ދަގަނޑޭ އައުމުން އިތުރު ހިތްވަރެއް ލިބިއްޖެ: ނިހާޓް

މާޒިޔާގެ މިޑްފީލްޑަރު ނިހާޓް ރޭ އޮތް ގައުމީ ޓީމުގެ ޕްރެސް ކޮންފަރެންސްގައި. - ފޮޓޯ: އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގުޅުމުން މުޅި ޓީމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ބުނެފި އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ގުއާމްއާ ދެކޮޅަށް ކުޅެ 1-0 އިން ރާއްޖެ މޮޅުވި އިރު ނިހާޓް ކުޅެފައެއްނުވެ އެވެ. ނިހާޓަށް މެޗުގައި ނުކުޅެވުނީ ގުއާމަށް ދިއުމަށް ހަމަޖައްސަން ޖެހުނު އެމެރިކާ ވިސާ މެޗުގެ ކުރިން ނުލިބުމުންނެވެ. ވިސާ ހަމަ ނުޖެހިގެން ގައުމީ ޓީމުގެ ބަދަލު ކީޕަރު ހުސައިން ޝަރީފް ވެސް ގުއާމް މެޗަށް ޓީމާ ގުޅިފައެއްނުވެ އެވެ.

ގުއާމް މެޗަށް ނެގި ސްކޮޑުން 34 އަހަރުގެ ދަގަނޑޭއަށް ކޯޗު ޕީޓަ ސެގާޓް ފުރުސަތު ނުދިނުމުން ފުޓްބޯޅައިގެ ކޯޗުންނާއި ސަޕޯޓަރުން އައީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ދަގަނޑޭއަށް ސެގާޓް ޓީމުން ފުރުސަތު ނުދިންއިރު މިދިޔަ ސީޒަނުގައި އޭނާ ވަނީ 42 ގޯލު ޖަހައި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި ގައުމީ ޓީމަށް 52 ގޯލު ޖަހައިދީ ދެކުނު އޭޝިއާގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ ދަގަނޑޭ ރަނގަޅު ފޯމެއްގައި ހުއްޓައި ޓީމުން ބާކީކުރުން ދިވެހި ސަޕޯޓަރުން ބަލައިގެންފައެއްނުވެ އެވެ.

“އަޝްފާގް އައުމުގެ ސަބަބުން ޓީމުގެ މޯޓިވޭޝަން އިތުރަށް ރަނގަޅު ވެއްޖެ. ޓީމަށް ވަރަށް ހިތްވަރު ލިބިއްޖެ އަޝްފާގް ގުޅުނީމަ” މިރޭ ކުޅޭ މެޗުގެ އިއްޔެ އޮތް ގައުމީ ޓީމުގެ ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ މިޑްފީލްޑަރު ނިހާޓް ބުންޏެވެ.

ވިސާ މައްސަލަ ޖެހުމުން ގުއާމް މެޗުގައި ނުކުޅެވުނު ނަމަވެސް މިރޭގެ މެޗުގައި ނިހާޓް ކުޅުމުގެ ފުރުސަތު ބޮޑެވެ. ގުއާމް މެޗުގައި ނިހާޓަށް ނުކުޅެވުނުއިރު އާއިލާގެ ފަސް މެމްބަރުންގެ ކުއްލި މަރާއި ގުޅިގެން މުހިއްމު މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ވެސް ގުއާމް މެޗުގައި ކުޅެފައެއްނުވެ އެވެ. ރާއްޖޭން މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި އިރު ނިހާޓަކީ މެދުތެރޭގައި އިއްބެ ވަހީދާ އެކު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ސެމީ ފައިނަލްގައި ނޭޕާލް ބަލިކުރި މެޗާއި ފައިނަލުގައި އިންޑިއާ ބަލިކުރި އިރު ނިހާޓް ވަނީ ވަރުބަލިކަމެއް ނެތި ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިރޭގެ މެޗުގެ ކުރިން ނިހާޓް ބުނީ ޗައިނާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު މަސައްކަތް ކުރާނީ ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެވޭތޯ ކަމަށެވެ.

“ޗައިނާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށް ގަބޫލުކުރަން އެކަމަކު ހޯމްގަ ސަޕްރައިޒިން ރިޒަލްޓެއް ގެނެވިދާނެކަމަށް އުއްމީދުކުރަނީ. ހުރިހާ ޕްލެޔަރުންގެ މޯޓިވޭޝަން ވެސް ވަރަށް ރަނގަޅު ބޮޑަށް ގޭމަށް ފޯކަސް ކޮށްގެން މިތިބީ” ނިހާޓް ބުންޏެވެ.

ޓީމާ ގުޅުމަށް ފަހު ދަގަނޑޭ ފަރިތަކުރުންތައް ކުރިއަށްގެންދަނީ. ދަގަނޑޭ ޓީމާ ގުޅުމުން ޓީމަށް ވަނީ އިތުރު ހިތްވަރެއް ލިބިފައި. – ފޮޓޯ: އެފްއޭއެމް

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި އަދި ކުޅެފައިވަނީ ދެ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖޭން ގުއާމް ބަލިކުރި އިރު ދެ ވަނަ މެޗުގައި ފިލިޕީންސް ވަނީ އަމިއްލަ ދަނޑުގައި ސީރިއާ އަތުން 5-2 އިން ބަލިވެފަ އެވެ. މި ގްރޫޕުގައި މިއަދު ރާއްޖެ ގަޑިން 10:30 ގައި ފަށާ މެޗުގައި ގުއާމްއާ ފިލިޕީންސް ވާދަކުރާނެ އެވެ. މި މެޗު ކުޅޭނީ ގުއާމް ދަނޑުގަ އެވެ.

މިފަހަރުގެ ކޮލިފައިންގައި ރާއްޖޭން ކަނޑައަޅާފައިވާ ޓާގެޓަކީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. ކޮލިފައިންގައި ރަނގަޅު ހިސާބަކަށް ދިއުމަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރުން މުހިއްމެވެ.

ރާއްޖޭން އެންމެ ފަހުން ގަލޮޅު ދަނޑުގައި ޗައިނާއާ ދެކޮޅަށް ކުޅުނީ 2001 ވަނަ އަހަރު އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އެ ފަހަރު މާލޭގައި 1-0 އިން ބަލިވި އިރު ރަށުން ބޭރުގައި ޗައިނާއިން ވަނީ 10-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. އޭގެފަހުން މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް ގައިވެސް ރާއްޖެ ހިމެނުނީ ޗައިނާއާ އެއް ގްރޫޕެއްގަ އެވެ. އެކަމަކު ރާއްޖޭގައި ކުޅެން އޮތް މެޗުގެ ކުރިން މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑަށް ގެއްލުން ވުމުން ރާއްޖޭގެ ހޯމް މެޗު ކުޅުނީ ޗައިނާގަ އެވެ. އެ މެޗުން 4-0 އިން ޗައިނާ މޮޅުވިއިރު ހޯމް މެޗުން ޗައިނާ މޮޅުވީ 3-0 އިންނެވެ.

މިރޭގެ މެޗަށް ޗައިނާ ނުކުންނަނީ ވަރުގަދަ ޓީމަކާއެކު އެވެ. 2002 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވާން އެ ގައުމުން އަމާޒުހިފާފައި ވާއިރު ކޯޗެއްގެ ގޮތުގައި ހުންނާނީ 2006 ވަނަ އަހަރު އިޓަލީއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މާސެލޯ ލިއްޕީ އެވެ. ރާއްޖެ މެޗަށް ނުކުންނައިރު ޗައިނާއިން ވަނީ ފުރަތަމަ ފަހަރަށް އެ ގައުމުގެ ރަށްވެހިކަން އެހެން ގައުމެއްގެ ކުޅުންތެރިއަކަށްދީ ޓީމުގައި ހިމަނައިފަ އެވެ. ޗައިނާގެ ސުޕަ ލީގުގައި ކުޅޭ ބްރެޒިލަށް އުފަން 30 އަހަރުގެ ފޯވާޑް އެލްކެސަންއަށް ޗައިނާގެ ރަށްވެހިކަން ލިބި ގައުމީ ޓީމުން ފުރުސަތު ދިނީ މިދިޔަ މަހު އެވެ. މިރޭގެ މެޗު ވެގެންދަނީ ޗައިނާގެ ރަށްވެއްސަކަށް ވުމަށް ފަހު ގައުމީ ޓީމަށް އެލްކެސަން ކުޅޭ ފުރަތަމަ މެޗަށެވެ.

ރާއްޖެއާ ޗައިނާ ވާދަކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ.

ކޮމެންޓް