓާއި ނިލަންދޫ ވާދަކުރާ މެޗެވެ. މ އަދި ގއ އަތޮޅުގެ އިތުރުން ހދ އަތޮޅުގެ ދެ މެޗު ވެސް ފުރަތަމަ ރޭ ކުޅޭނެ އެވެ. ހދ. އަތޮޅުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި އެރޭ ކުމުންދޫއާ ނޭކުރެންދޫ ވާދަކުރާއިރު އެ ގްރޫޕުގެ އަނެއް މެޗުގައި ނާވައިދޫއާ ނޮޅިވަރަންފަރު ވާދަކުރާނެ އެވެ.

މުބާރާތުގެ ޒޯން ބުރުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. ގަދަ 16 ގެ މެޗުތައް އަންނަ މަހުގެ 10 އަދި 11 ވަނަ ދުވަހު ކުޅޭއިރު ކުއާޓާ ފައިނަލުގެ މެޗުތައް ކުޅޭނީ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށްފަހު 15 ވަނަ ދުވަހުގެރޭ ސެމީ ފައިނަލްގެ ދެ މެޗު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 18 ވަނަ ދުވަހުގެ ރެ އެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 25،000 ރުފިޔާ އެވެ.  

ރާއްޖޭގެ އެންމެ ގިނަ ޓީމުތަކުން ބައިވެރިވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މިފަހަރުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މީގެ އިތުރުން ސްޕޯޓްސް ޕާޓްނަރެއްގެ ގޮތުގައި ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ސޮނީ ސްޕޯޓްސް ހަމަޖައްސާފަ އެވެ.

ކޮމެންޓް