ދަގަނޑޭ ޗައިނާ މެޗަށް ގައުމީ ޓީމާ ގުޅެނީ

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ އިތުރުން 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން ކުޅެންޖެހޭ މެޗްތަކުގެ ތެރެއިން މި މަހު ކުޅެން ހަމަޖެހިފައި އޮތް ދެ މެޗަށް އެކުލަވާލި ގައުމީ ޓީމްގެ ސްކޮޑުން ބާކީކޮށްފައިވާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް އަލުން ފުރުސަތުދޭން ކޯޗް ޕީޓަރ ސެގާޓް ނިންމައިފިކަން އިތުބާރުހުރި ގޮތަކަށް “ފަހުމިނެޓް” އަށް އެނގިއްޖެއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗްގައި މިދިޔަ ބުރާސްފަތި ދުވަހު  ގުއާމްގެ މައްޗަށް އެ ގައުމުގައި ރާއްޖޭގެ ޓީމުން ކުރި ހޯދުމަށް ފަހު އަންނަ އަންގާރަ ދުވަހު ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅެން ޖެހޭ މެޗަށް ރާއްޖޭގެ ޓީމުން ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅުކުޅުންތެރިޔާ ދަގަނޑޭއަށް ގައުމީ ޓީމުން އަލުން  ޖާގަ ދޭން ކޯޗް މި ނިންމީ ގައުމީ ޓީމުން ދަގަނޑޭ ބާކީ ކުރުމުން ގިނަ ބައެއްގެ ބޮޑެތި ފާޑުކިޔުން ކޯޗަށާއި އެފްއޭއެމަށް އަމާޒުވެފައި ވަނިކޮށެވެ. “ފަހުމިނެޓް” އަށް އެނގިފައިވާ ގޮތުގައި ޗައިނާ މެޗަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި މާދަމާ ދަގަނޑޭ ބައިވެރިވާނެއެވެ. އެހެން ނަމަވެސް ދަގަނޑޭ ގައުމީ ޓީމަށް ނެގިކަން އެފްއޭއެމުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.  

2003 ވަނަ އަހަރުގެ ފަހުން ބަރާބަރަށް ގައުމީ ޓީމަށް ކުޅެމުން އައި ދަގަނޑޭ އަށް މިހާރުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަރ ސެގާޓް ފުރުސަތު ނުދޭންފެށީ މިދިޔަ އަހަރުގެ މާޗް މަހު ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅެން އޮތް އޭޝިއަން ކަޕް ކޮލިފައިން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ. ސެގާޓް ދަގަނޑޭ އަށް އަދަބެއް ދިނުމުގެ ގޮތުން ޓީމުން އެފަހަރު ވަކިކުރި ނަމަވެސް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގެ ޓީމުގައި ދަގަނޑޭ ހިމެނޭނެ ކަމަށެވެ. އެކަމަކު ރަނގަޅު ފޯމުގައި ހުރި ދަގަނޑޭ އަށް އެ މުބާރާތުން ފުރުސަތު ނުދިންއިރު ދެން ފެނުނީ ކޯޗު ސެގާޓް ދަގަނޑޭ އެއްކޮށް ބާކީކޮށްލި ތަނެވެ. ދަގަނޑޭ ގައުމީ ޓީމަށް ނުނަގާ މައްސަލައިގައި ސެގާޓްގެ ރާގު އެކި ފަހަރު އެކި ގޮތަށް ހުރުމަކީ ފުޓްބޯޅަ ސަޕޯޓަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވާ އެއް ސަބަބެވެ. އަނެއްކޮޅުން މިދިޔަ ސީޒަނުގައި 42 ގޯލު ޖަހައި ރަނގަޅު ފޯމުގައި ހުރި ކުޅުންތެރިއަކު ގައުމީ ސްކޮޑުން ބާކީކުރުން ގިނަ ބަޔަކު ސިފަކުރަނީ “ޒާތީ” ކަމެއްގެ ގޮތުގަ އެވެ.

އުމުރުން އެންމެ 16 އަހަރުގައި 2001 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެންފެށި ދަގަނޑޭ ގައުމީ ޓީމުގައި އެންމެ ފުރަތަމަ ހިމެނުނީ 2003 ވަނަ އަހަރު އެވެ. އެކަމަކު އެ ފަހަރު ޕްރިލިމިނަރީ ސްކޮޑުން ދަގަނޑޭ ބާކީވި ނަމަވެސަ ޖެހިގެން އައި އަހަރުން ފެށީގެން ދަގަނޑޭ އަކީ ގައުމީ ޓީމުގައި ގަވައިދުން ހިމެނެމުން އައި ކުޅުންތެރިއެކެވެ. 2004 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މޮންގޯލިއާ އަތުން 12-0 އިން ރާއްޖެ މޮޅުވިއިރު ދަގަނޑޭ ވަނީ ހަތަރު ގޯލު ޖަހައި އެއް މެޗެއްގައި ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އޭގެފަހުން 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ކޮޅަށް ހަ ގޯލު ޖަހައި ދަގަނޑޭ ވަނީ އޭނާގެ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ. 2008 ވަނަ އަހަރު ރާއްޖޭން ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރަން މެޑަލް ހޯދިއިރު ދަގަނޑޭ އަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި، 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕުން ރާއްޖެ ތިން ވަނަ ހޯދިއިރު ވެސް ދަގަނޑޭ ވަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.  

ކޮމެންޓް