ރާއްޖެ އަތުން ޗައިނާ އަށް ބޮޑު މޮޅެއް

މިރޭގެ މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ. - ފޮޓޯ: މިހާރު

ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގެ ދެ ވަނަ ބުރުގައި މިރޭ ރާއްޖޭގެ ދަނޑުގައި ޗައިނާއިން 5-0 އިން މޮޅުވެއްޖެ އެވެ. މިރޭ ރާއްޖެ ކޮޅަށް ޗައިނާއިން ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ދެ ވަނަ ހާފުގައި ލިބުނު ދެ ޕެނަލްޓީންނެވެ.

ރާއްޖޭން ޗައިނާއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައިގައި އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ހިމަނައިފަ އެވެ. ދަގަނޑޭ ފުރަތަމަ އެގާރައިގައި ހިމެނިއިރު އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ނާއިޒް ހަސަން (ދާދު) އިނީ ބެންޗުގަ އެވެ. އަދި، އެމެރިކާ ވިސާ ނުލިބުމުގެ ސަބަބުން ގުއާމް މެޗުގައި ކުޅެފައިނުވާ ހުސައިން ނިހާން (ނިހާޓް) ވެސް ވަނީ މިރޭ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

މިރޭގެ މެޗަށް 3700 ސަޕޯޓަރުން ދަނޑަށް ވަން އިރު ނިސްބަތުން ޗައިނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވަދެފަ އެވެ. ސަލާމަތީ ކަންކަމުގެ ސަބަބުން ގަލޮޅު ދަނޑުގެ ދެ ފަޅި ބަންދުކޮށްފައިވާތީ ރާއްޖޭގެ ސަޕޯޓަރުންނަށް ބޭނުންވި ވަރަށް މި މެޗުގައި ޓިކެޓް ލިބިފައެއްނުވެ އެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ޗައިނާއިން ގޯލެއް ޖެހިޔަ ނުދީ މެޗުގެ 34 ވަނަ މިނެޓާއި ހަމައަށް ރާއްޖޭން ވަނީ ހިފަހައްޓައިފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ޗައިނާ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ވޫ ޝީ އެވެ. ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އޭރިޔާ ތެރެއަށް ވެއްޓިފައި ވަނިކޮށް އުފެއްދި ހަމަލާއެއްގައި ޗައިނާއިން ނަގައިދިން ހުރަހަކުން ވޫ މި ގޯލު ޖެހީ ބޮލުންނެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން ޗައިނާއިން ލީޑު ފުޅާކުރީ ވޫ ލީ ޖެހި ގޯލުންނެވެ. މި ގޯލު ވެސް ޖެހީ ނަގައިދިން ހުރަހަކުން ބޮލުންނެވެ.

މެޗުގެ ދެ ވަނަ ހާފު ރާއްޖޭން ފެށީ ދަގަނޑޭގެ ބަދަލުގައި ދާދު ކުޅެން އަރުވައިގެންނެވެ. މި ބަދަލާ އެކު ރާއްޖޭގެ ޓީމުގެ ކުޅުން ފެނުނީ ކޮންމެވެސް ވަރަކަށް ރަނގަޅުވިތަނެވެ. މެޗުގައި ރާއްޖޭން އެންމެ ނުރައްކާތެރި ހަމަލާއެއް ހިލޭ ޖެހުމަކުން ފޮނުވާލީ ކެޕްޓަން އަކްރަމް އެވެ. އަކްރަމް ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނުގައި ޖެހިފައި ނުކުތް އިރު އޭގެ ފަހުން ގޯލާ ދިމާއަށް ރާއްޖޭން ފޮނުވާލި ހަމަލާއެއް ޗައިނާގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. އެ ކޯނަރުގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައެއް އިބްރާހީމް އައިސަމް ބޮލުން ޖެހުމުން ދިޔައީ ކީޕަރު އަތަށެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ރާއްޖޭން ވަނީ އަހުމަދު ނޫމާން (ހެލްމެޓް) ގެ ބަދަލުގައި އަލީ ސަމޫހު (ސަމުއްޓޭ) ކުޅެން އަރުވައިފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޗައިނާއިން މެޗުގެ ތިން ވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ޔާން ޝޫ އެވެ. މިއީ ރާއްޖޭގެ ނިހާޓް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ތިން ގޯލުގެ ލީޑަށް ފަހު ވެސް ޗައިނާ ކުޅުންތެރިން ވަނީ މެޗު ޑޮމިނޭޓްކޮށްގެން ކުޅެ ރާއްޖޭގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެކަމަކު ކައުންޓަ އެޓޭކެއްގައި ހަމްޕު ދިން ބޯޅައަކުން ރާއްޖޭގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ލިބުނު ހުސް ފުރުސަތު ޗައިނާގެ ކުޅުންތެރިއަކު ވަނީ ބްލޮކްކޮށްފަ އެވެ. ފަހު ދިހަ މިނެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ވަރުބަލިކަން ފެނިފަ އެވެ.

ޗައިނާގެ ހަތަރު ވަނަ ގޯލާއި ފަސް ވަނަ ގޯލު ޖެހީ ރަށްވެހިކަން ބަދަލުކުރި ބްރެޒިލަށް އުފަން ފޯވާޑް އެލްކެސަން އެވެ. މިއީ ޗައިނާގެ ރަށްވެހިކަމަށް ބަދަލުވުމަށް ފަހު އެގައުމުގެ ޖާޒީގައި އެލްކެސަން ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 83 ވަނަ މިނެޓުގައި އެލްކެސަން ފުރަތަމަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ދިނުމަށް ރާއްޖޭގެ ކެޕްޓަން އަކްރަމް ފައުލް ކުރުމާއެކު ދެ ރީނދޫ ކާޑާ އެކު ވަނީ ރަތް ކާޑެއް ދައްކާފަ އެވެ. އަކްރަމަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައިގައި ޑިފެންސް އިތުރަށް ވަރުގަދަކުރަން ކޯޗު ވަނީ ފޭދޫ އިއްބެގެ ބަދަލުގައި ސަމްދޫހް މުހައްމަދު ކުޅެން އަރުވައިފަ އެވެ. އަރިމަތިން ނަގައިދިން ހުރަހެއް ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗައިނާގެ ފަސް ވަނަ ގޯލު އަލްކެސަން ކާމިޔާބުކުރީ މަޗުގެ ފަހު މިނެޓުގަ އެވެ.

ޗައިނާ އަތުން ރާއްޖެ ބަލިވިއިރު މި ގްރޫޕުގައި މިއަދު ފިލިޕީންސް ވަނީ ރަށުން ބޭރުގައި ގުއާމް ބަލިކޮށްފަ އެވެ. މި ގްރޫޕުގައި ފިލިޕީންސް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ސީރިއާ އަތުން 5-2 އިން ބަލިވެފަ އެވެ. ކޮލިފައިންގައި ރާއްޖޭން ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. ސީރިއާއާ ދެކޮޅަށް ރަށުން ބޭރުގައި މި މެޗު ކުޅުމަށް ހަމަޖައްސާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގަ އެވެ. މި މެޗަށް ނުކުންނައިރު ސަސްޕެންޝަނުގެ ސަބަބުން ފޭދޫ އިއްބެ އާއި ކެޕްޓަން އަކްރަމް އަށް ނުކުޅެވޭނެ އެވެ.

ކޮމެންޓް