ރާއްޖެ-ޗައިނާ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށަނީ

ކޮލިފައިންގެ ފުރަތަމަ މެޗުގައި ގުއާމް ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ޓީމުގެ ފޭދޫ އިއްބެ އުފާފާޅުކުރަނީ. - ފޮޓޯ: ފުއާމް ސްޕޯޓްސް ނެޓްވޯކް

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް އަންނަ އަންގާރަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ޓިކެޓް ވިއްކަން ފަށާނީ މިއަދު ހަވީރު 4:30 ގައި ގަލޮޅު ދަނޑުން ކަމަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ދަނޑުގެ ދެ ފަޅި ބަންދުކޮށްފައިވާތީ މިފަހަރުގެ މެޗުގައި ޖުމްލަ ވިއްކުމަށް ހަމަޖެހިފައިވަނީ 3400 ޓިކެޓެވެ. މިއީ ގައުމީ ޓީމުގެ މެޗުތަކަށް އާއްމުކޮށް ސަޕޯޓަރުން ވަންނަ އަދަދާ އަޅާބަލާއިރު މަދު އަދަދެކެވެ. ޓިކެޓް ވިއްކާނީ މިހާރު ބޭނުންކުރަމުން އަންނަ މަޖީދީ މަގު ފަޅި (އުތުރު ފަރާތް) އަދި ރޮސްޓްރަމް ފަޅިންނެވެ. ސަޕޯޓަރުންނަށް 3400 ޓިކެޓް ވިއްކާއިރު ފީފާގެ ގަވައިދުގެ ދަށުން ޗައިނާ ސަޕޯޓަރުންނަށް ވެސް ވަކި އަދަދެއްގެ ޓިކެޓް ކަނޑައަޅާނެ އެވެ.

ހައުސިން މިނިސްޓްރީގެ އެންގުމަށް ދަނޑުގެ ދެކުނު ފަރާތް (ސަހަރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ސިޑިބަރި ބޭނުންކުރުން ހުއްޓާލީ އެތަން ބޭނުންކުރުން ސަލާމަތީ ގޮތުން ރައްކާތެރިނުވާނެކަމަށް ބެލެވުމުންނެވެ. ފަހަކަށް އައިސް ގައުމީ ޓީމުގެ މެޗުތަކަށް ވަންނަ ސަޕޯޓަރުންގެ އަދަދު މަދުވިޔަސް ޗައިނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރާއްޖޭން ނުކުންނައިރު ސަޕޯޓަރުން ގިނަވާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ޗައިނާ މެޗަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ޓީމުގައި ހިމަނާފައިވާތީ އެތައް ބަޔަކު އަންނަނީ ސަޕޯޓް ކުރަން ދަނޑަށް ވަންނާނެކަމަށް ބުނަމުންންވެ.

ޗައިނާއިން ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި އެންމެ ފަހުން މެޗެއް ކުޅުނީ 2001 ވަނަ އަހަރު އެވެ. އެ ފަހަރު ޗައިނާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. އޭގެ ފަހުން ކޮލިފައިންގައި ގަލޮޅު ދަނޑުގައި ކުޅުނު އެންމެ މަޝްހޫރު އެއް ގައުމަކީ 2004 ވަނަ އަހަރު ދެކުނު ކޮރެއާ އެވެ. 2002 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ވަރުގަދަ ދެކުނު ކޮރެއާ އެފަހަރު ގޯލެއް ޖެހިޔަނުދީ ރާއްޖޭގެ ޓީމުން ވަނީ ހިފަހައްޓައިފަ އެވެ. އެ މެޗު 0-0 އިން އެއްވަރުވުމުން ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް ރާއްޖެ އައެވެ.

ރަޝިއާ ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ޓީމު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. އެފަހަރު ހޯމް އެންޑް އަވޭ މެޗު ވެސް ކުޅުނީ ޗައިނާގަ

މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ވެސް ރާއްޖެ ހިމެނުނީ ޗައިނާއާ އެއް ގްރޫޕެއްގަ އެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ބޭނުންކުރުމާއި ގުޅިގެން ވިނަގަނޑަށް ގެއްލުން ލިބުމުން އެފަހަރު ރާއްޖޭގައި ކުޅެން އޮތް މެޗު ވެސް ކުޅުނީ ޗައިނާގަ އެވެ. ޗައިނާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު 3-0 އިން މޮޅުވި އިރު ދެ ވަނަ މެޗުގައި އެޓީމުން ރާއްޖެ ބަލިކުރީ 4-0 އިންނެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ރަށުން ބޭރުގައި މިދިޔަ ބުރާސްފަތި ދުވަހު ގުއާމް ބަލިކޮށްފަ އެވެ. ދުނިޔޭގެ ރޭންކިންގެ 190 ވަނައިގައި އޮތް ގުއާމް އަތުން މޮޅުވި މެޗުގައި ރާއްޖޭގެ ގޯލު ކާމިޔާބުކޮށްދިނީ މާޒިޔާގެ ފޯވާޑް އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. ރާއްޖެ ހިމެނޭ ގްރޫޕުގެ ދެ ވަނަ މެޗުގައި ފިލިޕީންސް ދަނޑުގައި ސީރިއާ ވަނީ 5-2 އިން އެޓީމު ބަލިކޮށްފަ އެވެ. މި ގްރޫޕުގައި އަދި މެޗެއް ނުކުޅެނީ ޗައިނާއިންނެވެ.

ރާއްޖެއާ ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 8 ޖަހާއިރު އެވެ.

ކޮމެންޓް