ދަގަނޑޭގެ މައްސަލައިގައި ކެތްތެރިވާން ސެގާޓް އެދިއްޖެ

ސެގާޓް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ. - ފޮޓޯ: އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ޓީމުގައި ހިމަނާފައިވާ އަލީ އަޝްފާގް (ދަގަނޑޭ)އާ މެދު ކެތްތެރިވެ ވަގުތު ދިނުމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް އެދިއްޖެ އެވެ. ސެގާޓް މިހެން ބުނީ ޗައިނާ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

މިރޭގެ މެޗަކީ ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު ދަގަނޑޭ ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. ގައުމީ ޓީމުން ދަގަނޑޭ ބާކީކުރީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރު ނުވުމުންނެވެ. އޭގެފަހުން ގައުމީ ޓީމުން ކުޅުނު ސާފް ސުޒުކީ ކަޕާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަދި ގުއާމްއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕ ކޮލިފައިންގެ ފުރަތަމަ މެޗުން ކޯޗު ސެގާޓް ދަގަނޑޭއަށް ފުރުސަތު ދީފައެއްނުވެ އެވެ. ސެގާޓް ބުނީ ދަގަނޑޭއަކީ ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، އެކަމަކު ގައުމީ ޓީމާއެކު ގިނަ ދުވަސްތަކެއް ވަންދެން މެޗެއް ކުޅެފައިނުވުމުން ދަގަނޑޭއަށް ވަގުތު ބޭނުންވާ ކަމަށެވެ.

“މިހާރު އަހަރެންވެސް މިހުރީ އިތުރަށް ހިތްހަމަ ޖެހިފަ. އަޝްފާގާ އެކު އަހަރެމެނަށް އިތުރު ގޮތްތަކެއް އޮންނާނެ. ހުރިހާ ޕްރެޝަރެއް ދަގަނޑޭއަށް ނުދީ. ދަގަނޑޭ އަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ވުރެ ދުވަސްވީ ކުޅުންތެރިއެއް. އެއީ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ. އަދި މިދިޔަ 10 އަހަރު ރާއްޖޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ. އެކަމަކު މިދިޔަ ދުވަސްތަކުގައި ހާލަތު ތަފާތު. ގުއާމް މެޗުން މޮޅުވީ ދަގަނޑޭ ނުލައި. ސާފް ސުޒުކީ ކަޕް ވެސް ކާމިޔާބުކުރީ ދަގަނޑޭ ނުލައި. ބޫޓާން އަތުން 7-0 އިން މޮޅުވީ ވެސް ދަގަނޑޭ ނެތި. ދަގަނޑޭއަށް ޓީމާއެކު މަޑުމަޑުން ކުރިއަށްދާން ވަގުތު ދީ. އެއީ އެހާ ފަސޭހަ ކަމެއް ނޫން” ދަގަނޑޭއާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ސެގާޓް ބުންޏެވެ.

ދަގަނޑޭ ފަރިތަކުރުންތަކުގައި. ދަގަނޑޭގެ މައްސަލައިގައި ކެތްތެރިވާން ކޯޗު ވަނީ އެދިފައި. – ފޮޓޯ: އެފްއޭއެމް

ސެގާޓް އިތުރަށް ބުނީ ގުއާމް މެޗަށް ފަހު ދަގަނޑޭ އޭނާއަށް ގުޅައި މަރުހަބާ ކިޔައި، ކުރިން ވީ ކަންތަކަށް މާފަށް އެދުމުން އަލުން ދަގަނޑޭއަށް ފުރުސަތުދޭން އޭނާއަށް ވީ ފަސޭހަ ކަމަކަށް ކަމަށެވެ.

“އަހަންނަށް ވަރަށް ސާފު ހާލަތެއް. އަޝްފާގް ގުއާމް މެޗަށް ފަހު އަހަރެންނަށް ގުޅައި މަރުހަބާ ކި. އަދި މާފަށް ވެސް އެދުނު ކުރިން ވީ ކަންތަކަށް. އަހަރެމެން އެންމެންނަކީ އިންސާނުން. އަހަރެންނަށް ވެސް ގޯސް ހެދޭނެ. އެހެން އެންމެންނަށް ވެސް ގޯސް ހެދޭނެ. އަހަރެމެން ދަނގަޑޭ ބޭނުންވޭ. ދަގަނޑޭ އަކީ ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެކަމަށް ބަހުސެއް ވެސް ނެތް. އަހަރެން އެއް އަހަރާއި ބައިގެ މުއްދަތަކަށް މަޑުކޮށްފިން އަޝްފާގުގެ ކޯލަށް” ދަގަނޑޭއަށް އަލުން ފުރުސަތުދިން ސަބަބު ހާމަކުރަމުން ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޓީމު ވަރަށް ބޮޑަށް ވަރުބަލިވުމުން އިތުރު ކުޅުންތެރިއަކު ޓީމުގައި ހިމެނުން އޭނާއަށް މުހިއްމުވި ކަމަށެވެ. އަދި ގުއާމް މެޗު ރާއްޖޭން ކުޅުނީ ޓީމުގައި ހިމެނި ފަސް ކުޅުންތެރިން ނުލާކަމަށް ސެގާޓް ބުންޏެވެ. ގުއާމް މެޗުގެ ކުރިން އާއިލީ ފަސް މެމްބަރުންގެ ކުއްލި މަރާއެކު މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ޓީމާއެކު ބައިވެރިނުވާއިރު ގުއާމަށް ދާން އެމެރިކާ ވިސާ ނުލިބުމުން ހުސައިން ނިހާން (ނިހާޓް) އާއި ބަދަލު ކީޕަރު ހުސައިން ޝަރީފް ވެސް މެޗުގައި ބައިވެރިވެފައެއްނުވެ އެވެ. އަދި، ގުއާމް މެޗުގެ ކުރިން އާއިލީ ސަބަކާއި ގުޅިގެން އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ސްރީ ލަންކާގައި ކުރިއަށްގެންދިޔަ ކޭމްޕުގައި ޓީމާއެކު ބައިވެރިވެފައެއްނުވެ އެވެ.

ޗައިނާ މެޗުގެ ހާލަތު ތަފާތު، ޕޮއިންޓެއް ލިބުނަސް ފުދޭނެ

ސެގާޓް ބުނީ ގުއާމް މެޗުން ރާއްޖެ މޮޅުވުން މަޖުބޫރުވިއިރު ޗައިނާ މެޗުގެ ހާލަތު މުޅިން ތަފާތު ކަމަށެވެ. ސަރަހައްދުގެ ގަދަ ބާރަކާއި ދެކޮޅަށް ނުކުންނައިރު މެޗުން ޕޮއިންޓެއް ލިބުމަކީވެސް ރާއްޖޭ ފުދޭނެ ނަތީޖާއެއް ކަމަށް ސެގާޓް ބުންޏެވެ.

ރާއްޖޭން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ޗައިނާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. 2001 ވަނަ އަހަރު ޗައިނާގައި ކުޅުނު މެޗުން 10-1 އިން ބަލިވި ނަމަވެސް ރާއްޖޭގައި ކުޅުނު މެޗުން ޗައިނާއަށް މޮޅުވެވުނީ 1-0 އިންނެވެ. އޭގެފަހުން މި ދެޓީމު ކޮލިފައިންގައި ވާދަކުރީ 2015 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖޭގައި ކުޅެން އޮތް މެޗު ވެސް ކުޅުނީ ޗައިނާގަ އެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުން ވުމުން ޗައިނާގައި ކުޅުނު މެޗުން އެޓީމު 3-0 އިން މޮޅުވިއިރު އެޓީމުގެ ހޯމް މެޗުން ރާއްޖެ ބަލިވީ 4-0 އިންނެވެ.

“މިދިޔަ ހަތަރު މެޗުގައި ޗައިނާ އަތުން ރާއްޖެ ވަނީ ބަލިވެފަ. މިފަހަރު ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ނެރެން. އެންމެންވެސް މި މެޗަށް ވަނީ މޯޓިވޭޓް ވެފަ. ލިއްޕީއަކީ (ޗައިނާގެ ކޯޗު) ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗު. މި މެޗުގައި ބަލި ޓީމަކީ އަހަރެމެން. ގުއާމް މެޗަކީ ރާއްޖެ މޮޅުވާން މަޖުބޫރު މެޗެއް. މި މެޗުން ޕޮއިންޓެއް ލިބުނަސް އެއީ ކާމިޔާބެއް. ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް މޯޓިވޭޓްވެފަ” ސެގާޓް ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމް.. މިރޭ ޗައިނާއާ ދެކޮޅަށް ނުކުންނާނެ. – ފޮޓޯ: އެފްއޭއެމް

މިރޭ ރާއްޖޭގެ ކޯޗަކަށް ހުރެ ދުނިޔޭގެ އެންމެ ބޮޑު ގައުމާ ދެކޮޅަށް ނުކުތުމަކީ އޭނާއަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ. ސެގާޓް ބުނީ ޗައިނާ އަކީ މެޗުގެ ފޭވަރިޓް ޓީމް ކަމަށާއި، އެކަމަކު ރާއްޖޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް ޗައިނާއަށް ދޫ ނުދޭނެކަމަށް އޭނާ ބުންޏެވެ.

“ވަރަށް ޝައުގުވެރިވާނެ މެޗެއް. އެކަމަކު މެޗުގައި ތިބޭނީ ރާއްޖޭގެ 11 އަދި ޗައިނާގެ 11 ކުޅުންތެރިން. އަހަރެމެންނަށް އެނގޭ ޗައިނާއަކީ މި މެޗުގެ ފޭވަރިޓްކަން އެކަމަކު މި ޓީމުން ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ. މިވަގުތު އަހަރެމެން މިއޮތީ ތިން ޕޮއިންޓާ އެކު” ޗައިނާއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އުއްމީދުގައި ހުރި ސެގާޓް ބުންޏެވެ.  

މިދިޔަ އަހަރު ރާއްޖެއަށް ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްދިން ކޯޗު ބުނީ ޒުވާން ޓީމަކާ އެކު ނުކުމެ ގުއާމް މެޗުން ރާއްޖެއަށް ކުރި ހޯދޭނެ ކަމަށް އެއްވެސް މީހަކު ހީނުކުރާ ކަމަށާއި، އެކަމަކު އެ މެޗަށް ފަހު ޓީމުގެ ހަކަތަ ވަރަށް ބޮޑަށް ހުސްވުމުން ޗައިނާ މެޗުގައި ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

“ކޮލިފައިންގެ ފުރަތަމަ މެޗުގައި ގުއާމް އަތުން މޮޅުވީ ޒުވާން ޓީމަކާ އެކު. އެއްވެސް މީހަކު ހިއެއް ނުކުރޭ 22 އަހަރު 23 އަހަރުގެ ކުޅުންތެރިންނާ އެކު މޮޅުވެވިދާނެ ކަމަކަށް. އެކަމަކު އަހަރެމެން މޮޅުވިން. އެކަމަކު ޓީމުގެ ހަކަތަ މި މެޗުން ވަރަށް ބޮޑަށް ހުސްވި. އެހެންވީމަ ޓީމަށް ބައެއް ބަދަލުތަކެއް ގެންނަން ޖެހޭނެ” ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާ ސެގާޓް ބުންޏެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އިއްބެ، އިއްބެ ޓީމާ ގުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަށް ކަމަށް ކޯޗު ވަނީ ބުނެފައި. – ފޮޓޯ: އެފްއޭއެމް

ރާއްޖޭން މިރޭގެ މެޗަށް ނުކުންނައިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އިއްބެ ވަހީދު އަލުން ޓީމާ ގުޅުމެވެ. ސެގާޓް ބުނީ އިއްބެ އައުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އާއިލާގެ މެމްބަރުންގެ މަރާއެކު އިއްބެއަށް މުޅި ގައުމުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި، ފުޓްބޯޅައަކީ ހަމައެކަނި ކާމިޔާބު ހޯދާ ކުޅިވަރެއް ނޫންކަމަށާއި، އެއީ އެންމެން އެއްބައިވަންތަ ކުރުވާ ކުޅިވަރެއް ކަމަށް ސެގާޓް ބުންޏެވެ. އިއްބެ އަލުން ޓީމާ ގުޅުނު ނަމަވެސް އަނިޔާގެ ސަބަބުން ޓީމުގައި އިތުރު ބައެއް މައްސަލަތައް ހުރިކަމަށް ސެގާޓް ފާހަގަކުރި އެވެ.

“އަދިވެސް ބައެއް މައްސަލަތައް އެބަހުރި. އަކޫ (އަކްރަމް) އަދި ހެލްމެޓް (ނޫމާން) ވެސް ކުޑަ އިންޖަރީއެއް އުޅޭ އެބަ. އިއްބެ ވަހީދު ޓީމުގައި ހިމެނޭނެ. ފަހަރެއްގަ ފުރަތަމަ އެގާރައިގައި ވެސް ހިމެނިދާނެ. އަހަރެމެން އެންމެންވެގެން އިއްބެ ވަހީދުއަށް އެހީތެރިވާން ޖެހޭނެ. އިއްބެ ޓީމާ ގުޅުމަކީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް” ޗައިނާ މެޗުގެ ކުރިން އޮތް ޕެރްސްގައި ސެގާޓް ބުންޏެވެ.

ރާއްޖެއާ ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ.  

ކޮމެންޓް