ޗައިނާ މެޗާ އެކު ލިއްޕީ ރާއްޖޭގެ ތާރީހުގެ ތެރެއަށް!

2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކާމިޔާބީއަށް ފަހު އިޓަލީގެ ކުޅުންތެރިން ލިއްޕީ އުފުލާލައިގެން. މިއީ ވޯލްޑް ކަޕް ކާމިޔާބު ކުރި ކޯޗެއް ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ފުރަތަމަ ފަހަރު

މާދަމާރޭ ގަލޮޅު ދަނޑުގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނަ މެޗަކީ ދެ ޓީމަށް ވެސް ހާއްސަ މެޗެކެވެ. ދެ ޓީމުން ކޮލިފައިންގައި ކަނޑައަޅާފައިވަނީ ތަފާތު ދެ ޓާގެޓެކެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވާން ޗައިނާގެ އަމާޒު ކަނޑައަޅާފައިވާއިރު ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.

މާދަމާ ރޭގެ މެޗަށް ރާއްޖެ ނުކުންނައިރު ޗައިނާ ޓީމަށް އިރުޝާދުދޭން ހުންނާނީ 2006 ވަނަ އަހަރު އިޓަލީއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކޯޗު މާސެލޯ ލިއްޕީ އެވެ. މިއީ ވޯލްޑް ކަޕް ކާމިޔާބު ކުރި ކޯޗަކު ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުންނަ ފުރަތަމަ ފަހަރެވެ. ލިއްޕީއާ އެކު ޗައިނާ އިން އަލުން ވޯލްޑް ކަޕަށް ދާން ކުރާ އުއްމީދުތައް ފަށާ މެޗަކަށް ރާއްޖެ މެޗު ވެގެންދާކަމީ ދުނިޔޭގެ މީޑިއާ ވެސް މެޗަށް ސަމާލުކަން ހުއްޓުމުގެ ސަބަބެކެވެ.

ވޯލްޑް ކަޕަށް ކޮލިފައިވާން އަމާޒުހިފައި ޗައިނާ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ އެއް ހެއްކަކީ ގައުމުން ބޭރުގެ ކުޅުންތެރިންނަށް ޗައިނާގެ ރަށްވެހިކަން ދީ ގައުމީ ޓީމުން ފުރުސަތު ދިނުމެވެ. ގައުމުން ބޭރު ކުޅުންތެރިން ރަށްވެހިން ގޮތުގައި ކަނޑައަޅައި ޗައިނާ ޓީމު ވަރުގަދަ ކުރުމުގެ ފަހަތުގައި ހުރީ ކޯޗު ލިއްޕީ އެވެ. ކޯޗެއްގެ ގޮތުގައި ދެ ވަނަ ފަހަރަށް ޗައިނާއާ ހަވާލުވާން ލިއްޕީ ނިންމީ އެހެން ގައުމުތަކުގެ ކުޅުންތެރިން ޗައިނާއަށް ކުޅެވޭގޮތް ހަދައި ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ޝަރުތު ކުރަމުންނެވެ.

އިތުބާރުކޮށް ލިއްޕީ ދެ ވަނަ ފަހަރަށް ކޯޗުކަމަށް

71 އަހަރުގެ ލިއްޕީ ޗައިނާގެ ކޯޗުކަމާ އެންމެ ފުރަތަމަ ހަވާލުވީ 2016 ވަނަ އަހަރުގެ އޮކްޓުބަރު މަހު އެވެ. ލިއްޕީ ޗައިނާގެ ކޯޗުކަމާ ހަވާލުވި އިރު ގާއޯ ހުންގްބޯގެ އިރުޝާދުގެ ދަށުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ހަތަރު މެޗުން ވެސް އެޓީމަށް މޮޅެއް ލިބިފައެއްނުވެ އެވެ. އެހެންކަމުން ލިއްޕީ ޗައިނާގެ ކޯޗުކަމާ ހަވާލުވި އިރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ގާތްގަނޑަކަށް އެޓީމަށް އޮތީ ގެއްލިފަ އެވެ. އެކަމަކު ލިއްޕީ ޗައިނާގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ނަތީޖާތައް ރަނގަޅުކޮށް ސަޕޯޓަރުންގެ އިތުބާރު ހޯދި އެވެ. ލިއްޕީގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ގަތަރާ ވާދަކޮށް 0-0 އިން އެއްވަރުވި ނަމަވެސް އޭގެފަހުން އެޓީމުން ވަނީ ސައުތު ކޮރެއާ އާއި އުޒްބެކިސްތާން އަދި އަމިއްލަ ދަނޑުގައި ގަތަރު ބަލިކޮށްފަ އެވެ. މި ނަތީޖާތަކާ އެކު ވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ހަނި ފުރުސަތު އެޓީމަށް ގެއްލުނީ ސީރިއާއިން ފަހު މެޗުގައި 2-2 އިން އީރާންއާ އެއްވަރު ކުރުމުންނެވެ.

ލިއްޕީ ޗައިނާގެ ޓީމަށް އިރުޝާދު ދެނީ. މިއީ ޗައިނާއާ އެކު ލިއްޕީ މަސައްކަތްކުރާ ދެ ވަނަ ފަހަރު

ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކަށް ފަހު ލިއްޕީ ބުނީ މި އަހަރު ކުރީކޮޅު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އޮތް އޭޝިއަން ކަޕް ނިމުމުން ޗައިނާ ޓީމު ދޫކޮށްލާނެ ކަމަށާއި، އަދި އެއީ އޭނާގެ ކޯޗިން ކެރިއަރުގެ ނިމުމަށް ވެދާނެ ކަމަށެވެ. އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުގައި ލިއްޕީގެ އިރުޝާދުގެ ދަށުން އެޓީމު ކިރްގިސްތާނާއި ފިލިޕީންސް ބަލިކުރި އިރު ސައުތު ކޮރެއާ އަތުން ބަލިވި އެވެ. ކިރްގިސްތާން އަތުން 2-1 އިން މޮޅުވި އިރު ފިލިޕީންސް ބަލިކުރީ 3-0 އިންނެވެ. އެކަމަކު ވަރުގަދަ ސައުތު ކޮރެއާ އަތުން ބަލިވީ 2-0 އިންނެވެ. މުބާރާތުގެ ދެ ވަނަ ބުރުގައި ލިއްޕީގެ ޗައިނާ ވަނީ 2-1 އިން ތައިލެންޑް ބަލިކޮށްފަ އެވެ. އެކަމަކު ކުއާޓާ ފައިނަލުގައި އީރާންއާ ވާދަކޮށް 3-0 އިން ބަލިވުމުން އޭޝިއަން ކަޕް ޗައިނާއަށް ނިމުނެވެ. ކުރިން ވެސް ބުނި ގޮތަށް އޭޝިއަން ކަޕަށް ފަހު ލިއްޕީ ވަނީ ޗައިނާގެ ކޯޗުކަމުން މި އަހަރުގެ ކުރީކޮޅު ވަކިވެފަ އެވެ.

އޭގެ ފަހު ޗައިނާގެ ކޯޗުކަމާ ހަވާލުވީ ލިއްޕީގެ ކޯޗު ކަމުގައި އިޓަލީއަށް ވޯލްޑް ކަޕް އުފުލާލަދިން ކެޕްޓަން ފަބިއޯ ކަނަވާރޯ އެވެ. އެކަމަކު ކުރީގެ މަޝްހޫރު ޑިފެންޑަރު ޗައިނާގެ ކޯޗުކަމާ މާޗް މަހު ހަވާލުވުމަށް ފަހު ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަސް ފަހުން ވަނީ ވަކިވެފަ އެވެ. ކަނަވާރޯ ޗައިނާގެ ކޯޗުކަން ދޫކޮށްލީ އޭރު އޭނާ ކޯޗުކަން ކުރަމުންދިޔަ ޗައިނާގެ ގުއަންޒޫ އެވަގްރާންޑަށް ވަގުތުދޭން ބޭނުން ވެގެންނެވެ.

ކަނަވާރޯ ޓީމު ދޫކޮށްލުމުން ޗައިނާއަށް މަޖުބޫރުވީ އެޓީމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދެވޭ ވަރުގެ ކޯޗަކު ހޯދާށެވެ. އެކަމަކު އެކަށީގެންވާ ވަގުތު ނުލިބުމާއި އެގައުމުން ބޭނުންވާ ފެންވަރުގެ ކޯޗެއް ޝޯޓްލިސްޓް ނުކުރެވުމުން ލިއްޕީއަށް އިތުބާރުކޮށް ދެ ވަނަ ފަހަރަށް ޗައިނާގެ ކޯޗުކަމަށް ހަމަޖެއްސި އެވެ. ލިއްޕީ ދެ ވަނަ ފަހަރަށް ޗައިނާގެ ކޯޗުކަމާ ހަވާލުވީ މި އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެފަހުން ލިއްޕީގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ރަހްމަތްތެރިކަމުގެ ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ޖޫން މަހު ފިލިޕީންސް އަތުން 2-0 އިން މޮޅުވި އިރު އޭގެފަހުން އެޓީމުން ވަނީ ތަޖިކިސްތާން 1-0 އިން އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު 4-1 އިން މިޔަންމާ ބަލިކޮށްފަ އެވެ.

ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ޗައިނާ ރަނގަޅު ހާލަތެއްގައި

މެޗަށް ޗައިނާގެ ޓީމު ވަނީ އިއްޔެ މާލެ އައިސް ފަރިތަކުރުންތައް ފަށައިފަ އެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ޗައިނާއިން އައީ ވަރުގަދަ ޓީމެކެވެ. ނެގެން އޮތް އެންމެ ވަރުގަދަ ޓީމާއެކު އެޓީމުން ރާއްޖެއާ ދެކޮޅަށް ނުކުންނަނީ ކޮލިފައިންގެ ފެށުން ރަނގަޅުކޮށް އިތުބާރު ހޯދާށެވެ.

މިފަހަރުގެ ކޮލިފައިންގައި އެގައުމުން އެންމެ ބޮޑަށް ބަރޯސާވާނެ ދެ ކުޅުންތެރިންނަކީ ސްޕެއިންގެ އެސްޕަންޔޯލްއަށް ކުޅެމުން އަންނަ ވޫ ލީ އާއި ދާދިފަހުން ޗައިނާގެ ރައްޔިތަކަށް ބަދަލުވި ބްރެޒިލަށް އުފަން ފޯވާޑް އެލްކެސަން އެވެ. އުމުރުން 27 އަހަރުގެ ލީ ވަނީ ޗައިނާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 63 މެޗުގައި 15 ގޯލު ޖަހައިފަ އެވެ. ބްރެޒިލްގެ ފޯވާޑް އެލްކެސަން އަކީ ޗައިނާގެ ސުޕަ ލީގުގެ ގުއަންޒޫއަށް ކުޅެމުން އަންނަ އުމުރުން 30 އަހަރުގެ ކުޅުންތެރިއެކެވެ. އެލްކެސަން ޗައިނާގެ ރަށްވެއްސަކަށް ބަދަލުވުމަށް ފަހު ގައުމީ ޓީމުގައި ހިމެނީ މިދިޔަ މަހު އެވެ. ވުމާއެކު ރާއްޖެ މެޗު ވެގެންދާނީ އެލްކެސަން ޗައިނާއާ އެކު ކުޅޭ ފުރަތަމަ މެޗަށެވެ.

ޗައިނާގެ ރަށްވެހިކަން ހޯދި ބްރެޒިލަށް އުފަން ފޯވާޑް އެލްކެސަން. ޗައިނާގެ ޓީމަށް ކުޅެދޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު.

2012 ވަނަ އަހަރު އަހަރުގެ ޑިސެމްބަރު މަހު 5.7 މިލިއަން ޔޫރޯއަށް ބްރެޒިލްގެ ކްލަބަކުން ޗައިނާގެ ގުއަންޒޫއަށް ބަދަލުވުމަށް ފަހު އެލްކެސަން އަންނަނީ ޗައިނާ ސުޕަ ލީގުގައި ކުޅެމުންނެވެ. ގުއަންޒޫ ދޫކޮށްލުމަށް ފަހު 2016 ވަނަ އަހަރު އެލްކެސަން ޝަންހާއި ޓީމަށް ބަދަލުވި އެވެ. 10 މިލިއަން ޔޫރޯއަށް އެނބުރި ގުއަންޒޫ ޓީމާ އެލްކެސަން ގުޅުނީ މި އަހަރުގެ ޖުލައި މަހު އެވެ.

ބްރެޒިލްގައި ފުޓްބޯޅަ ކުޅުނު ދުވަސްވަރު އެލްކެސަންއަށް ވަނީ 2011 ވަނަ އަހަރު ބްރެޒިލްގެ ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. ބްރެޒިލްގެ ކުރީގެ ކޯޗް މަނޯ މެނެޒޭސްގެ ކޯޗުކަމުގައި ބްރެޒިލުން އާޖެންޓީނާއާ ދެކޮޅަށް ކުޅެން އޮތް މެޗުން އެލްކެސަންއަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ އެމެޗުގައި ކުޅެފައެއްނުވެ އެވެ. އޭގެ ފަހުން ޗައިނާއަށް ބަދަލުވެ އެލްކެސަން ވެފައިވަނީ ޗައިނާގެ ގައުމީ ޓީމުގައި ހިމެނުނު އެހެން ގައުމަކަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ޗައިނާ ހިމެނުނީ ރާއްޖެއާ އެއް ގްރޫޕެއްގަ އެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ބޭނުންކުރުމާއި ގުޅިގެން ވިނަގަނޑު ހަލާކުވެ ރާއްޖޭގައި ކުޅެން އޮތް މެޗު ބަދަލުކުރީ ޗައިނާއަށެވެ. ހޯމް އެންޑް އަވޭ މެޗު ވެސް ޗައިނާގައި ކުޅެން ޖެހުނު އިރު މި ދެ މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗު 3-0 އިން ބަލިވި އިރު ދެ ވަނަ މެޗުން ބަލިވީ 4-0 އިންނެވެ. ކޮލިފައިން މެޗެއްގައި އެންމެ ފަހުން ޗައިނާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ރާއްޖޭގެ ޓީމު ނުކުތީ 2001 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެ އަތުން ޗައިނާއަށް މޮޅު ވެވުނީ 1-0 އިންނެވެ.

މާދަމާ ރޭގެ މެޗަކީ ވޯލްޑް ކަޕްގެ ޗެމްޕިއަނަކާ ދެކޮޅަށް ރަނގަޅު ޗެލެންޖެއް ކޮށްލަން ރާއްޖެއަށް ލިބޭނެ ފުރުސަތެވެ. ޗައިނާއާ ދެކޮޅަށް މިފަހަރު ނުކުންނަ މެޗު ވެގެންދާނީ ވޯލްޑް ކަޕް ޗެމްޕިއަނެއްގެ ރޭވުން ހުއްޓުވަން ރާއްޖޭން ނުކުންނަ މެޗަކަށެވެ.

ކޮމެންޓް