އިންޑިއާ އިން އޭޝިއާގެ ޗެމްޕިއަން ގަތަރު ހިފަހައްޓައިފި

ދޯހާގައި މިރޭ ގަތަރާ ދެކޮޅަށް އިންޑިއާއިން ކުޅުނު މެޗުގެ ތެރެއިން. އިންޑިއާއިން ވަނީ ގަތަރު ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކާފައި

އޭޝިއާގެ ޗެމްޕިއަން އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަ ގަދަފަދަ ގަތަރުން ގޯލެއް ޖެހިޔަ ނުދީ އިންޑިއާއިން ހިފަހައްޓައިފި އެވެ. ގަތަރުގެ ދޯހާގައި މިރޭ ކުޅުނު މެޗު ނިމުނީ 0-0 އެއްވަރު ވެގެންނެވެ.

މިއީ ފަހުގެ ތާރީހެއްގައި އިންޑިއާއިން ސަރަހައްދުގެ ވަރުގަދަ ޓީމަކާ ދެކޮޅަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ގަތަރުން ހޯދީ ފައިނަލުގައި 3-1 އިން ޖަޕާން ބަލިކޮށްގެންނެވެ. ވޯލްޑް ކަޕްގެ ބިޑު ކާމިޔާބު ކުރުމަށް ފަހު ގަތަރުން އަންނަނީ އެ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މި އަހަރު އޮތް އޭޝިއަން ކަޕްގައި ވާދަކުރި އިންޑިއާ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމަށް ހަމައެކަނި މޮޅުވެވުނީ ތައިލެންޑް އަތުންނެވެ. 4-1 އިން ތައިލެންޑް ބަލިކުރި ނަމަވެސް އޭގެފަހުން ކުޅުނު ދެ މެޗުގައި ޔޫއޭއީ އާއި ބަހްރޭން އަތުން ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗަށް އިންޑިއާއިން ނުކުތީ އަނިޔާގެ ސަބަބުން ކެޕްޓަން ސުނިލް ޗެތުރީ ނުލައެވެ. އަމިއްލަ ދަނޑުގައި މުޅި މެޗުގައި މޮޅަށް ކުޅުނު ނަމަވެސް ގަތަރުން އުފެއްދި ގިނަ ހަމަލާތަކެއް ހިފެހެއްޓުމުގައި އިންޑިއާގެ ގޯލްކީޕަރު ސަންދޫ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ސަންދޫ ވަނީ ގަތަރުން ފޮނުވާލީ 11 ހަމަލާއެއް ހުއްޓުވައިފަ އެވެ. މުޅި މެޗުގައި ގަތަރަށް 15 ކޯނަރު ލިބުނު އިރު އެ ހުރިހާ ކޯނަރެއް ހުއްޓުވުމުގައި އިންޑިއާގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިންޑިއާއިން މުޅި މެޗު ޑިފެންސިވް ވިސްނުމެއްގައި ކުޅުނު ނަމަވެސް މެޗުގެ ފަހު ބައިގައި އެޓީމުން ވަނީ ކައުންޓަ އެޓޭކުގައި ގަތަރުގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މުޅި މެޗުގައި އިންޑިއާއިން ދެ ހަމަލާ ފޮނުވާލި އިރު ގަތަރުގެ ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވައެއްނުލެވުނެވެ. މެޗުގައި ގަތަރުން ވަނީ އިންޑިއާގެ ގޯލަށް 27 ހަމަލާ ފޮނުވާލާފަ އެވެ.

ކޮލިފައިންގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އޮމާން އަތުން ބަލިވެފަ އެވެ. 1998 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ކްރޮއޭޝިއާ ޓީމުގެ ފަހަތް ބެލެހެއްޓި އީގޯ ސްޓިމަޗްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންޑިއާ އަމިއްލަ ދަނޑުގައި އޮމާން އަތުން ބަލިވީ ލީޑު ނަގާފައިވަނިކޮށް މެޗުގެ ފަހު ވަގުތު ވަން ގޯލުތަކުންނެވެ. މި ގްރޫޕުގެ ގަތަރު ކުޅުނު ފުރަތަމަ މެޗުގައި 6-0 އިން ވަނީ އަފްގާނިސްތާން ބަލިކޮށްފަ އެވެ. ގަތަރު އަތުން ބަލިވި ނަމަވެސް އަފްގާނިސްތާން މިރޭ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

އިންޑިއާގެ ކޯޗުކަމާ މީގެ ހަތަރު މަސް ކުރިން ހަވާލުވުމަށް ފަހު ސްޓިމަޗް ބުނީ އޭނާގެ އަމާޒަކީ 2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް އިންޑިއާ ކޮލިފައި ކޮށްދިނުން ކަމަށެވެ. ސްޓިމަޗް އިންޑިއާގެ ކޯޗުކަމާ ހަވާލުވީ އޭޝިއަން ކަޕަށް ފަހު އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓެންޓިން މަގާމުން އިސްތިއުފާ ދިނުމުންނެވެ.

ކޮލިފައިންގައި ސަރަހައްދުގެ އެހެން ގައުމުތަކުން މިރޭ ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ގްރޫޕް ބީގައި ނޭޕާލް ވަނީ ޗައިނީސް ޓައިޕޭ އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެފަ އެވެ. ގްރޫޕް އެޗްގައި އަމިއްލަ ދަނޑުގައި ނޯތު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުން ސްރީ ލަންކާ ބަލިވީ 1-0 އިންނެވެ.

ކޮމެންޓް