މިހުރީ އެނބުރި އައިސް، 100 ޕަސެންޓް ދޭނަން: ދަގަނޑޭ

ގައުމީ ޓީމުން ފުރުސަތު ލިބޭ ކޮންމެ ފަހަރަކު ވެސް 100 ޕަސެންޓް ޓީމަށް ދޭނެ ކަމަށާއި، އެންމެންގެ ފަރާތުން ލިބޭ ލޯތްބާއި ސަޕޯޓަށް ޝުކުރު އަދާކުރާކަމަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ. ދަގަނޑޭ މިހެން ބުނީ އަންނަ އަންގާރަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ޓީމުގައި ކޯޗު ޕީޓަ ސެގާޓް އޭނާ ހިމެނުމުން ޓީމުގެ ކުޅުންތެރިންނާ އެކު ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގަ އެވެ.

ޗައިނާ މެޗަށް ދަގަނޑޭ ގައުމީ ޓީމުގައި ހިމެނުމުން އޭނާ މިހާރު ވަނީ ޓީމުގެ ކޭމްޕާ ގުޅިފަ އެވެ. އަދި، ބެލެވޭ ގޮތުގައި ގަލޮޅު ދަނޑުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގައި ދަނގަޑޭގެ ކުޅުން ފެންނާނެ އެވެ. ދަގަނޑޭއަށް އަލުން ގައުމީ ޓީމުން ފުރުސަތު މި ލިބުނީ އެކަށީގެންވާ ސަބަބެއް ދެއްކުމެއް ނެތި ޓީމުން ބާކީކޮށްފައި ހުންނަތާ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.

ދަގަނޑޭއަށް އަލުން ގައުމީ ޓީމުން ފުރުސަތު ދިނުމުގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ އުފާފާޅުކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ ދަގަނޑޭ ޓީމަށް ނެގުމުން ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލަން ދަނޑަށް ދާނެކަމަށެވެ. ދަގަނޑޭ ގައުމީ ޓީމުން ބާކީ ކުރުމުން ބައެއް ސަޕޯޓަރުން ވަނީ ދަނޑަށް މެޗުބަލަން ނުދާނެކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ދަގަނޑޭ ގައުމީ ޓީމުން ބާކީކުރީ މިދިޔަ އަހަރު މާޗް މަހު އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗުގެ ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުންނެވެ. ގައުމީ ކޯޗު ސެގާޓް އެފަހަރު ދަގަނޑޭ ގައުމީ ޓީމުން ބާކީކުރިގޮތަށް އޭގެ ފަހުން އޭނާއަށް ފުރުސަތެއްނުދެ އެވެ. މިދިޔަ އަހަރު 42 ގޯލު ޖަހައި ރަން ބޫޓާއި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދަގަނޑޭ އަށް ޓީމުން ފުރުސަތު ނުދޭތީ ސަޕޯޓަރުންނާއި ފުޓްބޯޅައިގެ އިސް ފަރާތްތަކުގެ ފާޑުކިއުން ކޯޗު ސެގާޓަށާއި އެފްއޭއެމަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. މިދިޔަ އަހަރު ރަނގަޅު ފޯމެއްގައި ހުރުމުން ސަޕޯޓަރުން އުއްމީދުކުރީ މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގެ ސްކޮޑުގައި ދަގަނޑޭ ހިމަނަނާނެ ކަމަށެވެ. އެކަމަކު އެ ފަހަރުގެ ޓީމުން ބާކީވުމުން ދެން އެންމެ ގިނަ ބަޔަކު އެދެމުން ދިޔައީ ވޯލްޑް ކަޕް ކޮލިފައިންގެ ޓީމުން ދަގަނޑޭއަށް ޖާގަ ދިނުމަށެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުގެ ޓީމުން ސެގާޓް ދަގަނޑޭއަށް ފުރުސަތުދީފައެއްނުވެ އެވެ. އެ މެޗު ރާއްޖޭން ވަނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ގެ ގޯލާއެކު ކާމިޔާބުކޮށްފަ އެވެ.

ޗައިނާ މެޗަށް ދަގަނޑޭއަށް ފުރުސަތު ދިން އިރު ދާދިފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދަގަނޑޭއާ ބައްދަލުކޮށްފަ އެވެ. އަދި، ކޯޗު ސެގާޓް ވެސް ވަނީ މިއަދުގެ ވަގުތެއްގައި ދަގަނޑޭއާ ބައްދަލުކޮށްފަ އެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 78 މެޗުގައި 52 ގޯލު ކާމިޔާބުކޮށްދީފައިވާ ދަގަނޑޭ މި ސީޒަނުގައި ކުޅެމުން އަންނަނީ ކްލަބް ގްރީން ސްޓްރީޓްސް އަށެވެ.

ރާއްޖެއާ ޗައިނާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރޭ 8 ގަ އެވެ.

ކޮމެންޓް

    ޒަންޑަ

    ވަރަަށްުއުފާކުރަން

    Anonymous

    ވަރަށްު އުފަާކުރަން